ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގައި 31 ގޭބިސީއަށް ގެއްލުންވި: އެންޑީއެމްއޭ

ފޮޓޯ: ރައީސް އޮފީސް

ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގައި 31 ގޭބިސީއަކަށް ގެންލުންވިކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ.

އެންޑީއެމްއޭ އިން ހާމަކުރައްވައިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހެންވޭރު ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުންވި 31 ގޭބިސީގެ ތެރެއިން 25 ގޭ ބިސީއަކީ ކުއްޔަށް އުޅޭ ގޭބިސީތަކެވެ. އޭގެތެރެއިން އެންމެގިނަ ގޭބިސީ އުޅުނީ ހ. ކަޅުހުރާ ގޭގައެވެ. އެގޭގައި 11 ގޭބިސީއެއް ކުއްޔަށް އުޅެމުން ދިޔައެވެ. ދެން އެންމެ ގިނަ ގޭބިސީ އުޅެމުންދިޔައީ ހ. ރަދުވާނިޔާ އާއި ހ.އަދޫ ގައެވެ. އެ ދެގޭގެ ވެރިފަރާތުގެ އިތުރުން ކޮންމެ ގެއެއްގައި ކުއްޔަށް އުޅުނީ ފަސް ގޭބިސީއެކެވެ. މީހުން ދިރިއުޅުނުގެތަކުގެ ތެރެއިން ހ. އިވާއުގައި ފަސް ގޭބިސީ އުޅުނު އިރު ހަތަރު ގޭބިސީ އަކީ ކުއްޔަށް އުޅުނު ގޭބިސީތަކެވެ. ހ. ނިގާރަން އާއި ނެއިބަރ ގައި އުޅުނީ ހަމައެކަނި އެދެގޭގެ ވެރިފަރާތުންނެވެ.

އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން 20 ސެޕްޓެމްބަރ ހެންވޭރުގައި ހިނގި އަލިފާނުގެ ޙާދިސާގައި 26 ގެއަކުން މީހުން ހުސްކުރެވުނެވެ. އެއީ 87 ގޭ ބިސީކަމަށް އެ އޮތޯރިޓީން ހާމަކުރެއްވިއެވެ. މިހާދިސާގައި ދެ ގެއެއް ވަނީ އަނދައިފައެވެ.

މިދިޔަ މަހުގެ 24 ގެ ނިޔަލަށް އެންޑީއެމްއޭގެ ވަގުތީ އެހީތެރިކަމަށްއެދި 786 ފަރާތުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެއީ 636 ދިވެހިންނާއި 150 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައިވަނީ ބަގްލަދޭޝް މީހުންނެވެ. އެއީ 104 މީހުންނެވެ. ވަގުތީ އެހީތެރިކަމަށް ރަޖިސްޓްރީ ކުރި މީހުންގެ ތެރޭގައި 114 ކުޑަކުދިންވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.