(3 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މި އަޅާ އެދެނީ މި އަޅާގެ ނަސްލު ދަމަހައްޓާނޭ އަންހެނަކަށެވެ. އެއީ އޭނާގެ ހިތުގައި އިންތިހާ ދަރައަޖައަށް އިބަރަސްކަލާނގެ ރަސޫލުﷲގެ ލޯބި ލައްވަވައިފައިވާ އަންހެންމީހާއެވެ. އިބްރަސްކަލާނގެއާއި ރަސޫލާއަށްޓަކައި ދުނިޔޭގެ ހުރިހައި އުފަލެއް ދޫކޮށްލި އަންހެންމީހާއެވެ.
އިބަރަސްކަލާނގެ ރުއްސަވާފަދަ އެއްވެސް އަމަލެއް ކުރެވިފައިވާނަމަ މިއަޅާއަށް އިމާމާ ހާޝިމް ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއަކީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ އިރާދަ ކުރެއްވުމާއެކު ކޮންމެ ކަމެއް ވަގުތުން ވެދެއެވެ. މި އަޅާ މި ދަތި އިމްތިޙާނުން މިންޖު ކުރައްވައި މިނިވަން ކުރައްވައިފާނދޭވެ! އަށް އަހަރު ވާންދެން މި އަޅާ އުފުލި ކެކުޅުމަށް ލުއިކަން ދެއްވައިފާނދޭވެ! ސާލާރް ސިކަންދަރްގެ މައްޗަށް ރަޙުމް ކުރައްވާނދޭވެ! އިބަރަސްކަލާނގެއަކީ ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އޭނާ އިސްޖަހައިގެން ހުރެ ރޮއި އާދޭސް ކުރަނީއެވެ. އެއީ އިމާމާ ހުއްޓި ހުރިޔަތީ ހުވަފެނުގައި ފެނުނު ތަނެވެ. އެކަމަކު ފުރަގަހަކު އިމާމާ ހާޝިމެއް ނެތެވެ.
އެތައް އިރަކު ދުޢާ ދެންނެވުމަށް ފަހު އޭނާ އެތަނުން ދުރަށް ޖެހިލިއެވެ. އުޑުމަތީން ތަރިތައް ފިޔަޖަހާތަން އަދިވެސް ފެނެއެވެ. ކަޢުބާގެ ނޫރުން މުޅިތަން ވަނީ ދިއްލި އުޖާލާ ވެފައެވެ. ރޭގަނޑުގެ ވަގުތަށް ވީ ނަމަވެސް އެތަނުން މީހުން މަދެއް ނުވެއެވެ. ހުވަފެނުގައި ފެނުނުހެން ކަޢުބާގެ ދޮރެއް ނުހުޅުވެއެވެ. އެކަމަކުވެސް ސާލާރް ސިކަންދަރްގެ ހިތަށް ވަނީ އާދަޔާ ޚިލާފު ހަމަޖެހުމެއް ވެރިވެފައެވެ.
މީގެ މަހެއްހައި ދުވަސް ކުރީން އޭނާ ހުރި ހާލަތުން އަރައިގަނެވޭ ކަމުގެ އިހްސާސް ކުރެވޭން ފަށައިފިއެވެ. ދުޢާއަށް ފަހު އަޖައިބެއް ކަހަލަ ގަރާރުކަމެއް ހިތަށް ވެރިވެއްޖެއެވެ.
އޭގެ ހަފްތާއެއްހައި ދުވަސް ފަހުން އޭނާ އެނބުރި ގައުމަށް އައީ އެ ހިތްހަމަޖެހުމާއި ގަރާރުކަން މަތީގައެވެ.
***
"މިއަންނަ އަހަރު އެމެރިކާއަށް ފުރަން މިއުޅެނީ، ޕީއެޗްޑީ ނިންމަން ކަމަށް."
"ކީކޭ ތި ބުނީ؟" ފުރްގާން ސިހިފައި އަހައިލިއެވެ.
ސާލާރް ހީނލިއެވެ. "ޕީއެޗްޑީ ހަދަން ބޭނުން ވާހަކަ މިބުނީ."
"ހަަމަ އެހެން ހުރެފައި..." ފުރްގާން އެހިއެވެ.
"ނޫން، އެހެނެއް ނޫން. ކުރިންވެސް ޕީއެޗްޑީ ހަދަން ނިންމައިގެން ހުރީ. އަވަހަށް ހެދިއްޔާ ރަނގަޅުވާނީ." ސާލާރް ބުންޏެވެ. އެ މީހުން އެ އަންނަނީ ފުރްގާންގެ ރަށަށް ގޮސްފައެވެ. ކާރު ދުއްވަން އިނީ ފުރްގާނެވެ. ސާލާރް އެވާހަކަ ފެށީ ކުއްލިއަކަށެވެ.
"އަހަރެން ބޭންކަށް ވެސް އަންގައިފިން، ވަޒީފާ އިން އިސްތިއުފާ ދޭން ކަމަށް އުޅުނީ، އެކަމަކު އެ މީހުން ބޭނުންވަނީ އަހަންނަށް ދިގު ޗުއްޓީއެއް ދޭން. ޗުއްޓީ ނަގާނީތޯ ނުވަތަ އިސްތިއުފާ ދޭނީތޯ، އެކަމާ ޖެހޭނީ ވިސްނާލަން."
"ހުރިހާ ކަމެއް ނިންމީތަ މިހާރު؟"
"އާނ. މީ ސަމާސައެއް ނޫން، މިއަންނަ އަހަރު ޕީއެޗްޑީ ފަށަން ބޭނުން."
"މީގެ ދެ ތިން މަހެއް ކުރިން ތިކަހަލަ އެއްވެސް ޕްލޭނެއް ނެތެއްނު؟"
"އެއީ މާ ބޮޑު ކަމެއްތަ؟ ފަޅި ސިކުންތެއްގެ ތެރޭވެސް ކަމެއް ނިންމިދާނެ." ސާލާރް ބުންޏެވެ. "އެހެން ނޫނަސް، ބޭންކިންގ އާ ބެހޭ ފޮތެއް ލިޔަންވެސް އަހަރެން ބޭނުން، މަސައްކަތުގައި އަވަދިނެތި އުޅެންޖެހޭތީ އެކަމެއް ނުކުރެވޭ. އެހެންވީމާ ޕީއެޗްޑީ ހަދަމުންދާއިރު ފޮތް ލިޔެ ޝާއިއުކުރަން މި ވިސްނަނީ. އޭރުން ހަމަޖެހިލައިގެން ހުރެ އެކަން ވެސް ކުރެވުނީ."
"ސްކޫލަށް ކިހިނެއް ހަދަނީ؟"
"މިހާރުވެސް ހިނގާ ގޮތަށް ސްކޫލް ހިނގާނެ. ސްކޫލްގެ ކަންކަން އިތުރަށް ރަނގަޅުވެސް ވާނެ. ސްކޫލް ބޯޑު އޮންނާނެ، ފުރްގާން ވެސް ތިހިރީ ނުން. އަހަރެން ބައްޕައާ ވެސް ވާހަކަ ދައްކައިފިން. ބައްޕަ ވެސް ގަވާއިދުން ސްކޫލްގެ ކަންތައްތައް ބަލާނެ. އަހަރެން ނެތަސް އެކަމަކަށް ހުއްޓުމެއް ނާންނާނެ. ރަށުގައި ނެތަސް އެ ޕްރޮޖެކްޓް ކުރިއަށްދާނެ. އަހަރެންގެ ބޭނުން ޖެހޭ އިރު އަހަރެން ހުންނާނަން."
އޭނާ ތަރުމޯޒުން ޖޯޑަށް ސައި އަޅަން ފެށިއެވެ.
"ޕީއެޗްޑީ ނިންމާފަ ދެން ކީއްކުރާނީ؟" ފުރްގާން ވަރަށް ކަންބޮޑުވެފައި އަހައިލިއެވެ. ސާލާރް ހިނިގަނޑެއް ޖަހާލާފައި ފުރްގާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ.
"ފަހެއް ނުކުރެވޭނެތަ، އަދި ދެ އަހަރުވަރު ފަހުން ދާން؟"
"ނޫން. މިއަދު ކުރެވެން އޮތް ކަމެއް މާދަމާއަށް ފަސްކުރުމުގެ ބޭނުމެއްއެބައޮތްތަ؟ މިހާރު އަހަރެން މިހިރީ އިތުރަށް ކިޔެވުމުގެ ވިސްނުމުގަ. ފަހަށް މަޑުކޮށްފިއްޔާ ވިސްނުން ބަދަލުވެދާނެ."
ސާލާރް ސައި ކޯވަރެއް ބޯލަމުން ކާރުގެ ރޭޑިއޯ ޖައްސަން މަސައްކަތް ކުރިއެވެ. "ރޮޓަރީ ކްލަބުގެ ހަރަކާތެއް އެބައޮތް ހަފްތާ ބަންދުގަ، އަހަންނަށް ދައުވަތު ލިބިފައި އެބައޮތް. ދާނަންތަ؟" އޭނާ ފުރްގާން ގާތު އެހިއެވެ.
"ކީއްވެ ނުދާންވީ؟ ދާނަން. އެމީހުންގެ ހަރަކާތްތައް އަހަނަށް އަބަދުވެސް ވަރަށް ކަމުދޭ." ފުރްގާން ބުންޏެވެ. ކުރިން ވާހަކަ ދައްކަމުން ދިޔަ މައުޟޫއު ބަަދަލުވިއެވެ.
***
އެއީ އާދީއްތަ ދުވަހެކެވެ. ސާލާރް ހޭލީ ތަންކޮޅެއް ލަހުންނެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރަމުން އޭނާ ނޫހުގެ ސުރުޚީތައް ބަލައިލިއެވެ. ބަދިގެއަށް ވަނީ ދަތް އުނގުޅައިގެންނެވެ. އެހެން ނަމަވެސް ފެންވަރައި ތުނބުޅި ހެދުން އަދި އޮތީއެވެ. އޭނާ ހުރީ ޕަޖާމާގެ މަތިން ގަޔަށް ދޫ ޖެކެޓެއް ލައިގެންނެވެ.
އުނދުން މައްޗަށް ސައިކުރާ އުދަން އުޅެނިކޮށް ގޭގެ ދޮރުގައި މީހަކު ޓަކި ޖެހިއެވެ. ބޭރަށް ނިކުމެ ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ސައީދައްތައެވެ. އޭނާ ސައީދައްތަ އެތެރެއަށް ވެއްދިއެވެ.
"އައްސަލާމް އަލައިކުމް. ކިހިނެއް ހާލު؟" ލިބުނު ހައިރާންކަން ފޮރުވަން މަސައްކަތް ކުރަމުން އޭނާ އެހިއެވެ.
"ހާލު ވަރަށް ރަނގަޅު. ކިހިނެއް؟" ސާލާރްގެ ބޮލުގައި ފިރުމައިލަމުން ސައީދައްތަ އެހިއެވެ.
"ރަނގަޅު ހަމަ، އަވަހަށް ވަދޭ އެތެރެއަށް." ހިނިތުންވުމާއެކު އޭނާ ބުނެލިއެވެ.
"ރަނގަޅު ހެނެއް ހިއެއްނުވޭ. ހާދަ ހިއްކޭ. ކަޅުވެސް ވެފަ ތިހިރީ." ސައީދައްތަ ބުންޏެވެ.
"ކަޅެއް ނޫން، އެއީ ތުނބުޅި ނުބާލާ ހުރީމަ ހީވާގޮތް." ސާލާރް ބުންޏެވެ.
"ހޫނ، ހޫނ. ތުނބުޅި ނުބާލާ ހުރީ ކީއްވެޔޯ؟ ތުނބުޅި ދިގު ކުރަނީތަ؟ އެއީ ވަރަށް ރަނގަޅު ކަމެއް، މާތް ކަމެއް." ސޯފާގައި އިށީންނަމުން އޭނާ ބުންޏެވެ.
"ނޫން، ތުނބުޅި ދިގުކުރާކަށް ނޫން. މިއަދު މީ އާދީއްތަ ދުވަހެއްނު، އަހަރެން މި ހޭލީ އަދި. އެހެންވީމާ އަދި ތުނބުޅި ނުބޭލިފަ."
"ކީއްވެ މާ ލަހުން ހޭލީ؟ އެއީކީ މާ ރަނގަޅު އާދައެއް ނޫން. ފަތިސް ނަމާދަށް ތެދުވަން ވާނެ. އޭރުން މީހާ ތާޒާވާނީ. ތިހާ ވަރުބަލިކަމަށް ދައްކަނީ މާ ގިނައިން ނިދާތީ. ފަތިހު ހޭލަންވާނެ. ހޭލައިގެން ނަމާދުކޮށް، ޤުރްއާން ކިޔަވައިގެން ހިނގާލަން ދާން ވާނެ. ﷲގެ ރުއްސެވުން ލިބުމުގެ އިތުރުން އެއީ ޞިއްޙަތަށް ވެސް ފައިދާ ހުރި ކަމެއް."
ސާލާރް ފުން ނޭވައެއް ލިއެވެ. "ފަތިސް ނަމާދުކޮށްގެން އަހަރެން އަނެއްކާ އޮށޯތީ. އާދީއްތަ ދުވަހު އަހަރެން ތަންކޮޅެއް ގިނައިރު ނިދާލަން. އެހެން ދުވަސްދުވަހު އަހަރެން ކަންތައް ކުރަނީ ތިޔަ ގޮތަށް."
ސާލާރްގެ ވާހަކަ އަޑު އަހާފައި ސައީދައްތަ ވަރަށް އުފާވިއެވެ. "ވަރަށް ރަނގަޅު! ވަރަށް ރަނަގޅު! މޫނުމަތިން ފެންނަ އުޖާލާ ކަމަކީ އެއީ." ކުރިން އޭނާ ދުށް ގޮތް ބަދަލުވިއެވެ.
"ކޯޗެއް ގެންނަންވީ؟" ސާލާރް މައުޟޫއު ބަދަލުކުރިއެވެ. އޭނާއާ ބެހޭ އިތުރު ވާހަކައެއް އަޑު އަހަން ބޭނުންނުވީއެވެ. "ނާސްތާ ގެންނަންތަ؟"
"ނޫން، އަހަރެން ހެނދުނު ހަޔެއް ނޫނީ ހަތެއް ޖަހާއިރު ސައި ބޮން. މެންދުރު ކަނީ އެގާރަ ޖަހާއިރު ނުވަތަ އެގާރަ ގަޑި ބައިގަ." ކެއުން ހަމަޖެހިފައި އޮންނަ ގޮތް އޭނާ އޮޅުންފިލުވައިދިނެވެ.
"މެންދުރު ކަމާ އެހެންވީ އިރު. މިހާރު ދިހަގަޑި ދިހައެއް އެވީ." ސާލާރް ބުންޏެވެ.
"ނޫން، އަހަރެން ބަނޑުހައެއް ނުވޭ. އާދެބަލަ މިތާ އިށީންނަން."
"އެބަ އަންނަން." ބަދިގެއަށް ވަންނަމުން ސާލާރް ބުންޏެވެ.
"ކޮއިފުޅުގެ އިންތިޒާރުގައި ހަ މަސްދުވަސް ހޭދަކޮށްފަ މިއަދު މިއައީ، އެންމެ ފަހަރަކު އަހަންނަށް ގޮވާލަން ވެސް ނުދަމެއްނު." ސައީދައްތަ ބުންޏެވެ.
"ވަރަށް އަވަދި ނެތި މިއުޅުނީ." ސާލާރް ޖަވާބު ދިނެވެ. އޭނާ ހުރީ ސައި ގިރާށެވެ.
"އެހާ ބިޒީ ވެގެން ކޮން ކަމެއްބާ ތިކުރަނީ؟ އަވަދިނެތި އުޅެނީ މީހުންނާ އިނދެގެން އުޅޭ، އާއިލާއެއް އޮންނަ މީހުން. ކޮއިފުޅު ބަލާނެ އަތްނބެއް އަދި އާއިލާއެއް ވެސް ނެތެއްނު. އެކަމަކު ތިބުނަނީ ބިޒީ އޭ."
ޓޯސްޓު ހަދަން ހުރި އިރުވެސް އެ ވާހަކަ އަޑު އިވުމުން އޭނާއަށް ހެވުނެވެ.
"ބަލާބަލަ." ސައި ތަބައް ހިފައިގެން އަންނަ ތަން ފެނުމުން އޭނާ ބުންޏެވެ. "ތީ ދަރިފުޅު ކުރަންޖެހޭ ކަމެއް ނޫން." ސާލާރް ތަބަކުން ޖޯޑާއި ތަށިތައް ނަގައި މޭޒުމަތީގައި އަތުރައިލިއެވެ.
"މީހަކާ އިނދެގެން އުޅޭނަމަ ތިހުރިހާ ކަމެއް ކުރާނީ އަނބިމީހާ. ތީކީ ފިރިހެނުން ކުރަންޖެހޭ މަސައްކަތެއް ނޫން."
"އަތްނބަކު ނެތިއްޔާ ދެން ކީއްކުރާނީ؟" ސައީދާއްތައަށް ސައިތަށްޓެއް އަޅައިދެމުން އޭނާ ބުންޏެވެ.
"ތީކީ އެއްވެސް ވާހަކައެއް ނޫން. މި ދުނިޔޭގައި ޒުވާން އެތައް އަންހެނުންނެއް އެބަތިބި. ކޮއިފުޅުގެ މައިންބަފައިން ވެސް ދުނިޔޭގައި އެބަތިބި. ރަނގަޅު ކުއްޖަކު ހޯދައިދޭށޭ ބުނޭ. އެހެންނޫނީ ސައީދައްތަ ވެސް ކުއްޖަކު ހޯދައިދީފާނަން."
މައްސަލައިގެން ނާޒުކު ކަން އެހިސާބުން ސާލާރަށް އެނގުނެވެ. "ނޫން، ނޫން. އަހަންނަށް މިގޮތް މާ ރަނގަޅު. ގޭތެރޭގެ މަސައްކަތުގެ ވާހަކަ ދައްކާނަމަ، އަހަރެމެންގެ ރަސޫލާ ވެސް ގޭތެރޭގެ މަސައްކަތްތައް ކުރެއްވި."
"މިހާރު މާ މައްޗަށް ތި ދަނީ. އަހަރެން މި ދައްކަނީ ކޮއިފުޅުގެ ވާހަކަ." އޭނާ ބުންޏެވެ.
"ބިސްކޯދެއް ކާލަބަލަ، ކޭކެއް ވިޔަސް." ސާލާރް މަސައްކަތް ކުރީ އެ ދައްތަގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާށެވެ.
"އާނ. ކުރަން އައިކަންތައް ވެސް ހަނދާން ނެތުނިއްޔޭ." ދަބަސް ހާވަމުން އޭނާ ބުންޏެވެ.
"ކޮއްކޮގެ ކާވެނީގެ ތާރީޚު ކަނޑައަޅައިފި."
"ސާލާރް ކޮށި ނޭރީ ކިރިޔާއެވެ. "އަހަރެންގެ ކޮއްކޮގެ ކާވެންޏަށް މިހާރު ފަސް އަހަރުވެއްޖެ." އޭނާ ބުންޏެވެ.
ސައީދައްތަ ދަބަހުން ކާޑެއް ނެގިއެވެ. "މިބުނީ އަހަރެންގެ ދަރިފުޅުގެ ވާހަކަ، އާމިނާ. އެއީ ދަރިފުޅުގެ ކޮއްކޮއެއްނު، ނޫންތަ؟"
ހިތް ހަމަނުޖެހިފައި އިނދެ އޭނާ ސާލާރަށް ކާޑު ދިއްކޮށްލިއެވެ. ސާލާރް އިނީ ވާނުވާ ނޭނގިފައެވެ. އިއްޔެއާ ހަމައަށް ސައީދައްތަ މަސައްކަތް ކުރީ އޭނާގެ ދަރިފުޅާ ސާލާރްގެ ކާވެނި ކުރުވޭތޯއެވެ. ކުއްލިއަކަށް އެ ދަރިފުޅު އޭނާގެ އަންހެން ކޮއްކޮއަށް ވީއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އަށް މި ކަމުން ހިތް ހަމަޖެހުން ލިބުނެވެ. އޭނާ މިނިވަން ވީއެވެ. އޭނާ ކާޑުގައި ހިފިއެވެ.
"ތަހުނިޔާ! ކޮން އިރަކު ކާވެނި އޮތީ؟" ކާޑު ހުޅުވައިލަމުން އޭނާ އެހިއެވެ.
"އަންނަ ހަފްތާގައި."
"ރަނގަޅު. ހުރިހާ ކަންބޮޑުވުމަކަށް ނިމުން އައީނުން." ސާލާރް ބުންޏެވެ.
"އާނ. އަހަރެންގެ ޒިއްމާތައް ނިމުނީ. ކާވެންޏަށް ފަހު އަހަންނަށް ދަރިން ގާތަށް އިނގިރޭސިވިލާތަށް ދެވޭނެ."
ސާލާރް ޝައުގުވެރިކަމާއެކު ކާޑަށް ބަލައިލިއެވެ.
"އަހަރެން މިއައީ ދަރިފުޅަށް ދައުވަތު ދޭން. މިފަހަރު ދާންވާނެ. އެއްވެސް ބަހަނާއެއް ދައްކައިގެން ނުވާނެ. ތީ އޭނަގެ ބޭބެއެއް. އޭނާ ކާވެންޏަށް ފަހު ގެއަށް އަލްވަދާއު ކިޔާއިރު ހުންނަންވާނެ."
ސާލާރް ސައިކޯވަރެއް ބޯލިއެވެ. "އެކަމާ ފިކުރު ނުކުރޭ. އަހަރެން ދާނަން." އޭނާ ސައީދައްތައަށް ޔަގީންކަން ދިނެވެ.
"ފުރްގާން ގެ ކާޑުވެސް އެބައޮތް. އެގެއަށް ދާންވީ."
"ފުރްގާން މިއަދު އަންހެނުންގެ ގެއަށް ދާ ވާހަކަ ބުނި. މިހާރު ހިނގައިދާނެ. އަހަރެން އޭނާގެ ކާޑު ހަވާލުކޮށްދީފާނަން. ދޭންވީނުން."
"ހާނދާން ނެތިއްޖެއްޔާ؟" ސައީދައްތަ އަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.
'ހަނދާނެއް ނުނެތޭނެ. އޭނަޔާ ވާހަކަ ދައްކާލަންވީނު. އޭނާއަށް ގުޅަންތަ؟"
ސައީދައްތަ ހިނިތުންވެލިއެވެ. "އާނ، ގުޅައިދީ."
ސާލާރް ފޯނު ގެނެސް ފުރްގާންގެ ނަންބަރު ޖެހިއެވެ. އަދި ފޯނު ސްޕީކަރަށް ލިއެވެ.
"ފުރްގާން، ސައީދައްތަ އެބައިން. ވާހަކަ ދައްކަބަލަ."
ސައީދައްތަ އާއި ފުރްގާން ވާހަކަ ދެއްކިއިރު ސާލާރް އިނީ އަޑުއަހާށެވެ. އޭނާ ސައިބޮއި ނިމިގެން ތަބައް ހިފައިގެން ބަދިގެއަށް ދިޔައެވެ. ސާލާރްގެ ހިތުގައި ސުވާލެއް އުފެދުނެވެ.
"ކާކާ އެކީ ތި އައީ؟" ސާލާރް އެހިއެވެ.
"އަހަރެންގެ ދަރިފުޅާ އެކީ." ސައީދައްތަ ބުންޏެވެ.
"އޯހ، އެ މީހުން އެބައުޅޭތަ؟ ދޮށީ ދަރިފުޅުތަ ނުވަތަ ހަގުތަ؟" ސާލާރް އެހިއެވެ.
"މި ބުނީ އަވަށްޓެރިއެއްގެ ދަރިފުޅު ވާހަކަ، ރާޝިދު."
ކޮންމެ ފިރިހެނަކީ އޭނާގެ ދަރިއެއްކަން ސާލާރަށް ވިސްނުނެވެ.
"ކޮބާ އޭނަ؟"
"ހިނގައްޖެ. އަހަރެން އައީ އޭނައާއެކު ސައިކަލުގަ. އޭނާ ދުއްވާއިރު ހީވަނީ ވައިރޯޅިއެއް ހެން. އެކޮޅުން ނައްޓާލީ ނުވައެއް ޖެހި އިރު. މި ހިސާބަށް އާދެވުނީ ދިހަގަޑި ބައިގައި. ދުވެލި މަޑުކުރާށޭ ބުނެބުނެ އަޑެއް ނޭހި. މި ހިސާބަށް އައިސްފައި ބުނީ މިއީ އަހަރެން ގޮވައިގެން ސައިކަލުގަ އަންނާނެ އެންމެ ފަހު ފަހަަރު ކަމަށް. ދެން ފަހަރަކުން އަންނާނީ ހިނގާފައޭވެސް ބުނި..."
އެ ޒުވާނާގެ އިހުސާސްތައް ސާލާރަށް ވަރަށް ރަނގަޅަށް އެނގެއެވެ. ބައިގަޑިއިރުން އާދެވޭ ތަނަކަށް އެ އާދެވުނީ ދޮޅުގަޑިއިރުންނެވެ. އުމުރުން ދުވަސްވީ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ސައީދައްތަ އާ ބައްދަލުވީ ފުރަތަމަ ދުވަހު އޭނާއަށް އެކަން އެނގުނެވެ.
"ދެން ކިހިނެއް ގެއަށް ދަނީ؟ ރާޝިދު އަންނާނެތަ އަދި؟"
"އާނ. މެޗު ނިމުނީމަ އަންނާނަމޭ ބުނި. ބަލަމާ." އެހެން ބުނެފައި އޭނާގެ އަންހެން ދަރިފުޅާއި ވާން އުޅޭ ޅީދަރިފުޅުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ކެތްތެރިކަމާއެކު ސާލާރް އޭނާގެ ވާހަކަ އަޑުއަހަން އިނެވެ. އޭނާ އާ ދައްކާނެ އެހެން ވާހަކައެއް ނެތްކަން އެނގޭތީއެވެ.
އޭނާ މެންދުރު ކެއީވެސް އެގެއިންނެވެ. ރާޝިދުގެ ޚަބަރެއް ނުވީމާ އޭނާ ގޮވައިގެން ދާން ސާލާރް ނިންމިއެވެ.
ސާލާރް އޭނާގެ ގޮވައިގެން އެ ގޭގެ ދޮރާށްޓާ ހަމައަަށް ދިޔައެވެ. ގޭތެރެއަށް ވަންނަން ބުނުމުން ނިންމަންޖެހޭ މަސައްކަތެއް އޮތް ކަމަށް ބުނެ އުޒުރު ދެއްކިއެވެ. އެހިސާބުން ސައީދައްތަގެ ނަސޭހަތް ފެށުނެވެ.
"މީހަކާ އިންނާށޭ މިބުނަނީ އެހެންވީމަ. އޭރުން ގޭގެ މަސައްކަތް ކުރަން އޭނާ ހުންނާނެ. ހަފްތާ ބަންދުގަ ގޭގަ ބަނދެވިފަ ނުހުރެ ބޭރަށް ގޮސްލާ އުޅެވޭނެ." އޭނާ ސާލާރް އާ ދިމާއަށް ބަލައިލަމުން ބުންޏެވެ.
"އާނ، ރަނގަޅު ވާހަކައެއް. ދެން ދަނީ." ސާލާރް ބުންޏެވެ.
"އެންމެ ރަނގަޅު. އެކަމަކު ކާވެންޏަށް އަންނަންވާނެ. ފުރްގާން އަށް ކާޑު ދޭން ހަނދާންކުރާތި."
ސާލާރް ދޮރުގެ ރަނގަބީލު ޖަހާފައި ދާން ހިނގައިގަތެވެ. ދޮރު ހުޅުވާފައި ސައީދައްތަގެ ދަރިފުޅު ވާހަކަ ދެއްކި އަޑު އޭނާއަށް އިވުނެވެ.
***
"ދެން... ކިހިނެއް އޮތީ؟ ދާނަންތަ؟" ކާޑު ބަލައި އައިސް ފުރްގާން އެހިއެވެ.
"ނޫން. އަހަރެން ދަނީ ކަރާޗީގައި އޮތް ސެމިނާރ އަކަށް. އަހަރެން އެނބުރި އަންނާނީ އާދީއްތަ ދުވަހު. އައިސް މުޅި ދުވަހު ނިދާނީ. ފުރްގާން ދޭ. އަހަރެން ސިޓީ އުރައެއް ދޭނަން. ދާއިރު އެ ގެންގޮސްދީ."
"ތީ ލަދުވެތި ކަމެއްނު. އޭނާ އެހައި ދުރުގަ ހުރެފަ އެ އައީ ސާލާރް އަށް ދައުވަތު ދޭން." ފުރްގާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
"އަހަންނަށް އެނގޭ. އެކަމަކު ވަގުތު ބޭކާރުކުރަން އެތަނަކަށް ނުދެވޭނެ."
(ނުނިމޭ)
Varah reethi....
Haadha reychey