އެމެރިކާގެ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް

2017 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ހަތަރު އަހަރަށް އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގެންފިއެވެ. އޭނާ މި މަގާމަށް ހޮވި ވަޑައިގަތީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނާ ވާދަ ކުރައްވައިގެންނެވެ. ޓްރަމްޕް ވަނީ އިލެކްޓޯރަލް ވޯޓުގެ 289 ވޯޓު ހޯއްދަވާފައެވެ. ހިލަރީއަށް ލިބިވަޑައިގަތީ 228 ވޯޓެވެ. މިއީ ދުނިޔޭގެ އެއްވެސް "އެނަލިސްޓަކު" ލަފާ ކުރި ނަތީޖާއެއް ނޫނެވެ. ޓްރަމްޕް ހޮވިވަޑައިގަތް ކަމުގައި ވިޔަސް މިހައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނޭ ކަމަކަށް އެއްވެސް މީހަކު ނުބުނެއެވެ.

އިންތިޚާބު ކާބިޔާބު ކުރެއްވުމަށް ފަހު ތާއީދުކުރާ މީހުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމުގައެވެ. އަދި މުޅި ދިރިއުޅުއްވުން ވިޔަފާރީގައި ހޭދަ ކުރެއްވި ބޭފުޅަކަށް ވާތީ އެ ތަޖުރިބާގެ ބޭނުން ކުރައްވައިގެން އެމެރިކާގެ ރައްޔިތުންނަށް ކުރިއަށް ދާނޭ ފުރުސަތުތައް ހައްދަވައި ދެއްވައި، ގައުމު ތަރައްގީ ކުރައްވާނޭ ކަމުގައެވެ.

ޓްރަމްޕަކީ ވިޔަފާރީގެ ދާއިރާއިން ޑިގްރީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވިޔަފާރީގައި ހަތަރު ފަހަރު ބަނގުރޫޓުވެ ވަޑައިގެންފައެވެ. އެހެންނަމަވެސް މިހާރުވެސް އޭނާ ގުނެނީ ދުނިޔޭގެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައެވެ. އޭނާއަކީ ބިލިއަނަރަކެވެ.

ޓްރަމްޕަކީ ވިޔަފާރީގައި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅަކަށް ވީ ނަމަވެސް އޭނާއަކީ މިހައި ތަނަށް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާ ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. އެހެންވީމާ އޭނާ ވައިޓް ހައުސް އަށް ވެދެވަޑައިގަންނަވާނީ ސަރުކާރެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ.

ބައެއް އެނަލިސްޓުން ފާހަގަ ކުރައްވާ ގޮތުގައި އޭނާއަށް ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމުގެ މައިގަނޑު އެއް ސަބަބަކީ ދައުލަތުގެ ވަޒޫީފާއެއް އަދާ ކުރައްވާފައި ނެތުމެވެ. މީގެ ސަބަބުން އޭނާގެ އިސްތަށިފުޅުގައި އަޅުވާނޭ ތުހުމަތުތަކެއް ނެތެވެ.

ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ބޭފުޅެކެވެ. މި ވަގުތު ކޮންގްރެސްގެ އަޣުލަބިއްޔަތުވެސް އޮތީ ރިޕަބްލިކަން ޕާޓީގައެވެ. އެހެންވީމާ ސަރުކާރު ހިންގަވަން އޭނާއަށް ކުރިމަތިވެ ވަޑައިގަންނަވާނޭ ހުރަސްތަކެއް މިހާރަކު ނެތެވެ.

ޓްރަމްޕް ވަނީ ކެމްޕޭނުގެ ތެރޭގައި ވަރަށް ގިނަ އާދަޔާ ޚިލާފު ވަޢުދުތަކެއް ވެ ވަޑައިގެންފައެވެ. އޭގެ ތެރޭގއަި މެކްސިކޯ އާއި އެމެރިކާ ވަކިކުރާ ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުއްވުމާއި، އިސްލާމީ ގައުމުތަކުނަ އެމެރިކާއަށް ހިޖުރަ ކުރާ މުސްލިމުން ވަނަ ނުދެއްވައި ހިފެހެއްޓެވުމާއި، އިޒްރޭލަށް އެހީތެރިވެވަޑާއިގަތުން އިތުރު ކުރެއްވުން ހިމެނެއެވެ. އަދި ބަރަކް އޮބާމާ ފައްޓަވާފައިވާ "އޮބާމާ ކެއަރ" ހުއްޓަވައިލެއްވުންވެސް ހިމެނެނީ އޭނާގެ ވަޢުދުތަކުގެ ތެރޭގައެވެ. އޮބާމާ ކެއަރ އަކީ އެމެރިކާގެ ސިއްހީ ދާއިރާއަށް އިސްލާހުތަކެއް ގެންނަވާން ރައީސް ބަރަކް އޮބާމާ ފައްޓަވާފައިވާ މަޝްރޫއެކެވެ.

ސެނޭޓްގެ ކޮންޓްރޯލްވެސް އޮތީ ރިޕަބްލިކަން ޕާޓީއަށް ކަމުގައި ވާތީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ބަދަލު ކުރެއްވުމުގެ ފުރުސަތުވެސް ވަނީ ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައެވެ.

ޓްރަމްޕަށް ތާއީދު ކުރާ މީހުން ބުނާ ގޮތުގައި އެ މީހުން ވޯޓުލީ އުއްމީދަށެވެ. ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި އެމެރިކާ ވަނީ ފުން އަނަދަވަޅަކަށް ވެއްޓިފައި ކަމުގައްޔާއި، ޓްރަމްޕަކީ އެމެރިކާ ސަލާމަތް ކުރައްވާނޭ ރައީސެއް ކަމަށް އެ މީހުން ދެކެއެވެ.

ޓްރަމްޕަށް ތާއީދު ނުކުރާ މީހުން ދެކޭ ގޮތުގައި ޓްރަމްޕް ހޮވިވަޑައިގަތުމާއެކު އެމެރިކާ ކޮޅެއް ނުފެންނަ އަނދިރި މަގަކަށް ނުކުތީއެވެ. ކުރިއަށް އޮތީ ހަލާކާއި ގެއްލުމެވެ. ޑޮނަލްޑް ޓްރަމްޕް ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައިވާ ކަންތައްތައް ކުރައްވައިފި ނަމަ މިއީ ހަގީގީ ވާހަކައަކަށް ވާނެއެވެ. އެކަމަކު ސިޔާސީ އެނަލިސްޓުން ވިދާޅުވާ ގޮތުގައި އޭނާ ކުރައްވާނަމޭ ވިދާޅުވި ކަންތައްތަކުގެ ތެރެއިން މަދު ކަމެއް ފިޔަވައި އެއްވެސް ކަމެއް ނުކުރައްވާނެއެވެ.

އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ދެ ގޮތަކަށް ޚިޔާލު ހުރި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ދެކޭ ގޮތުގައި ޓްރަމްޕް ހޮވިވަޑައިގަތުމަކީ އެމެރިކާ އަށާއި ދުނިޔެއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އޭނާއަކީ ރަނގަޅު ރައީސްކަށް ވާނޭ ކަމަކަށް ދުނިޔެ ގަބޫލެއް ނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.