
ސިޔާސީ ގޮތުން ކާމިޔާބު ހޯދަން މަސައްކަތްކުރާއިރު، ބިރާ ކުރިމަތިލައި ކުރިއަށްދަންޖެހޭކަމަށާ، ކާމިޔާބާހަމައަށް ދެވޭނީ އޭރުންކަމުގައި ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ މަސައްކަތެއް ކާމިޔާބު ކުރުމުގައި ވެސް ނަޒާހަތްތެރިކަމާއި ހިތްވަރަކީ ކޮންމެހެން ބޭނުންވާނެ ކަމެއްކަމަށެވެ. އެގޮތުން އެވަގުތަކު ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ބިރުގަނެގެން ނުވާނެކަމަށާ، ބިރާ ކުރިމަތިލާން ފަސްޖެހޭނަމަ ދުވަހަކު ވެސް ކާމިޔާބެއް ނުވާނެކަމަށެވެ.
ރައީސް މައުމޫނު މިވަގުތުހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ސަރުކަރުހިންގާ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްކަންވެސް ކުރައްވާ ރައީސް މައުމޫނާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ދެމެދު ޚިޔާލުތަފާލުވެފައިވާކަމަށް ވަނީ ޚަބަރު ފެތުރިފައެވެ. އަދި އޭގެފަހުން ސަރުކާރުން ކުރައްވާ ބައެއް ކަންކަމަށް ސިދާގޮތުންނާއި ނުސީދަގޮތުން އެމަނިކުފާނު ފާޑުވިދާޅުވެ ބަސްފުޅު ވިދާޅުވާކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ތުހުމަތުކުރައްވައެވެ.