ނިއުކުލިޔާ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ ވައުދެއް އެއްވެސް ބަޔަކަށް ވެފައި ނުވާނެ: ޕާކިސްތާނުގެ ޚާރިޖީ ވަޒީރު

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ

ޕާކިސްތާނުން ނިއުކުލިޔާ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ އެއްވެސް ވައުދެއް ދުނިޔޭގެ އެއްވެސް ބަޔަކަށް ވެފައި ނުވާނެކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އަމިއްލަ ނަފުސުގެ ދިފާއުގައި ނިއުކުލިޔާ ހަތިޔާރު ބޭނުންކުރަން މަޖުބޫރުވެއްޖެ ނަމަ އެކަން ކުރަން ޕާކިސްތާނު ފަސް ނެޖެހޭ ކަމުގައެވެ.

އަރަބި ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ޤުރައިޝީ ވިދާޅުވީ، ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންޑިޔާއިން މިހާރު ހިންގާ އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ބޮޑުވަމުންދާ ނުތަވަސްކަމުގެ އެންމެ ބޮޑު ނުރައްކަލަކީ، ނިއުކުލިޔާ ހަތިޔާރު ހުރި ދެ ގައުމުގެ ދެމެދުގައި މިކަން ހިނގާ ކަމެވެ. މި ހާލަތުގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ، އެކަމުން ގެއްލުން ވާނީ ދެކުނު އޭޝިޔާއަށް އެކަނި ނޫންކަމާއި، އެންމެންނަށް ގެއްލުން ވާނެކަންވެސް ޤުރައިޝީ ފާހަގަކުރެއްވިއއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ކަޝްމީރުގެ މައްސަލަ ހައްލުކުރުގެ ގާބިލުކަން ލިބިގެންވާ ދެ ފަރާތަކީ އދ. ގެ ސަލާމަތީ މަޖިލީހާއި އެމެރިކާއެވެ. އދ. މި މައްސަލަ ކާރީސާއަކަށް ބަދަލުވެ، ދެން އެނބުރި ނާދެވޭ ހިސާބަކަށް ދިއުމުގެ ކުރިން ސަލާމަތީ މަޖިލީހުން މި މައްސަލަ ހައްލުކުރަން ޖެހެއެވެ.

ސީދާ މި މޭރުމުން ވާހަކަފުޅު ނުދެއްކެވި ނަމަވެސް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ވެސް ވަނީ އިންޑިޔާއާއެކު ހަނގުރާމައެއް ފެށިއްޖެނަމަ، ޕާކިސްތާނަށް އޮންނާނީ ދެ ގޮތް ކަމުގައެވެ. އެއީ، ހަތިޔާރު ބަހައްޓާފައި އަމާންދިނުމެވެ. ނުވަތަ އަމިއްލަ މިނިވަންކަމުގެ ދިފާއުގައި ކުރެވެން އޮތް ކަމެއް ކުރުމެވެ. އޭނާވެސް، ފާހަގަކުރައްވާފައިވާ ގޮތުގައި މި ހާލަތުގައި ގެއްލުންވާނީ ސަރަހައްދަށް އެކަންޏެއް ނޫނެވެ.

އިންޑިޔާއިން 1967 ވަނަ އަހަރު ނިއުކުލިޔާ ހޯދުންތަކުގެ މަސައްކަތް ފަށާފައިވާއިރު، ފުރަތަމަ ނިއުކުލިޔާ ހަތިޔާރު ޓެސްޓުކޮށްފައި ވަނީ 1974 ވަނަ އަހަރުއެވެ. އިންޑިޔާގައި މިހާރު 130 އަށް ވުރެ ގިނަ ނިއުކުލިޔާ ވޯހެޑް ހުރިއިރު، 8 ހާސް ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރާ ނިއުކުލިޔާ މިސައިލް އެބަހުއްޓެވެ. ޕާކިސްތާން ނިއުކުލިޔާ ހޯދުންތަކުގެ މަސައްކަތް ފަށާފައި ވަނީ 1972 ވަނަ އަހަރުއެވެ. އަދި ފުރަތަމަ ނިއުކުލިޔާ ހަތިޔާރު ޓެސްޓުކޮށްފައި ވަނީ 1998 ވަނަ އަހަރުއެވެ. ޕާކިސްތާނުގައި 150 އަށްވުރެ ގިނަ ނިއުކުލިޔާ ވޯހެޑް ހުރި އިރު، 2700 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރާ ނިއުކުލިޔާ މިސައިލް އެބަހުއްޓެވެ.

އިންޑިޔާއާއި ޕާކިސްތާނަކީ ވެސް ނިއުކުލިޔާ ހަތިޔާރު ފެތުރުން ހުއްޓުވާ މުއާހަދާ، ނިއުކުލިޔާ ނޮން ޕްލޮރިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގައި ސޮއިކޮށްފައި ނުވާ ދެގައުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.