މުޒާހަރާކުރާ މީހުންނާ ވާހަކަދައްކަން އިރާގު ސަރުކާރު ތައްޔާރު

ބަޣުދާދުގައި އިއްޔެ ކުރި މުޒާހަރާއެއްގެ މަންޒަރެއް

އިރާގުގެ ގިނަ ރަށްތަކެއްގައި ސަރުކާރާ ދެކޮޅަށް ފާއިތުވި ތިންދުވަހު ކުރި ވަރުގަދަ މުޒާހަރާތަކާގުޅިގެން، ސަރުކާރުގެ ރާގު ބަދަލުކޮށް ދޫދީފިއެވެ.

ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލަން މަސައްކަތް ކުރުމުގެ ސަބަބުން 30 އަށްވުރެ ގިނަ މީހުން މަރުވުމަށް ފަހުވެސް މުޒާހަރާތައް މައިތިރި ނުވުމުން އެންމެ ހަމަނުޖެހުން ބޮޑުވި ސަރަހައްދު ތަކުގައި ސިފައިން ކާފިއު ހިންގައި ބޭރަށް ނުކުމެ އުޅުން މަނާވެސް ކުރިއެވެ. އެހެންނަމަވެސް، އެކަމަށް ބޯނުލަނބައި އެތައް ހާސް ބަޔަކު މުޒާހަރާކުރަން ނުކުތެވެ.

މިއަދު ފަތިހު ގައުމީ ޓީވީ މެދުވެރިކުރައްވައި ދެއްވި ޚިޠާބެއްގައި ބޮޑުވަޒީރު ޢާދިލު ޢަބްދުލްމަހްދީ ވަނީ މުޒާހަރާކުރާ މީހުންނާ ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރަންވަން ތައްޔާރަށް ހުންނެވި ކަމުގައެވެ. އޭނާ ވިދާޅުވީ މުޒާހަރާކުރާ މީހުން އެދޭ ކަންކަމުގެ ތެރެއިން ހަގީގީ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖާދޫއެއް ފަދައިން މައްސަލަތައް ހައްލުކުރުމަކީ ވާނޭ ކަމެއް ނޫނެވެ. އަދި އެއް އަހަރު ތެރޭގައި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަކީ ސަރުކާރަށް ކުރެވޭނޭ ކަމެއް ނޫނެވެ.

"އަހަރުމެން މިހާރު ވާނީ މުޒާހަރާކުރި މީހުންގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލުމާއި، މުޒާހަރާތަކުގައި މަރުވި މީހުންނަކީ ޝަހީދުން ކަމުގައި ކަނޑައެޅުމަށް ކޮމިޓީތަކެއް އުފައްދާފައި." ބޮޑުވަޒީރު ވިދާޅުވިއެވެ.

އަދި ފަގީރު އާއިލާތަކަށް ވަކި މިންވަރެއްގެ އިނާޔަތެއް ކޮންމެ މަހަކު ލިނޭނެގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

ޢަބްދުލްހާދީ ފަތިހު ދެއްވި ޚިޠާބުގައި ދޫދެއްވި ނަމަވެސް، މިއަދުވެސް ބަޣުދާދުގެ މަގުތަކަށް މުޒާހަރާކުރާ މީހުން ނުކުތުން ހުއްޓިފައި ނުވެއެވެ. އަދި މިއަދުވެސް ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ މީހުންގެ ތެރެއަށް ބަޑިޖަހާފައި ވެއެވެ. އެހެންނަމަވެސް، އަދި މީހަކު މަރުވި ކަމުގެ ޚަބަރު ނުލިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.