ފަސް ސަތޭކައަށްވުރެ ގިނަމީހުން ބައިވެރިކޮށްގެން ފްރީޑައިވިން ވޯލްޑްރެކޯޑެއް ރާއްޖެއިން ހަދައިފި

ފުރީ ޑައިވިން ވޯލްޑް ރެކޯޑު ހެދުމަށް މިއަދު ބޭއްވި ޙަރަކާތުގައި ޖުމްލަ 521 ޑައިވަރުން ބައިވެރިވެ ފްރީޑައިވިންގެ ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

ޚާއްސަ މިޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. މި ޙަރަކާތުގައި ދުނިޔޭގެ ވަރލްޑް ރިކޯޑް ދެފަހަރަށް ޙާސިލުކޮށް، ވަރލްޑް ޗެންޕިއަން ފްރީޑައިވަރގެ މަޤާމު ހޯދައިފައިވާ ނިއުޒީލެންޑްގެ ރައްޔިތެއްކަމަށްވާ ވިލިއަމް ޓްރޫބްރިޖް ވެސް ވަނީ ބައިވެރިވެފައެވެ.

ޑައިވަރުން މި ރެކޯޑް ހެދުމަށް 30 ސިކުންތު ވަންދެން 3 މީޓަރު އަޑިއަށް ފީނާފައިވެއެވެ. ފްރީޑައިވިންގް ރެކޯޑް ޤާއިމު ކުރުމަށް މި ޙަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ.

ޚާއްސަ މި ޙަރަކާތް ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ. އެ ޙަރަކާތް ކާމިޔާބު ކުރމުން ގިނިސް ވަރލްޑް ރިކޯޑުގެ އޮފިޝަލުން ވަނީ "ނޭވާ" ފްރީޑައިވިންގެ ޙަރަކާތަކީ ދުނިޔޭގެ އާ ވަރލްޑް ރިކޯޑެއްކަމުގައި ކަނޑައަޅައިފައެވެ. އަދި އެކަމުގެ ހަނދާނީ ލިޔުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙަވާލު ވެސް ކުރައްވައިފައެވެ. "

ނޭވާ" ގެ ނަމުގައި ހިންގި ފްރީޑައިވިންގް ޙަރަކާތަކީ 2009 ވަނަ އަހަރު 280 މީހުންނާއެކު އިޓަލީގެ ވެރޯނާގައި ޤާއިމުކޮށްފައިވާ ވަރލްޑް ރިކޯޑް މުގުރާލުމަށް ރާއްޖެއިން ހެދި އައު ފްރީ ޑައިވިންގް ރެކޯޑެކެވެ.

މިއީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކުރެއްވި ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.