ޓިއުނީޝިޔާގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅެއް

ޓިއުނީޝިޔާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިހޯއްދެވި ޤައިސު ސުޢައްޔިދު (ކ) އަދި ނަބީލު ޤަރަވީ (ވ)

އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމުގައިވާ ޓިއުނީޝިޔާ (ތޫނިސް) ގައި އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅެއްކެވެ.

ވޯޓުގެ %80 ގުނިފައި ވާއިރު ސިޔާސީ ދާއިރާއާއި ދުރުގައި އުޅުއްވި، ޤާނޫނުގެ ޕްރޮފެސަރެއް ކަމުގައިވާ، ޤައިސް ސުޢައްޔިދު އުޅުއްވަނީ %18.9 ވޯޓާއެކު އެންމެ ކުރީގައެވެ. 26 ކެންޑިޑޭޓަކު ވާދަކުރެއްވި މިއިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ދެވަނަ ހޯއްދެވީވެސް، މައިގަނޑު ސިޔާސީ ޕާޓީތަކާ މުޅިން ދުރު ބޭފުޅެކެވެ. ޖަލުގައި އޮންނަވައިގެން އިންތިޚާބުގައި ވާދަކުރެއްވި މީޑިޔާ މަހުޖަނު ނަބީލް ޤަރަވީ ވަނީ %15.5 ވޯޓު ހޯއްދަވާފައެވެ. އޭނާ ވާދަކުރެއްވީ 'ޤަލްބު ތޫނިސް' (ޓިއުނީޝިޔާގެ ހިތް) ނަމުގައި ޕާޓީއެއް އުފައްދަވައިގެން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %45 ވޯޓުލީ މި އިންތިޚާބުގައި މައިގަނޑު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ކުރި ހޯދީ އިސްލާމީ ޚިޔާލުގެ އައްނަހްޟާ މޫވްމެންޓެވެ. އެ ޕާޓީގެ ބާނީ އަދި ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް ފައްތާޙު މޯރޯ އުޅުއްވަނީ 12.9% ވޯޓާއެކު ތިންވަނައިގައެވެ.

މި އިންތިޚާބުގެ ނަތީޖާއިން ފެނިގެން ގޮސްފައި ވަނީ 2011 ވަނަ އަހަރު ޓިއުނީޝިޔާއަށް 'ޔާސްމީން އިންޤިލާބަށް' ފަހު އެގަމުގައި ވެރިކަން ހިނގަމުން އައިސްފައިވާ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހިފައިވާ މިންވަރެވެ. އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވަމުން އައި މައިގަނޑު ސިޔާސީ ޕާޓީތަކާމެދު ރައްޔިތުން ފޫހިވެފައިވާ މިންވަރެވެ. ސަރުކާރު ހިންގާ 'ނިދާ ތޫނިސް' (ޓިއުނީޝިޔާގެ ގޮވާލުން) ޕާޓީގެ ކެންޑިޑޭޓް އަދި ބޮޑުވަޒީރު ޔޫސުފު އައްޝާހިދަށް ވޯޓުގެ އެންމެ %7.4 ލިބިވަޑައިގަތުމަކީ މިކަމުގެ ހެއްކެކެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް %50 ވޯޓު ލިބިފައި ނުވާތީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެއެވެ. އިލެކްޝަން ކޮމިޝަނުން ލަފާކުރާ ގޮތުގައި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.