
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ދެއްވައިފިއެވެ.
އިސީގެ ތަރުޖަމާނު ވިދާޅުވީ "އަޅުގަނޑުމެން މިއަދުވާނީ އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައި،" ކަމަށެވެ.
އެޖަލްސާ ބޭއްވުމުގެ ހުއްދަ ދެއްވީ ޕާޓީ ރަޖިސްޓްރީކުރަން ބޭނުންވާ ތިން ހާސް މީހުން ހަމަކޮށް އީސީއަށް ހުށަހެޅުމުންނެވެ. ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދެއްވައިފައިވަނީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދެއްވި ފުރަތަމަފަހަރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެމްއާރުއެމް ރަޖިސްޓްރީ ކުރުމުގެ ކުރިން ބާއްވަންޖެހޭ ޤާނޫނީ ޖަލްސާ ނޮވެމްބަަރު ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެޕާޓީން ވިދާޅުވިއެވެ. އެ ޖަލްސާގައި ޕާޓީގެ ކުލައާއި ދިދަ ފާސްކުރުންފަދަ މުހިންމު ކަންކަން ކުރިއަށްދާނެއެވެ.