ދައުލަތަށް ލިބޭނެކަމަށް ކަނޑައަޅާ އާމްދަނީ 5 އިންސައްތަ ކައުސިލްތަކަށް ދޭންޖެހޭނެކަމަށް، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ހުށަހެޅުނު ޤަރާރުގައި ކަނޑައަޅައިފިއެވެ. މި ޤަރާރަށް މަޖިލީހުގައި އިއްޔެއާއި މިއަދު ވަނީ ބަހުސް ކުރައްވައިފައެވެ. ގިނަ މެމްބަރުން ވަނީ މިޤަރާރަށް ތާއީދުކޮށްފައެވެ.
ޤަރާރުގައި ބުނާގޮތުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރެވޭނޭ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބެންޖެހޭނެއެވެ. އެގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގައި ދައުލަތަށް ،ލިބޭނެކަމަށް ކަނޑައަލާ އާމްދަނީ ގެ ތެރެއިން ފަސް އިންސައްތަ ކައުންސިލްތަކަށް ދޭނެޖެހޭނެއެވެ. އަދި މީހުން ދިރިނޫޅޭ ރަށްރަށުގެ ބިމުކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާއްމުދަނީގެ 40 އިންސައްތަވެސް ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކަށް ލިބެންޖެހޭނެއެވެ. ޤަރާރުގައި ކަނޑައަޅާ ފައިވާ ފައިސާ ކައުންސިލްތަކަށް ދޭނެޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުޞޫލަކުން އެވެ.
ކައުންސިލްތަކަށް ލިބޭ މާލީ އެހީތެރިކަމާއި ދައުލަތުގެ ބަޖެޓުން ދެވޭފައިސާގެ ސަބަބުން ދައުލަތުގެ ޖުމުލަ ޚަރަދު އިތުރުވެގެން ނުދާނެކަން ކަށަވަރު ކުރުމުގެގޮތުން، އެފައިސާއިން އެއަހަރަކަށް ކުރުމަށް ކަނޑައަޅާ މަސައްކަތްތައްވެސް ކައުންސިލް ދަށަށް ބަދަލުވާކަން މަޖިލީހުން ކަށަވަރު ކުރަންޖެހޭނެކަމަށް ވެސް ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދެވެ. މިއީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅާ ޤަރާރެކެވެ.
ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއް ތަންފީޒު ކުރުމަށްޓަކައި އެކަމަށްބޭނުންވާ ބަޖެޓް ކަމާބެހޭ ވުޒާރާއަށް ލިޔެގެން ހޯދާގޮތަށް އިންތިޒާމުވެފައި އޮތުމަކީ ރައްޔިތުންނަށް ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ލަސްވެގެންދާކަމެއް ކަމަށް ޤަރާރުގައި ވަނީ ފާހަގަކޮށްފައެވެ. ކައުންސިލްތަކަށް ލިބެންޖެހޭ މާލީ ފުދުންތެރިކަން ހޯދޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން، ކައުންސިލްގެ ޒިންމާ އުފުލުމަށް ހުރަސްތައް ކުރިމަތިވެ، ކައުންސިލަށް އޮންނަންޖެހޭ އިތުބާރު ގެއްލިގެން ގޮސްފައިވާކަމަށް ވެސް ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށްޓަކައި ކައުންސިލްތަކަށް ލިބިދެވޭ ފައިސާ ބޭނުންކުރުމާ ގުޅޭ އުޞޫލުތަކާއި އެފައިސާއާއި ގުޅިގެން އުފެދޭ އަދި މާލީ ޒިންމާތައް ޤާނޫނޫގައި ކަނޑައަޅައި ގެން ބަޔާން ކުރުމަށް މަޖިލިސް އިޤްރާރުވާންކަމަށް މިޤަރާރު ނިންމާލަމުން ވަނީ ބުނެފައެވެ.a
މާލީ ބާރުވެރިކަން ދޭންވީ އެރަށެއްގައި ދާއިމީކޮށް ދިރިއުޅޭ ރައްޔިތުންގެ ނިސްބަތުން.ގައުމުގައިތިބި ތައުލީމާއި ތަޖުރިބާހުރި މީހުންގެ ބޭނުން ހިފުމަށް ޓަކާ ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަކޮށް ޓޫރިޒަމް އާއި މަސްވެރިކަމުގެ އިތުރުން އިތުރު ދާއިރާތަކުން ވަޒީފާ އުފައްދަން ސަރުކާރުން މަސައްކަތް ކުރަން އެބަޖެހޭ.