އަލިފާނުގެ ޙާދިސާގައި ދިހަ ތެޔޮބައުޒަރަކަށް ގެއްލުންވެފައިވޭ: ފުލުހުން

މާލޭ ޓީޖެޓީ ސަރަޙައްދުގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ޙާދިސާގައި 10 ތެޔި ބައުޒަރަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން މިއަދު ހާމަކުރައްވައިފައެވެ. ފުލުހުން ވިދާޅުވީ އޭގެ ތެރެއިން 5 ބައުޒަރެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެންމެފުރަތަމަ އަލިފާން ރޯވީ "ނެވި 3" ލޯޗުގައި ކަމަށެވެ. އޭގައި ރޯވިއިރު 4 ދިވެހީން އޭގައިތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ 4 މީހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވެއެވެ. އެތަނުން 2 މީހަކު ވަނީ 50 އިންސައްތަ ފިހިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލޯންޗުގައި ރޯވި ވަގުތު އޭގެ ކައިރީގައި އޮތް މުދާ އުފުލާ ދޯންޏެއްގައިތިބި 2 ބިދޭސީއަކަށްވެސް ވަނީ އަނިޔާ ވެފައެވެ. އޭގެ ތެރެއިން އެކަކު ވަނީ ކުޑަކޮށް ފިހިފައެވެ. އަނެއްމީހާއަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރަށް އެތާކައިރީގައި އޮތް ތެޔޮބޯޓެއްގައިހުރި މީހަކުވެސް ފިހިފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އޭގެ އިތުރަށް އެހެން ލޯންޗެއްގައި ހުރިމީހަކު އެހީވާން އުޅުމުގެ ތެރޭގައި އޭނާގެ އަތްފިހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެއިތުރަށް ތެޔޮ ބައުޒަރުތައް ދުރަށް ޖައްސަން މަސައްކަތްކުރި މީހެއްގެ އަތްވެސް ފިހިފައިވެއެވެ. މި ޙާދިސާގައި އަނިޔާވެފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 9 އެވެ. އެމީހުންނަށް ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ފޮނުވިއެވެ. ބައެއް މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

މި ޙާދިސާގައި ފުރަތަމަ ރޯވި "ނެވި 3" ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސް ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. ފުލުހުން މިއަދުވަނީ އެތަނުން ލޯންޗު ނަގައިފައެވެ.

މިމައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.