ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރައްވަން ޖޭއެސްސީ އިން އިސްކަންދޭ ތަރުތީބު ލިސްޓުގެ އެންމެ ކުރިއަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަންފުޅު ހިމަނައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަކަށް އެދިއްޖެއެވެ.
ޖޭއެސްސީން ބުނެފައި ވަނީ "ހައިލީ ރެކޮމެންޑެޑް" ދެބޭފުޅު އެބަތިއްބެވި ކަމަށާއި އެއީ ދިޔާނާގެ އިތުރުން ރައީސް ސޯލިޙު މީގެކުރިން ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުއްވި މަހާޒް އަލީ ޒާހިރު ކަމަށެވެ. ނަމަވެސް ދިޔާނާ އާއި މަހާޒުގެ ތެރެއިން ޖޭއެސްސީން އިސްކަންދޭ ތަރުތީބުގައި އެންމެ ކުރީގައި އޮތީ ދިޔާނާގެ ނަންފުޅެވެ. މަހާޒުގެ ނަން އޮތީ ދެވަނައަށެވެ.
ޖޭއެސްސީން ދިޔާނާގެ ނަންފުޅު ރައީސަށް މި ފޮނުވީ އެ މަގާމަށް އައްޔަން ކުރައްވަން ރައީސް ސޯލިޙަށް ފެނިވަޑައިގަންނަވާ ނަންފުޅަކާމެދު ޖޭއެސްސީގެ ލަފަޔަކަށް އެމަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށެވެ. ރައީސް ސޯލިޙު ޖޭއެސްސީގެ ލަފަޔަކަށް ފޮނުއްވީ މަހާޒު އަލީ ޒާހިރުގެ ނަންފުޅެވެ.
ދިޔާނާ އާއި މަހާޒުގެ ނަންފުޅުގެ އިތުރުންވެސް "ރިކޮމެންޑެޑް" ތިން ބޭފުޅެއްގެ ނަންފުޅުވެސް ޖޭއެސްސީން ފާހަގަ ކުރައްވާފައި ވެއެވެ. އެއީ އެ މަގާމަށް ކުރިމަތި ލެއްވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒު އާއި އަލީ ސަމީރުގެ އިތުރުން ޝުއައިބު ހަސަން ޒަކަރިއްޔާއެވެ.
ޖޭއެސްސީން ބުނެފައި ވަނީ މިގޮތަށް ރައީސްގެ ލަފަޔަކަށް އެދެން ނިންމީ ކުރިމަތި ލެއްވި ހުރިހާ ބޭފުޅުންނާ އިންޓަވިއުކޮށް، ނަންފުޅުތައް ދިރާސާކުރި ކޮމިޓީން އެގޮތަށް ލަފާ ދިނުމާއި ގުޅިގެން ކަމަށެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުވުމުން މަޖިލީހުން ފާސްކޮށްގެންނެވެ. ސުޕްރީމް ކޯޓަށް މިވަގުތު ފަނޑިޔާރަކު އައްޔަން ކުރައްވަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓާއެކު އެ ކޯޓުގެ ފަނޑިޔާރުކަން ގެއްލުނު އަބްދުﷲ ދީދީގެ ބަދަލުގައެވެ.