ސީރިޔާގެ ދަސްތޫރީ ކޮމިޓީ އެކުލަވާލައިފި ކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ހާމަކުރައްވައިފިއެވެ. މިއީ، ދާޚިލީ ހަނގުރާމައަށް ފަހު ސީރިޔާގައި އޮންނާނެ ގާނޫނު އަސާސީ އެކުލަވާލުމުގެ ބޭނުމުގަ ބައްޝާރުލް އަސަދުގެ ސަރުކާރާއި، އިދިކޮޅު ފަރާތްތަކުގެ މަންދޫބުން ހިމެނޭހެން އެކުލަވާލި ކޮމިޓީއެކެވެ.
"ސީރިޔާ މީހުންގެ މައްޗަށް އެކުލެވޭ، ސީރިޔާ މީހުން އަމިއްލައަށް އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ދަސްތޫރީ ކޮމިޓީއަކީ (ސީރިޔާގެ) މައްސަލަ ހައްލުކުރުމަށް ހިނގަން އޮތް މަގުގެ ފެށުންކަމަށް ވާނެކަމަށް އަހަރެން ޔަގީންކަމާއެކު ގަބޫލުކުރަން." ކޮމިޓީ އެކުލަވާލިކަން ހަމާކުރައްވަމުން ގުޓަރޭޝް ވިދާޅުވިއެވެ.
ގުޓަރޭޝް ހާމަކުރެއްވި ގޮތުގައި، ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ އުނދަގޫ މަޝްވަރާތަކަށް ފަހު ސީރިޔާ ސަރުކާރާއި، އިދިކޮޅު ފަރާތްތަކުން ވަނީ ކޮމިޓީ އެކުލެވިގެންވާ ގޮތާމެދު އެއްބަސްވުމަށް އައިސްފައެވެ. 150 މެންބަރުންގެ މި ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ 50 މަންދޫބުންނާއި، އިދިކޮޅު 50 މަންދޫބުންނާއި، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ މަދަނީ މުޖުތަމައުގެ 50 މަންދޫބުންނެވެ. އުއްމީދު ކުރެވޭ ގޮތުގައި މި ކޮމިޓީ ވެގެންދާނީ، އަށް އަހަރަށް ދިގު ދެމިގެން ގޮސް، 40 ހާސް މަރުވުމުގެ ސަބަބަކަށް ވި ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ފެށުން ކަމަގައި ވާނެއެވެ.
"އަހަރުމެންނަށް މި އެކުލަވާލެވުނު އެއްބަސްވުމާމެދު ސީރިޔާ ސަރުކާރު ހިތްހަމަޖެހޭ. އަހަރުމެން މިތިބީ އުއްމީދުގައި. އަހަރުމެން ތިބީ ކޮމިޓީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމުގެ އުއްމީދުގައި." ޖެނީވާގައި ބޭއްވުނު މަޝްވަރާތަކަށް ހާޒިރުވެވަޑައިގެންނެވި ސީރިޔާ ސަރުކާރުގެ މަންދޫބު އަދި ގާނޫނުހަދާ މަޖިލީހުގެ މެންބަރު މުޙައްމަދު ޚައިރު އަކްރަމް ވިދާޅުވިއެވެ.
"އަހަރުމެން ދެކޭގޮތުގައި މި ކޮމިޓީ އެކުލަވާލައި އޭގެ މަސައްކަތް ފެށުމަކީ ސީރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އެޅުނު މުހިއްމު ފިތަވަޅެއް ކަމުގައެވެ." މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރެއްވި މަންދޫބު ޔަޙްޔާ އަލް އަރީދީ ވިދާޅުވެއެވެ.
ސީރިޔާގެ ޚަރިޖީ ވަޒީރު ވަލީދު އަލްމުޢައްލިމު ވެސް ވަނީ މި ކޮމިޓީ އެކުލަވާލާފައިވާކަން ޔަގީންކޮށްދެއްވާފައެވެ. އުއްމީދުކުރެވޭ ގޮތުގައި މަދު ހަފުތާތަކެއްގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުންތައް ފެށޭނެއެވެ.