
ފާއިތުވި ދެ ދުވަހު މަލެ ސިޓީއާއި އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލީ ކާމިޔާބު ކަމާއެކު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އޮޕަރޭޝަނުގެ ކާމިޔާބީގެ ތަފްސީލެއް ނުދެއްވައެވެ. "އަޅުގަނޑުމެން ވަނީ ކާމިޔާބު ކަމާއެކު އޮޕަރޭޝަން ނިންމާލައިފައި" ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.
އެއީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަން" ގެ އެދިވަޑައިގަތުމުގެ މަތިން ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި ފުލުހުންވަނީ 17 ތަނަކާއި 11 މީހުން ބަލައި ފާސްކޮށްފައެވެ. އެހެންނަމަވެސް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. ފުލުހުންވަނީ މާލެ ސަރަޙައްދު ކަނޑުމަތީގައި ވެސް އެ އޮޕަރޭޝަން ހިންގައިފައެވެ. ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި ވަނީ ބަނދަރުގައި އޮތް ބޯޓެއްގައި ހުރި މީހަކު ބަލައި ފާސްކޮށްފައެވެ.