އިންޑިއާގެ އުކުޅުތަކުގެ ސަބަބުން ޕާކިސްތާނު ނުސިހޭނެ ކަމަށާއި، ޕާކިސްތާނުގެ ހިމޭންކަމަކީ ބަލިކަށިކަން ކަމުގައި ހީ ނުކުރުމަށާއި، އޭނާގެ ގައުމު އޮތީ އިދިކީލި ކޮންމެ ބާރަކާވެސް ކުރިމަތިލެވޭހައި ބާރު ގަދަ ފެންވަރެއްގައި ކަމަށް ވިދާޅުވެ، ޕާކިސްތާޏުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފް އިންޑިއާއަށް އިންޒާރު ކުރައްވައިފިއެވެ.
އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ދެ ގައުމު ގުޅޭ އިން މަތީގައި އިންޑިއާ ސިފައިންގެ ހަމަލާތަކެއްގައި ޕާކިސްތާނުގެ ހަތް ސިފަޔަކު މަރު ވެފައިވާ ކަމަށް ޕާކިސްތާނުން އެއްބަސްވީތާ އެއް ދުވަސް ފަހުން އިއްޔެއެވެ. ނަވާޒު ޝަރީފް މިހެން ވިދާޅުވީ ސަރަހައްދީ ރޮނގު އޮންނަ ހިސާބުގައި ހިނގަމުންދާ ނުތަނަވަސްކަން ދިރާސާ ކުރުމަށްޓަކައި އޭނާ އެކުލަވައި ލެއްވި ކޮމިޓީގެ ރިޔާސަތުގައި އިންނަވައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އިންޑިއާ އިން ހަމަލާތައް ދިނުން ހުއްޓާނުލައި ކުރިއަށް ގެންދާއިރުވެސް ޕާކިސްތާނުން ކެތްތެރި ވެގެން އޮންނަނީ ފިނޑި ވެގެން ނޫން ކަމަށާއި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ވިސްނާތީ ކަމަށް ނަވާޒު ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި އިންޑިއާގެ ނޭއްގާނި ހަމަލާތަކަކީ ސަރަހައްދުގެ ރައްކާތެރި ކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ އިންޑިއާއަށް ފާޑު ވިދާޅުވިއެވެ.
"މިއީ ކަޝްމީރުގައި އެ މީހުން ކުރަމުން ގެންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކަށް ދުނިޔޭގެ ސަމާލުކަން ލިބިދާނެތީ ދެބޯގެރި ދުއްވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ކުރާ ކަމެކެވެ." ނަވާޒު ޝަރީފު ވިދާޅުވިއެވެ.
އިންޑިއާއިން ސަރަހައްދީ އިން މަތީގައި ހިންގާ ޖަރީމާތަކަށް ސަމާލުކަން ދީގެން ބަލަމުން ގެންދާން އަލިފު ދާލަށް އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވިއެވެ. "އަހަރެމެންގެ ސިފައިން އިސްވެ ހަމަލާއެއް ނުދޭނެއެވެ. އެކަމަކު އެކޮޅުން ހަމަލާއެއް ދީފި ނަމަ، އެ ހަމަލާއަކަށް ރައްދު ދޭނެއެވެ."
އިންޑިއާގެ ހަމަލާތަކަށް އެކަށީގެންވާ ރައްދު ދޭން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ރާހީލް ޝަރީފު ވަނީ އިއްޔެ ސިފައިންނަށް އަންގަވައިފައެވެ. ބޮޑު ވަޒީރުގެ މުޝީރު ސަރްތާޖް ޢަޒީޒު ވަނީ މިހާރު އިން މަތީގައި ހިނގާ ކަންތައްތަކުގެ ރިޕޯޓެއް ނަވާޒު ޝަރީފަށް އަރުވައިފައެވެ. އެ ރިޕޯޓުގައިވާ ގޮތުގައި މި ފަހަކުން އިންޑިއާއިން ދީފައިވާ ހަމަލާ ތަކުން 26 ސިފަޔަކު ވަނީ ޝަހީދު ވެފައެވެ. އަދި 107 ސިފަޔަކު ވަނީ ޒަޚަމު ވެފައެވެ. މި ހަމަލާ ތަކަކީ 2003 ވަނަ އަހަރު ދެ ގައުމުން ސޮއި ކޮށްފައިވާ އެއްބަސްވުމާ ޚިލާފު ހަމަލާ ތަކެކެވެ.
ޕާކިސްތާނާއި އެމެރިކާގެ ގުޅުމާ ބެހޭ ގޮތުންވެސް ސަރްތާޖް ޢަޒީޒުގެ ރިޕޯޓުގައި ބައްލަވާލައްވާފައި ވެއެވެ. ނަވާޒު ޝަރީފު ވިާޑލުވި ގޮތުގައި އެމެރިކާއާއި ޕާކިސްތާނާ ދެމެދު އޮތީ ވަރުގަދަ ގުޅުމެކެވެ. އެމެރިކާގެ އައި ޒަޢާމަތާއެކު މަސައްކަތް ކޮށް ސަރަހައްދީ ސަލާމަތްތެރިކަން އިޢާދަ ކުރުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ބޮޑު ވަޒީރު ނަވާޒު ޝަރީފު ވިދާޅުވިއެވެ.