މިއުޅެނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ލަގާއެއް ދޭކަށްނޫން: ޤާސިމް

ޖޫމްހޫރީޕާޓީ (ޖޭޕީ) އަށް މީހުން އިތުރު ކުރަން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ލޮޓިއެއް ނުވަތަ ލަގާއެއް ދޭން ނޫން ކަމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ޖޭޕީއަށް މެމްބަރުން ތަކެއް ސޮއި ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިސްލާމް ދީނުގެ ހަމަތަކުގެ ތެރެއިން ޤައުމުގެ ކުރިއެރުމާއި މަންފާއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރު ލެއްވުން ދެއްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. "އެހެންނަމަވެސް ވަކިފަރާތަކަށް، ވަކި ޤައުމަކަށް ނުވަތަ ވަކި މީހަކަށް އަނިޔާއެއް ލިބޭނެ ފަދަގޮތަކަށް ކުރެވޭ ކަންތައްތަކުގައި މުޖުތަމައަށް ފައިދާއެއްނުވާ ކަންކަމުގައި އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވާނެ. އެއާއެކު އަޅުގަނޑުމެން ބުނަންޖެހޭ ޙައްޤުބަސް އަބަދު ވެސް އަޅުގަނޑުމެން ބުނާނެ. އެއީ ވެރިކަމުގައިހުރި މީހާއާ އަޅުގަނޑުމެން ޖެހިގަނެގެން ކުރާކަމެއްނޫން،" ޤާސިމް ވިދާޅުވިއެވެ.

ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މަސައްކަތް ކުރައްވަނީ ކުރިއަށްއޮތް 2 އަހަރު ތެރޭގައި އެޕާޓީގެ މެމްބަރުންގެ ޢަދަދު ތިރީސް ހާހަށް އިތުރު ކުރަން ކަމަށެވެ. އެކަން ކުރުމަށްޓަކައި ޕާޓީއާ އަލަށް ގުޅުނު މެމްބަރުން ވެސް މީހުން އިތުރުކޮށް ޕާޓީގެ ގޮފިތައް އުފެއްދުމަށް ޤާސިމް އެދި ވަޑައިގެންނެވެ.

މިރޭ ޖޭޕީއަށްވަނީ 40 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފައެވެ. އަދި މުޅިން އަލަށް 250 އަށްވުރެ ގިނަ ފޯމް މިރޭވަނީ ޕާޓީއާ ޙަވާލުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.