
އަފްޣާނިސްތާނުގެ އުތުރުގެ ޕްރޮވިންސެއް ކަމުގައިވާ ޕަރްވާންގެ ޗާރިކާރްގައި ރައީސު އަޝްރަފު ޣަނީގެ ކެމްޕޭން ޖަލްސާއެއް ކުރިއަށް ދަނިކޮށް ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދުގައި ބޮމެއް ގޮއްވާލައިފިއެވެ. އަފްޣާނިސްތާނުގެ ތޯލޯ ނިއުސް އެޖެންސީން ޚަބަރު ދިން ގޮތުގައި ބޮން ގޮވާފައި ވަނީ ޖަލްސާ ހިނގަމުން ދިޔަ ތަނުގެ ތެރެއަކު ނޫނެވެ.
ރިޔާސީ ތަރުޖަމާނު ޙާމދު ޢަޒީޒު ވިދާޅުވީ ބޮން ގޮވި ވަގުތު ރައީސު ޣަނީ ޖަލްސާގައި އިންނެވި ނަމަވެސް އޭނާއަށް އަށް އަނިޔާއެއް ނުލިބި ސަލާމަތްވެވަޑައިގެންފައިވާ ކަމަށެވެ. ސިއްހީ ދާއިރާތަކާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުގައި ބޮން ގޮވުމުގެ ސަބަބުން 24 މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
"މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ. އެމްބިއުލަންސުތަކުން ދަނީ އަދިވެސް މީހުން އުފުލަމުން. މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ." ޕަރްވާންގެ ޕްރޮވިންޝަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުލް ޤާސިމް ސަންގީން ވިދާޅުވިއެވެ.
ޕަރްވާން ޕްރޮވިންސުގެ އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި ގޮވި ބޮމަކީ ޖަލްސާ އޮތް ތަނަށް ވަންނަ ދޮރުމަތީގައި އޮތް ފުލުހުންގެ އުޅަނދެއްގައި ތަތްކޮށްފައި ހުރި އެއްޗެކެވެ.
ޕްރޮވިންސު ސަރުކާރުގެ ތަރުޖަމާނު ވަހީދާ ޝާހްކާރް ވިދާޅުވި ބޮން ގޮވި އިރު ޖަލްސާ ފެށިގެން ކުރިއަށް ދަނީއެވެ.
އެއްވެސް ފަރާތަކުން ބޮން ގޮއްވާލުމުގެ ޒިންމާ އަދި އުފުލާފައި ނުވެއެވެ.
މިމަހު ފަހުކޮޅު އަފްޣާނިސްތާނުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަދަ ބޮންގެއްވުމުގެ ހާދިސާތައް އެ ގައުމުގައި ވަނީ އާއްމުވެފައެވެ.