
ކައްކާ ގޭހުގެ ޚިދުމަތް ރާއްޖޭގައި ދެމުން އަންނަ މޯލްޑިވްގޭސް އިން ދަގަނޑު ފުޅިތައް ދޫކޮށްލަން ނިންމައިފިއެވެ.
އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ޝަޒާއިލް ޝިޔާމް ވިދާޅުވީ ކުންފުނީގެ އަމާޒަކީ ކުރިއަށްއޮތް ފަސް އަހަރުތެރޭގައި ލުއިފުޅިއަށް ބަދަލު ކޮށްލުން ކަމަށެވެ.
އެކުންފުނީން ލުއިފުޅިތައް ތަޢާރަފު ކުރުމުން ވަރަށްގިނަ މީހުންނަށް އެފުޅިތައް ކަމުދިޔައެވެ. އަދި ވަރަށްގިނަ މީހުން މިހާރުވަނީ ލުއިފުޅިއަށް ބަދަލުކޮށްފައެވެ. ދަގަނޑު ފުޅިތައް އެއްކޮށް ދޫކޮށްލައި ލުއިފުޅިއަށް ބަދަލުކުރުމުން ކުންފުނީގެ ފަރާތުން ޑެލިވަރީކޮށްދޭންދާ މީހުންނަށާއި ކަސްޓަމަރުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ލުއިފުޅިއަކީ ގެންގުޅެން ފަސޭހަ ދަބަރު ނުޖަހާ ފުޅިއެކެވެ. އެ ފުޅި ތަޢާރަފް ކުރުމުގެ ކުރިން މޯލްޑިވް ގޭހުންވަނީ ވަރަށް ބޮޑަށް ޓެސްޓް ކޮށްފައެވެ. އެއީ ދަގަނޑުފުޅިއަށްވުރެ ރައްކާތެރިކަންބޮޑު ފުޅިއެއް ކަމަށް މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ.
ދަގަނޑުފުޅިތައް ދޫކޮށްލަނީ ގެންގުޅެން އުނދަގޫވުމާއި ދަބަރުޖެހުންފަދަ މައްސަލަ ބޮޑުވުމުންނެވެ. ލުއިފުޅިއަށް ބަދަލުކުރެވެންދެން ވެސް ދަގަނޑުފުޅީގައި ދަބަރުޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކައްކަތް ކުރައްވާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
ޝަޒާއިލް ވިދާޅުވީ ކުންފުނީން ރައްޔިތުންނަށް ދެމުންގެންދަވަނީ ވަރަށްބޮޑު އެހާމެ މުހިންމު ޚިދުމަތެއް ކަމަށެވެ. އެހެން ކަމުން އެއާ އެއްވަރަށް ސަލާމަތްތެރި ކަމަށްވެސް އިސްކަން ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.