އީރާނުން ހިފަހައްޓާފައި އޮތް އިނގިރޭސި ތެޔޮ ޓޭންކަރު ދޫކޮށްލައިފި

ފާއިތުވި ޖުލައި މަހުގެ 18 ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަނިކޮށް އީރާނުން ހިފަހައްޓައި އެގައުމުގެ ބަންދަރު އައްބާސަށް ގެންދިޔަ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު 'ސްޓެނާ އިމްޕެރޯ' އިރާނުން ދޫކޮށްލައިފިއެވެ.

އެ ޓޭންކަރު ހިފެހެއްޓުމަށް އީރާނުގެ ކޯޓަކުން ކުރި އަމުރު މިހަފުތާގެ ކުރީކޮޅު ބާޠިލުކުރި ނަމަވެސް، އިތުރަށް ތަހުގީގުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އީރާނުން އެ ޓޭންކަރު ދޫނުކޮށް ހިފެހެއްޓުމަށް ފަހު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ.

'ސްޓެނާ އެމްޕެރޯ' ގެ ވެރިފަރާތް، ސްވިޑަންގެ ސްޓެނާ ބަލްކް ކުންފުނިން މިއަދު ހެނދުނު ޔަގީންކޮށްދީފައި ވަނީ އިރާނުން އެ ޓޭންކަރު ދޫކޮށްލާފައިވާ ކަމަށާ މިއަދު ހެނދުގެ ވަގުތެއްގައި ފުރަން ތައްޔާރު ވަމުންދާ ކަމަށެވެ. ސްވިޑަންގެ ކުންފުންޏެއްގެ ޓޭންކަރަކަށް ވިޔަސް 2018 ވަނަ އަހަރު ބަނދެފައިވާ އެ ޓޭންކަރުގައި ނަގާފައި ވަނީ އިނގިރޭސިވިލާތުގެ ދިދައެވެ.

ކަނޑު ދަތުރުކުޅާ އުޅަނދުތައް ޓްރެކްކުރާ ރެފިޓިނިވް ޝިޕިންގ ޑާޓާއިން ދައްކާ ގޮތުގައި 'ސްޓެނާ އިމްޕެރޯ' ވަނީ މިއަދު ހެނދުނު އީރާނުގެ ބަންދަރު އައްބާސުން ފުރައިގެން ދަތުރުކުރަން ފަށާފައެވެ. ޓްރެކިންގ ޑާޓާއިން ދައްކާ ގޮތުގައި އެ ޓޭންކަރު މިސުރާބު ޖަހާފައި ވަނީ 250 ކިލޯމީޓަރު ދުރުވައިވާ ދުބައި ބަނދަރަށެވެ. އާއްމުކޮށް ޓޭންކަރުތައް ދަތުރުކުރާ ބާރުމިނަށް ބަލާއިރު އެއީ 12 ގަޑިއިރުގެ ރާސްތާއެކެވެ.

އިނގިރޭސިވިލާތުގެ ތެޔޮ ޓެންކަރު އީރާނުން ހިފެހެއްޓީ އީރާނުގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ އަރްދިޔާން ދަރްޔާ-1 (ގްރޭސް-1) ސްޕޭންގެ ދެކުނުން އޮންނަ އިނގިރޭސިވިލާތުގެ ރަށެއް ކަމުގައިވާ ޖިބްރޯލްޓާ (ޖަބަލު ޠާރީޤު) އިން ޖުލައި މަހުގެ ކުރީކޮޅު ހިފެހެއްޓުމުންނެވެ. އޮގަސްޓު މަހުގެ މެދުތެރޭގައި އެޓޭންކަރުވަނީ ދޫކޮށްލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.