ޖިއްދާއާއި ދިމާއަށް ބޭރުން ދަތުރުކުރަމުން ދިޔަ އީރާނުގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

އީރާނުގެ ތެޔޮ ޓޭންކަރު 'ސާބިތީ' ގައި ރޯވެ އަނދަމުން ދަނީ

ސައުދީ އަރަބިއްޔާގެ ޖިއްދާއާ ދިމާއަށް ބޭރުން ރަތް ކަނޑު (ރެޑް ސީ) ގައި ދަތުރުކުރަމުން ދިޔަ އީރާނުގެ ތެޔޮ ޓޭންކަރަކަށް މިސައިލު ހަމަލާއެއް އަރައި، އެ ޓޭންކަރުން ތެޔޮ ބޭރުވަމުން ދާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ނޭޝަނަލް އޮއިލް ކޮމްޕްނީ (އެންއޯސީ) އިން ބުނި ގޮތުގައި އެ ކުންފުނީގެ ތެޔޮ ޓޭންކަރު 'ސާބިތީ' ޖިއްދާގެ 100 ކިލޯމީޓަރު ބޭރުން ދަތުރުކުރަމުން ދަނިކޮށް މިއަދު ފަތިހު 5:20 (ރާއްޖޭ ގަޑިން ހެނދުން 7:20) ހާއިރު އެ ޓޭންކަރަށް ދެ ހަމަލާ އަމާޒުވުމުގެ ސަބަބުން އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

"ބޮޑަށް ބެލެވެނީ ގެއްލުން ލިބުނީ މިސައިލްތަކަކުން ކަމަށް." އެންއޯސީއިން ބުނެފައި ވެއެވެ.

ޚަބަރު ލިބޭ ގޮތުގައި ޓޭންކަރުގައި ތެޔޮ ރައްކާކުރާ ދެ ޓޭންކަކަށް ހަމަލާ އެރުމުގެ ސަބަބުން އެ ދެ ޓޭންކުގައި ހުރި ތެޔޮ ވަނީ ރަތް ކަނޑަށް އެޅިފައެވެ.

ޓޭންކަރުގައި ދަތުރުކުރި ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ވެއެވެ. އަދި ޓޭންކަރަށް ދަތުރުނުކުރެވޭ ވަރުގެ ގެއްލުމެއް ވެސް ނުވެއެވެ. އަދި އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި ޓޭންކަރުން ތެޔޮ ބޭރުވުންވެސް މިހާރު ވަނީ ހުއްޓުވިފައެވެ.

އީރާނުން މިއީ ޓެރަރިސްޓު އަމަލެއް ކަމަށް ސިފަކޮށްފައި ވާއިރު އަދި އެއްވެސް ފަރާތަކަށް ތުހުމަތުގެ އިނގިދި ދިއްކޮށްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.