ކަޝްމީރުގައި ކާފިއު ހިންގުމުން އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނި ކުޑަކުދީންނަށް: ޕްރިޔަންކާ ގާނދީ

ކަޝްމީރުގައި ކާފިއު ހިންގައި ކަޝްމީރު ބަންދުކުރުމުން އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނި ކުޑަކުދީންނަށްކަމުގައި ކޮންގްރެސް ޕާޓީގެ  ސެކްރެޓަރީ ޖެނެރަލް ޕްރިޔަންކާ ގާނދީ ވިދާޅުވެއްޖެއެވެ. 

"މިކަހަލަ ސަރުކާރެއް ދުނިޔޭގެ އެއްވެސްތާނކުން ފެންނަން އެބައޮތްތަ؟" އޭނާ ސުއާލު ކުރެއްވިއެވެ. "ސަރުކާރުން ދައްކަނީ ތަރައްގީގެ ވާހަކަ. އެކަމަކު ކުޑަކުދީން ވަނީ ސްކޫލާ ދުރުކޮށްފައި."  

ނަރެންދުރަ މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކަޝްމީރުގެ އަންނަން އޮތް ނަސްލަށް ބީޖޭޕީގެ ސަރުކާރުން ދޭން ބޭނުން ވަނީ ކޮންކަހަލަ މެސެޖެއްތޯ ޕްރިޔަންކާ ސުއާލުކުރެއްވިއެވެ. 

އިންޑިއަގެ ސަލަމަތީ ބާރުތަކުން މަގު ބަންދުކޮށްގެން

އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކަޝްމީރުގައި ވަނީ ކާފިއު ހިންގާފައެވެ. ތައުލީމީ އިދާރާތަކާއި ވިޔަފާރިކުރާ ތަންތަން ވަނީ ބަންދުކޮށްފައެވެ. ކަޝްމީރާއި ބޭރުގެ ދުނިޔެއާ މުއާސަލާތީ ގުޅުން ހިންގޭނެ ގޮތެއް ނެތެވެ. ހުކުރު ނަމާދަކަށް ނުދެވެއެވެ. 

ކަޝްމީރުގައި ކާފިއު ހިންގައި ސްޓޭޓުގެ މުހިއްމު ސިޔާސީ ލީޑަރުންނާއި ކުށެއް ނެތް އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އެތައްސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. 

މޯދީގެ ސަރުކާރުން ކަޝްމީރުގައި ކާފިއު ހިންގައިގެން އުޅޭތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. 

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.