
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ މިސްރަށް ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިނިސްޓަރު ޒާހިރު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިސްރުގެ އިސްލާމީ ކަންކަމާބެހޭ އިދާރާތަކުގެ ބަޔެއް އިސްވެރިންނާވެސް ބައްދަލު ކުރައްވާނެއެވެ. އަދި މިސްރުން ރާއްޖެއަށް ހޯދެން ހުރި ކަމާގުޅުން ހުރި ކަންކަން ފަހި ކުރެއްވުމަށްވެސް މިސްރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެއެވެ.
މިނިސްޓަރުގެ މިދަތުފުޅުގައި މިސްރަށް ކިޔަވަން ގޮސްތިބޭ ދިވެހި ކިޔަވާ ކުދިންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. ދަރިވަރުންނާއެކު ބޭއްވި މަޝްވަރާތަކުގައި އެކުދިން މިސްރުގައި ކިޔަވަން ގޮސް ތިބޭއިރު ކުރިމަތިވާ ދަތިތަކާބެހޭ ގޮތުން މިނިސްޓަރަށް ވަނީ މައުލޫމާތު އަރުވާފައެވެ.
މިސްރުގައި ކިޔަވަން ގޮސްތިބި ދަރިވަރުން ވަނީ އެކުދިންނަށް ހުރި އުދަނގޫތައް ޙައްލު ކޮށްދެއްވުމުގައި ކަމާގުޅުން ހުރި މުއައްސަސާތަކާ ވާހަކަ ދައްކަވައިގެން ޙައްލު ކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެ ކުދިންނަށް މިސްރުގައި ކުރިމަތި ވަމުން އަންނަ އުދަނގޫތައް ފަސޭހަކޮށްދީ އެ ކަންކަން ޙައްލު ކޮށްދެއްވަން އިސްލާމިކް މިނިސްޓްރީން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދިވެހި ކިޔަވާ ކުދިންނަށް ދެއްވާފައެވެ.
މިސްރަކީ ރާއްޖޭގެ ވަރަށްގިނަ ކުދިން ކިޔެވުމާއި ތަފާތު ކޯސްތައް ހެދުމަށްވެސް ގޮސްއުޅޭ ދިވެހި ކިޔަވާ ކުދިންނާ ވަރަށް ރައްޓެހި ގައުމެކެވެ. ނަމަވެސް މިސްރުގައި ހިނގައިދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ދުވަސްވަރު ދިވެހި ކިޔަވާ ކުދިން މިސްރުން އެނބުރި ރާއްޖެވެސް އައެވެ.