
އަލިފާނުގެ ޙާދިސާފަދަ ހިތާމަވެރި ކަންކަން ކުރިމަތި ވިޔަނުދިނުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ޓީޖެޓީ ސަރަޙައްދުގައި ހިނގި އަލިފާނުގެ ޙާދސާއަށްފަހު އެސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިފަދަ ޙާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް ވެސް އަޅުއްވަމުން ގެންދާ ކަމަށެވެ.
އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެންނެވުމަށްފަހު ރައީސް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ވަޑައިގެން ޙާދިސާގައި އަނިޔާވި މީހުންގެ ޙާލު ބައްލަވައިލައްވައިފައެވެ.
ރައީސް ވަނީ ޓީޖެޓީ މި ޙާދިސާގައި އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ އިތުރަށް ފުލުހުންނާ ބައްދަލު ކުރައްވައި އެބޭފުޅުންގެ މަސައްކަތަށް ތަޢުރީފް ކުރައްވައި ސާބަސް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތަކީ ބުރަ ކަމެއް ކަމަށެވެ. އެއަލީފާންގަނޑު ނިއްވައި ނުލެވުނުނަމަ ބޮޑު ކާރިސާއަކަށް ޙާލަތު ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތީސް ކަމަށް ވިދާޅުވިއެވެ.
މި ޙާދިސާ ހިނގާފައި ވަނީ ޓީޖެޓީ ސަރަޙައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރުތަކެއްގައި ރޯވެގެންނެވެ. ފުރަތަމަ ރޯވީ ލޯންޗުގައި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ތެޔޮ ބައުޒަރުތަކުގައި ރޯވީ އެފަހުން ކަމަށްވެސް އެމީހާ ބުންޏެވެ.