
އިސްލާމްދީނަށް ނުވަތަ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫން ކޮންމެ ބަޔަކު ކުރިނަމަވެސް އެއީ ހުއްޓުވަންޖެހޭނެ ކަމެއް"
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ކޮންމެ ބަޔަކު ކުރިނަމަވެސް ހުއްޓުވަންޖެހޭނެ ކަމެއް ކަމަށެވެ. "އިސްލާމްދީނަށް ނުވަތަ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫން. ކޮންމެ ބަޔަކު ކުރިނަމަވެސް އެއީ ހުއްޓުވަންޖެހޭނެ ކަމެއް" ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެފައިވެއެވެ.
އެމަނިކުފާނު މިއަދަ ޓުވީޓެއް ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އެކަށީގެން ނުވާ ވާހަކަތަކެއް ހިމަނާފައިވާތީ ދީނީ ޢިލްމުވެރިންނާއި ޢާއްމުން އެކަން ކުށްވެރިކުރަމުން ދަނިކޮށްނެވެ.
އެމްޑީއެންގެ ރިޕޯޓަށް މީހުންގެ ފާޑުކިޔުންތައް އިރުވެ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އެޖަމްޢިއްޔާއިން މިހާރުވަނީ އެކަމަށް މަޢާފަށްއެދިފައެވެ. އަދި އެރިޕޯޓު އިސްލާހުކޮށް އަލުން ނެރުމަށްޓަކައިވަނީ އެމީހުންގެ ވެބްސައިޓުންވެސް ނަގައިފައެވެ. ރިޕޯޓު އިސްލާޙު ކުރާނީ ދީނީ ޢިލްމުވެރިއެއްގެ އެހީތެރިކަމާއެކު ކަމަށްވެސް އެޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.