
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުވައްޒަފުން މިއަދު މަސައްކަތަށް ނުކުތީ ހިނގާފައެވެ. "ވޯކް ޓު ވަރކްގެ" ނަމުގައި އެސްޓީއޯގެ މުވައްޒަފުން މިއަދު ހިނގާފައި މަސައްކަތަށް ނުކުތީ ޞިއްޙީ ގޮތުން ދުޅަހެޔޮ ކޮށްތިބުމަށް ހިތްވަރުދިނުމެވެ. އޭގެ އިތުރަށް ތިމާވެއްޓަށްޓަކައި ފަރުދީގޮތުން ކުރެވިދާނެކަމެއް ކުރުމަށް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މިޙަރަކާތުގައި އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިޙަރަކާތް އެސްޓީއޯގެ ހުރިހާ ބުރާންޗު ތަކެއްގައި ކުރިއަށް ގެންދިޔައެވެ.
އެސްޓީއޯއަކީ ތިމާވެއްޓާ ރައްޓެހި ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ވަނީ ތިމާވެއްޓާ ރައްޓެހި އާދަތައް އަށަގެންނެވުމުގެ ގޮތުން އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕީޕަލްސް ޗޮއިސް ސުޕަމާޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ބާޒާރުކުރަންދާ ފަރާތްތަކުގެ ބިލުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭންވެސް ފަށައިފައެވެ.