ޤައުމު ސަލާމަތް ކުރަން ތައްޔާރަށް ތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި

މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި ޞުލްޙަމަޞްލަޙަތަށް ނުރައްކާތެރިކަމެއް މެދުވެރިކުރުވުމަށް، ޤައުމުގެ އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ޙަމަލާއަކުން މި ޤައުމު ދިފާޢުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ، ނޮވެމްބަރު 3 ގެ ޙާދިސާއަކީ އެދުވަހު މާއްދީގޮތުން ލިބުނު ގެއްލުންތަކުގެ އިތުރުން، އޭގެ އަގު ވަޒަން ނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކެއްވެސް ލިބުނު ދުވަހެއްކަމަށެވެ. އަދި ގިނަބަޔަކަށް ނަފްސާނީގޮތުންވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށާ، އެހެންކަމުން، އެދުވަހުގެ ބިރުވެރި ހަނދާންތައް، މިއަދުވެސް ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މިފަދަ ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުގައި މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ނުކުމެވަޑައިގެން، 1988 ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި މަތިވެރި އަބްޠާލުންގެ ހަނދާންތައް މިއަދުވެސް އަޅުގަނޑު އާކުރަމެވެ. އަދި އެހުރިހާ އަބްޠާލުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ހަމައެހެންމެ، އެދުވަހު ރާއްޖެ ދިފާޢު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި، ސިފައިންގެ އެންމެމަތީ ވެރިންނާއި، އެކަމުގައި ޙަރަކާތްތެރިވި އެންމެހައި ސިފައިންނާއި، ޢާންމު ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތް މިއަދުވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަމެވެ. " ރައީސުލް ޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މި ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ މިނިވަންކަމާއި ޞުލްޙަމަޞްލަޙަތަށް ނުރައްކާތެރިކަމެއް މެދުވެރިކުރުވުމަށް، ޤައުމުގެ އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ޙަމަލާއަކުން މި ޤައުމު ދިފާޢުކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބުމަށް، ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
އަދި މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިޤައުމު އަންނަންއޮތް ޖީލުތަކަށް ގެންގޮސްދެވޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ސްރީލަންކާގައި އޭރު ޙަރަކާތްތެރިވި، ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާޢަތުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކާއެކު ދިވެހިންގެ މަދުބަޔަކު ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާއިން މިޤައުމު ސަލާމަތްވީ ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.