ފާނޫޒު - 70

(5 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

ސާލާރް އޭނާގެ އަތް ތިލައިގައި ހުރި ރޮނގުތަކަށް ބަލަން ފެށިއެވެ. އޭނާ އަށްޓަކައި ފުރްގާންގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ. މިއީ ވަގުތުގެ ޝިކާރައަކަށް މީހަކު ވީ ފުރަތަމަ ފަހަރެއް ނޫނެވެ.

***

ރޭގަނޑުގެ އަނދިރިކަން ވެރިވަމުން ދިޔަވަރަކަށް މަގުމަތީގެ ޓްރެފިކް ވެސް މަދުވަމުން ދިޔައެވެ. ބޯ ދުންފިނީގެ ތެރޭގައި މަގުމަތީން ފެންނާން ހުރި ހުރިހާ އެއްޗެއް ފަރުދާވަމުން ދިޔައެވެ.

ސާލާރް އިށީނދެގެން އިން ބެލްކަންޏަށް މަގުބައްތި ތަކުން ކޮންމެެވެސް ވަރަކަށް އަލިވެއެވެ. އެ އަނދިރީގެ ތެރެއިން ކޮފީ ތަށިން އަރަމުންދާ ދުން ބިރުވެރި ސިފަސިފައިގައި ފެނެއެވެ. އޭނާ އިނީ މޭމަތީގައި ދެ އަތް އަޅައިގެންނެވެ. ތިރިން ފެންނަ މަގަށް ބަލާށެވެ. ދުންފިނީގެ ތެރެއިން ފެންނަނީ ބީރައްޓެހި މަންޒަަރެކެވެ.

ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. އޭނާއަށް ގެއަށް އާދެވުނީ މީގެ އިރުކޮޅެއް ކުރީންނެވެ. ކާވެނީގެ ރަސްމިއްޔާތު ނިމުމާއެކު އޭނާ އަވަސް އަވަހަށް އެތަނުން ނިކުތެވެ. ގެއަށް އައީ ވަކި މަންޒިލެއް ނެތި އެތައް އިރަކު ދުއްވުމަށްފަހު އެވެ. ގެއަށް އައިސް އޭނާ ފޯނު ނިވައިލިއެވެ. އޭނާ ބޭނުންވީ މި ވަގުތަށް އެކަނި ވެލާށެވެ. އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވީއެވެ. ފުރްގާނާ ވާހަކަ ދައްކާކަށް ވެސް މި ވަގުތަކު ބޭނުމެއް ނޫނެވެ. ފުރްގާން އޭނާއަށް ކަންކަން އޮޅުންފިލުވައިދޭން މަސައްކަތް ކުރާނެއެވެ. ޑރ. ސިބްތެ ޢަލީ އާ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވިއެވެ. އޭނާ ޝުކުރު އަދާކުރަން ސާލާރް އަށް ފޯނު ކުރާނެއެވެ. ސާލާރް ބޭނުންވީ ހަމަ ހިމޭންކަމެވެ.

ކޮފީ މަގުން އަރަމުންދާ ދުމަށް ބަލަން އިނދެ އޭނާ އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ހިތަށް ގެނައެވެ. އެއީ ހުވަފެނެއް ކަހަލަ ތިން ހަތަރު ގަޑި އިރެވެ. އެއީ ހުވަފެނެއް ނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެތާނގައި އިށީނދެ އިން އިރު ގެފުޅަށް ގޮސް ކުރި ދުޢާ މަތިން ހަނދާންވިއެވެ.

"އެހެންވީމާ މިއީ އަހަރެންގެ ހަޔާތުން އޭނާ ބޭރުކުރުމަށް ނިންމުނު ނިންމުމެއްބާ؟" ސާލާރް ކެކުޅުމާއެކު ވިސްނައިލިއެވެ. "އެހެން ކަމަށް ވާނަމަ އަހަރެންގެ ހިތުގައި މި އަޅާ ވޭން ވެސް ފިލަންވާނެ. އެ ވޭނުން އަހަރެން ސަލާމަތްކޮށްދިނުން އެދިވެސް އަހަރެން ދުޢާ ކުރީމު. އަދި އޭނާގެ ހަނދާންތަކާ ދުރަށް އަހަންނަށް ދެވެންވާނެ." ގަނޑުވެފައިވާ ދެ އަތުން ސާލާރް އެ ހޫނު ކޮފީ މަގުގައި ހިފިއެވެ. އަދި މަގުގައިވާ ހިތި ކޮފީގެ ކޯވަރެއް ބޯލިއެވެ. "އެހެންވީމާ... އިމާމާ ހާޝިމް... ކަމަނާ އަބަދަށްޓަކައި އަހަރެންގެ ހަޔާތުން ބޭރުވީ."

ބެދިފައިވާ މަޅީގައި ނުޖެހި ކުރެވޭން އޮތް ކަންކަމަކާ މެދު އޭނާ ވިސްނައިލިއެވެ. ސައީދައްތަ އާ އެ ދުވަހު މަގުމަތިން ދިމާނުވި ނަމައެވެ،  އޭނާ ގޮވައިގެން އެ ގެއަށް ދާން ނޫޅެވުނު ނަމައެވެ. އެޑްރެސް އެނގުނު ނަމައެވެ. އޭރުން އޭނާ ގޮވައިގެން ގެއަށް އަންނަން ނުޖެހުނީހެވެ. އެހެން ކަންތައް ވީ ނަމަ އޭނަޔާ އިތުރު ގުޅުމެއް ނުއުފެދުނީހެވެ. އަދި އޭނާގެ އަންހެން ދަރިފުޅުގެ ކާވެންޏަށް ދައުވަތު ވެސް ނުދިނީހެވެ. ލާހޯރަށް ނައިސް ކަރާޗީގައި މަޑުކޮށްލެވުނު ނަމައެވެ. ނުވަތަ ނިދަން އޮށޯތް އިރު ފޯނު ނިއްވާލެވުނު ނަމައެވެ، ފުރްގާންގެ ފޯނަށް ޖަވާބު ނުދެވުނު ނަމައެވެ. އޭރުން މި މަޅީގައި ނުބެދުނީހެވެ. ޑރ. ސިބްތެ ޢަލީ އަކީ ދަންނަ މީހެއް ނޫން ނަމަ އޭނާގެ އެދުމަށް ފުރަގަސް ދެވުނީހެވެ.

"އަހަރެންގެ ހަޔާތުގައި އިމާމާ ލިޔެވިފައި ނެތީއެވެ." މޫނުގައި ދެއަތް އަޅަމުން ހިތާ ހިތުން އޭނާ ބުނެލިއެވެ. އެއްޗެއް ހަނދާންވެގެން މޫނުން ދެ އަތް ނެގިއެވެ. އަދި ޖީބުން ވޮލެޓު ނެގިއެވެ. ވޮލެޓުން ފަށް ޖަހާފައި އޮތް ކަރުދާސްކޮޅެއް ނެގިއެވެ. އަދި ކަރުދާސްކޮޅު ނިއުޅުވާލާފައި އޭގައި ލިޔެފައި އޮތް އެއްޗެއް ކިއެވެ.

"ސިކަންދަރްބެއަށް،

ދަރިފުޅު ނިޔާވި ވާހަކަ އިވުމުން އަހަރެން ވަރަށް ދެރަވި. މީގެ އަހަރުތަކެއް ކުރިން އަހަންނާ ހެދި ސިކަންދަރްބެ ގެ އާއިލާއަށް އެތަކެއް ދުއްތުރާ ތަކެއް ކުރިމަތިވި. އެހުރިހާ ކަމަކަށް އަހަރެން މާފަށް އެދެން. ސާލާރަށް އަހަރެން ދޭން ޖެހޭ ފައިސާކޮޅެއް މި ސިޓީއާއެކު ފޮނުވިން.

ސަލާމް،

އިމާމާ ހާޝިމް."

ވޭތެވެދިޔަ ނުވަމަސް ދުވަހުގެ ތެރޭގައި އެ ސިޓީ ކިޔުނު އަދަދެއް އޭނާއަކަށް ނޭނގެއެވެ. ކަރުދާސްކޮޅުން އޭނާއަށް އިމާމާގެ އިހުސާސް ކުރެވެއެވެ. އެ ކަރުދާސްކޮޅުގައި އޭނާގެ ނަން ލިޔެފައި އެވަނީ އިމާމާގެ އަތުންނެވެ. ނަމަވެސް އޭގައި ލިޔެފައިވާ ފަހު ޖުމުލައިން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އިހުސާސެއް ކުރެވުނެވެ. އޭނާގެ މަރުގެ ޚަބަަރުން އިމާމާއަށް އަސަރުކުރިހެން ހިއެއް ނުވެއެވެ. ދެ އަހަރާއި ހަމަސް ދުވަސް ފަހުން ފަހުން އެ ޚަބަރު ލިބުމުން އޭނާއަށް ވެސް މިނިވަންކަން އިހުސާސް ކުރެވޭނެއެވެ. އެ ހުރިހާ ކަމެއް އެހެން އޮތް އިރުވެސް އެ ކަރުދާސްކޮޅުގައި ލިޔެފައިވާ ލިޔުންކޮޅަކީ އޭނާއަށް ވަރަށް މުހިއްމު އެއްޗަކަށް ވެއްޖެއެވެ.

އިމާމާ މަތިން ހަނދާންކުރަމުން އޭނާ އިމާމާގެ ނަމުގެ މަތީގައި އަތް ކާއްތާލިއެވެ. އެއަށްފަހު ކަރުދާސްކޮޅު ފަށް ޖަހާފައި ވޮލެޓަށް ލިއެވެ. މަގުގައި ހުރި ކޮފީ މުޅިން ހިހޫ ވެއްޖެއެވެ. އޭނާ ބަލާކަށް ނެތި އެއް ކޯވަރުން ބާކިހުރި ކޮފީފޮދު ބޯލިއެވެ.

ޑރ. ސިބްތެ ޢަލީ ހަފްތާއެއްގެ ތެރޭގައި އިންގްލެންޑުން އެނބުރި އަންނާނެއެވެ. ސާލާރް އިންތިޒާރުކުރަނީ އޭނާ އަންނާނެ އިރަކަށެވެ. އިމާމާ އާ ބެހޭގޮތުން ނުބުނެވި ހުރި ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދޭނެއެވެ. އޭނާގެ ކަޅު މާޒީގެ ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނެއެވެ. ޑރ. ސިބްތެ ޢަލީ އޭނާ އާ މެދު ދެކޭނޭ ގޮތަކާ މެދު މިހާރަކު ފަރުވާލެއް ނެތެވެ.  

***

ޑރ. ސިބްތެ ޢަލީ އެނބުރި އައީ ރަމްޟާން މަހެއްގެ ހަތަރުވަނަ ދުވަހުއެވެ. އޭނާ އައީ އެރޭ ވަރަށް ދަންވި ފަހުންނެވެ. އެހެންކަމުން އެ ރޭ އޭނާއަށް އުނދަގޫކުރާކަށް ސާލާރް ބޭނުމެއް ނުވިއެވެ. ސާލާރް ވިސްނައިގެން ހުރީ ޖެހިގެން އަންނަ ދުވަހު ހަވީރު އެގެއަށް ދާށެވެ. ނަމަވެސް އެ ދުވަހުގެ މެންދުރު ބޭންކުގައި އުޅެނިކޮށް ޑރ. ސިބްތެ ޢަލީ އޭނާއަށް ފޯނުކުރިއެވެ. މިއީ ކާވެނީގެ ފަހުން އޭނާ ސާލާރަށް ގުޅާ ތިންވަނަ ފަހަރެވެ. ޙާލު އަހުވާލު އެހުމަށްފަހު ޑރ. ޢަލީ ބުންޏެވެ. "މިއަދު ތަންކޮޅެއް ކުރިން މިގެއަށް އަންނަންވާނެ، ރޯދަ ވީއްލާނީ މިގެއިން."

"އެންމެ ރަނގަޅު. ދާނަން." ސާލާރް އެއްބަސްވިއެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ޑރ. ޢަލީ ފޯނު ބޭއްވިއެވެ.

އެހެން ދުވަސް ދުވަހާ ޚިލާފަށް އެ ދުވަހު ތަންކޮޅެއް އަވަހަށް ސާލާރް އޮފީހުން ނިކުތެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އޭނާއަށް ޑރ. ޢަލީގެ ގެއަށް ދާން ނިކުތެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވުމުގެ ގަޑިއެއްހައިއިރު ކުރިން އެއެގެއަށް ދެވުނެވެ. ޑރ. ޢަލީގެ ޚާދިމު ސާލާރް ގޮވައިގެން ދިޔައީ ސިޓިން ރޫމަށެވެ. ޑރ. ޢަލީ އޭނާގެ ގައިގައި ބައްދާލާފައި ސަލާން ކުރިއެވެ. އަދި ސާލާރް ގެ ނިތްކުރީގައި ބޮސްދިނެވެ.

"ކުރިން މިގެއަށް އަންނަނީ ރަހްމަތްތެރިއެއްގެ ގޮތުގައި. މިއަދު ތިއީ މި އާއިލާގެ މެންބަރެއް." އޭނާ އެބުނި އެއްޗެއް ސާލާރަށް އެނގެއެވެ.

"އާދޭ، އިށީނދޭ." ސޯފާއަށް އިޝާރާތް ކުރަމުން ޑރ. ޢަލީ ބުންޏެވެ. އޭނާ ވެސް އެ ސޯފާގައި އިށީނެވެ. "ތަހުނިޔާ! އެންމެ ފަހުން ހަމައަކަށް އެޅުނީނުން."

ސާލާރް ހިނިތުން ވެލައިގެން އޭނާއަށް ބަލަން އިނެވެ. ޑރ. ޢަލީ އިނީ ވަރަށް އުފަލުންނެވެ. "އާމިނާ އާ ކާވެނިކުރުމުން އަހަރެން ވަރަށް އުފާވެއްޖެ. އާމިނާ އަކީ އަހަރެންގެ ހަތަރުވަނަ އަންހެން ދަރިފުޅު ފަދަ ކުއްޖެއް. އެހެންކަމުން ތިއީ މިހާރު އަހަރެންގެ ޅީދަރިފުޅު."

ސާލާރް އިސްދަށަށް ޖެހިއެވެ. އޭނާގެ ހަޔާތުގައި އިމާމާ ހާޝިމްގެ ބާބު ނެތް ނަމަ އެ ވާހަކަ އަޑު އިވިފައި ފަޚުރުވެރިވީހެވެ. ނަމަވެސް އެ ތަފާތު އައީ އިމާމާގެ ސަބަބުންނެވެ. އެ ހުރިހައި ކަމެއްގެ އަސްލަކީ އިމާމާ ހާޝިމް އެވެ.

ޑރ. ސިބްތެ ޢަލީ ސާލާރް އާ ދިމާއަށް ބަލަން އިރުކޮޅަކު އިނދެފައި ބުންނެވެ. "މިގެއަށް އަންނަތާ އެތައް އަހަރެއް ވެއްޖެ. އެކަމަކު މީހަކާ އިނދެގެން އުޅޭ ވާހަކައެއް ނުބުނަމެއްނު. ދެ ފަހަރަކު އެ މައުޟޫއަށް ވާހަކަ ދެކެވުނު އިރުވެސް ނުބުނަމެއްނު."

ސާލާރް އިސް އުފުލާފައި އޭނާއަށް ބަލައިލިއެވެ. "އަހަރެން ބުނަން ބޭނުންވި، އެކަމަކު..." ސާލާރް އަށް ރޮވުނެވެ. "ކީކޭ ބުނާނީ ހުރިހާ ކަމެއްވެސް އެހައި ބީރައްޓެހި." ސާލާރް ހިތަށް އެރިއެވެ.

"ކޮން އިރަކު މީހަކާ އިނީ؟" ޑރ. ސިބްތެ ޢަލީ މަޑުމަޑުން އެހިއެވެ.

"މީގެ އަށް އަހަރާއި ހަ މަސް ދުވަސް ކުރިން، އުމުރުން އެކާވީސް އަހަރުގައި." ސާލާރް ބުންޏެވެ. ދެން އޭނާ ލަސްލަހުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ޑރ. ސިބްތެ ޢަލީ އެންމެ ފަހަރަކުވެސް އޭނާ ހުއްޓުވާކަށް ނޫޅެއެވެ. ސާލާރް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ވެސް އޭނާ އިރުކޮޅަކު ހިމޭނުން އިނެވެ.

"އާމިނާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ތިކަހަލަ ރަނގަޅު ދީންވެރިޔަކު ލިބުމަކީ އޭނާގެ ނަސީބު." ޑރ. ޢަލީ ބުންޏެވެ.

އެ ބަސްތައް ވެގެން ދިޔައީ އޭނާއަށް ތޫނު ޙަމަލާއަކަށެވެ.

"ދީންވެރިއެކޭ؟ އަހަންނަކީ ދީންވެރިއެއް ނޫން. އަހަންނަކީ ކާކުކަން އެނގޭަނަމަ ތިހެނެއް ނުބުނާނެ. އަމިއްލަ ދަރިއެއް ކަހަލަ ކުއްޖަކާ އިންނާކަށް ވެސް ނުބުނީސް."

"ހަޔާތުގެ ކޮންމެވެސް އެއް މަރުހަލާއެއްގައި އެންމެން ވެސް ތި ދުވަސް ދެކޭނެ. ބައެއް މީހުން އެ މަރުޙަލާ އިން އަރައިގަންނާނެ، އަނެއް ބަޔަކު މުޅި އުމުރަށް އެ މަރުޙަލާގައި ތާށިވޭ. ދަރިފުޅު ތިވަނީ އެ މަރުޙަލާ ފަހަނައަޅާފައި. އުޅެވުނު ގޮތާ މެދު ދެރަވެ، ހިތާމަ ކުރަނީ އެހެންވީމާ. އެކަމާ ކަންބޮޑުވެ ދެރަވިޔަސް އަހަރެން އެކަމެއް ނުހުއްޓުވާނަން. އަދި ތައުބާ ވުން ވެސް ނުހުއްޓުވާނަން. އެކަމަކު ނުރައްކާތެރި ވަބާއަކުން ސަލާމަތްވީތީ ޝުކުރުކުރަންވާނެ."

"މާއްދީ ދުނިޔެއަށް ނުހެއްލި، ނުބައި ކަންތަކުން ދުރުހެލިވެ، ހެޔޮކަންތައް ކުރުުމުގައި ދެމި ހުރެއްޖެނަމަ އެ މީހަކީ ދީންވެރިއެއް. ބައެއް މީހުން އުފަންވަނީ އެގޮތުގައި، އަނެއް ބަޔަކު ދީންވެރި ވެދޭ. އުފަންވާއިރު އެ ސިފަތައް ހުރެއްޖެ މީހަކީ ނަސީބުވެރިއެއް. ނަމަވެސް އެގޮތަށް އުޅުން ބައްޓަންކުރުމަކީ ކަނޑިއެއްގެ މިޔަމަތީގައި ހިނގުން ކަހަލަ ކަމެއް. އެކަމަށް އެތައް ވަގުތެއް ހޭދަވާނެ. އަދި އެއީ އެހައި ވޭން ގަދަ ކަމެއް."

"އަހަރެން ގަބޫލުކުރާ ގޮތުގައި ތިއީ ދީންވެރިއެއް. ތިހިސާބަށް އާދެވުނީ ބުރަ މަސައްކަތުން. އަދި ﷲގެ އިރާދަފުޅާއެކެ."

ސާލާރްގެ ދެ ލޯ ކަރުނައިން ފޯ ވެއްޖެއެވެ. ޑރ. ޢަލީ އިމާމާ އާ ބެހޭގޮތުން އޭނާ އާ އިތުރު ސުވާލެއް ނުކުރެއެވެ. އޭގެ މާނައަކީ އިމާމާ އޭނާގެ ހަޔާތުން މުޅިން ދިޔައީ ބާވައެވެ؟ ކުރިއަށް އޮތް ތަނުގައި އޭނާގެ ދިރިއުޅުމަށް އިމާމާ ނާންނާނީބާވައެވެ؟ އުމުރުގެ ބާކީ ބައި ހޭދަ ކުރާންޖެހެނީ އާމިނާ އާ އެކުބާވައެވެ؟ އެ ޚިޔާލުތަކުން އޭނާގެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ. ޑރ. ޢަލީގެ ފަރާތުން އޭނާ ހިތް ހަމަޖެހޭ ކަހަލަ ވާހަކައެއް އަޑު އަހަން ބޭނުންވިއެވެ. އުއްމީދު އާ ވާ ކަހަލަ ބަސްތަކެވެ.

ޑރ. ޢަލީ އަނގައިން ނުބުނެ އިނެވެ. ސާލާރް އޭނާއާ ދިމާއަށް ބަލައިލިއެވެ.

"ދަރިފުޅާއި އާމިނާ އަށް އަހަރެން ދުޢާކުރާނަން. ގެފުޅު އަރިހުގަ އާއި ރަވްޟާގައިވެސް ދުޢާ ކުރިން." ލަންޑަނުން އެނބުރި އަންނަމުން ޑރ. ޢަލީ ޢުމްރާ އަކަށް ދިޔައެވެ. ސާލާރް އަނެއްކާވެސް އިސްދަށަށް ޖެހިއެވެ. ތަންކޮޅެއް ދުރުން ބަންގީގެ އަޑު އިވުނެވެ. ޑރ. ޢަލީގެ ޚާދިމަކު ރޯދަ ވީއްލަން މޭޒުމަތީގައި ކާއެއްޗެހި އަތުރަނީ އެވެ. ބަރު ހިތަކާއިގެން އޭނާ ޑރ. ޢަލީ އާއެކު ރޯދަ ވީއްލިއެވެ. އަދި އޭނާއާ އެކު މަޣްރިބް ނަމާދަށް ދިޔައެވެ. މިސްކިތުން އެނބުރި އައިސް ޑރ. ޢަލީ އާއެކު ކައިގެން އޭނާ ގެއަށް ދިޔައެވެ.

***

"މާދަމާ އަހަންނާ އެކު ސައީދައްތަމެންގެއަށް ދެވިދާނެތަ؟" ސާލާރް އަންނަމުން ފުރްގާން އަށް ގުޅާފައި އެހިއެވެ. އޭރު ރޭަގަނޑު ދިހައެއް ޖެހީއެވެ. ފުރްގާން ހުރީ ނައިޓް ޑިއުޓީގައެވެ.

"އާނ. ކީއްވެ ނުދެވެންވީ. މާ ޚާޢްޞަ ކަމެއް އޮތީތަ؟"

'އާމިނާ އާ ވާހަކަ ދައްކާލަން އެބަޖެހޭ."

ފުރްގާން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސާލާރްގެ އަޑުން އޭނާއަށް ގޯހެއް އުޅޭކަން ފާހަގަކުރެވުނެވެ. އެ އަޑުގައި ކުރިން ހުރި ކެކުޅުމެއް ނެތެވެ.

"ކޮން ވާހަކައެއް؟"

"ކަންބޮޑު ނުވޭ." ސާލާރް އޭނާގެ ހާސްކަން ފިލުވޭތޯ ބެލިއެވެ.

"އެންމެ ރަނގަޅު، އިމާމާގެ ވާހަކަ ބުނަންތަ؟" ފުރްގާން އެހިއެވެ.

"ފުރަތަމަ އަހަރެން ކުރި ސުވާލަށް ޖަވާބު ދީ. މަށާއެކީ ދާނަންތަ؟" ސާލާރް އެހިެއވެ.

"އާނ، ދާނަން."

"މާދަން ބުނާނަން ކޮން ވާހަކައެއް ކަން." ފުރްގާން އިތުރު އެއްޗެއް ބުނުމުގެ ކުރިން ސާލާރް ފޯނު ބޭއްވިއެވެ.

***

"އިމާމާގެ ވާހަކަ ދައްކަންތަ؟" ސާލާރް އާއެކު ދަމުން ފުރްގާން އެހިއެވެ.

"ނޫން. އިމާމާގެ ވާހަކަ އެކަންޏެއް ނޫން. ވަރަށް ގިނަ އެހެން ވާހަކަ ވެސް..."

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.