އިންޑޮނޭޝިޔާގެ ކޯޑިނޭޓިންގ ސެކިއުރިޓީ މިނިސްޓަރުގެ ހަށިކޮޅަށް ވަޅިހަރައިފި

އިންޑޮނޭޝިޔާގެ ކޯޑިނޭޓިންގ މިނިސްޓަރ އޮފް ޕްލިޓިކަލް، ލީގަލް އެންޑް ސެކިއުރިޓީ އެފެއާޒް ޖެނެރަލް (ރިޓާޔަޑް) ވިރާންޓޯގެ

އިންޑޮނޭޝިޔާގެ ކޯޑިނޭޓިންގ މިނިސްޓަރ އޮފް ޕްލިޓިކަލް، ލީގަލް އެންޑް ސެކިއުރިޓީ އެފެއާޒް ވިރާންޓޯގެ ހަށިކޮޅަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ޖާވާގެ ޕްރޮވިންސެއް ކަމުގައިވާ ބަންޓެންގެ ޕަންޑެގްލާންގް އަވަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަނިކޮށް މިއަދު އޭނާއަށް ހަމަލާ ދީފައި ވަނީ ވަޅި ހިފައިގެން ތިބި ދެމީހެކެވެ. މިނިސްޓަރަށް ދިން ހަމަލާގައި އެއަވަށުގެ ފުލުހުންގެ ވެރިޔާ މޭޖަރ ޑަރިޔާންޓޯ ވެސް ވަނީ ޒަޚަމްވެފައެވެ.

މިއަދު ހެނދުނު 11:55 (ރާއްޖޭ ގަޑިން ހެނދުނު 9:55) ހާއިރު އެ ދެމީހުން އޭނާގެ ބުރަކަށިފުޅަށް ވަޅި ހަރާފައި ވަނީ ކާރުކޮޅުން ފައިބައި ވަޑައިގަންނަވަނިކޮށެވެ. ހަމަލާދިން ދެމީހުން ކުރެ އެކަކީ އަންހެނެކެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިންޑޮނޭޝިޔާގެ ގައުމީ ފުލުހުންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޑެޑީ ޕްރަސެޓްޔޯ ވިދާޅުވި ގޮތުގައި ވިރާންޓޯއަށް ހަމަލާދިން ފިރިހެން މީހާއަކީ އިސްލާމިކް ސްޓޭޓަށް ތާއީދުކުރާ މީހެކެވެ.

ސެކިއުރިޓީ މިނިސްޓަރު ވަނީ ހޮސްޕިޓަލެއްގައި ޖަކާޓާގެ ގަޓޯޓް ސޮއެބްރޮޓޯ އަސްކަރީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

ހަމަލާއަށް ފަހު އަވަސް ފަރުވާއަށް މިނިސްޓަރު ވިރާޓޯ ގެންދެވުނު ބެރްކާ ހޮސްޕިޓަލުގެ ތަރުޖަމާނު ފީރްމަންޝާހް ބުނި ގޮތުގައި ވިރާންޓޯގެ ހަށިކޮޅުގައި "ފުން ދެ ޒަޚަމް" ހުރި ނަމަވެސް އޭނާގެ ހޭފުޅަށް ގޮތެއް ނުވެއެވެ. އަދި ހާލުކޮޅު އިތުރަށް ގޯހެއް ނުވެއެވެ.

އުމުރުފުޅުން 72 އަހަރުގެ ވިރާންޓޯއަކީ އިންޑޮނޭޝިޔާ ސިފައިންގެ ކުރީގެ ވެރިޔާއެވެ. ރައީސު ވިދޯދޯ އޭނާއަށް ސެކިއުރިޓީ މިނިސްޓަރުކަން ދެއްވީ 2016 ވަނަ އަހަރުގައެވެ. އަދި ދާދި ފަހުން ހުޅަނގު ޕަޕުއާގެ މައްސަލަ ހައްލުކުރުމުގެ ޒިންމާވެސް ރައީސު ވިދޯދޯ ހަވާލުކުރެއްވީ އޭނާއާއެވެ.

ކޯޑިނޭޓިން މިނިސްޓަރެއްގެ ހައިސިއްޔަތުން ފޮރިން، ހޯމް އަދި ޑިފެންސް މިނިސްޓަރުންވެސް މަސައްކަތްޕުޅުކުރައްވަނީ އޭނާގެ ދަށުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.