މި ސެޕްޓެންބަރު މަހު 17 ވަނަ ދުވަހު އިސްރާއީލުގައި ބާއްވާ އާންމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެއްޔާ ހުޅަނގު އައްސޭރީގެ ބައެއް ކަމުގައިވާ އުރްދުން ވާދީ (ޣައުރުލް އުރްދުން ނުވަތަ ޖޯޑަން ވެލީ) އިސްރާއީލުގެ ބަޔަކަށް ހަދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
"އާ ސަރުކާރެއް އެކުލަވާލުމަށް ފަހު އުރްދުން ވާދީއާއި ޑެޑް ސީ (އަލްބަޙްރުލް މައްޔިތު) ގެ އުތުރު ބައިގެ މައްޗަށް އިސްރާއީލުގެ ސިޔާދަތު ހިންގުމަށް ގަސްތުކުރާ ވާހަކަ މިއަދު އަހަރެން ހާމަކުރަން." އަންގާރަ ދުވަހު އިސްރާއީލުގެ ޓީވީން ވަގުތުން ފޮނުވި ޚިޠާބެއްގައި ނަތަންޔާހޫ ބުނެފައި ވެއެވެ.
"އިސްރާއީލުގެ ރައްޔިތުން އަހަރެންނަށް އެކަންކުރުމުގެ ފުރިހަމަ އިޚްތިޔާރު ދީފިއްޔާ (އެވަރުގެ އަޣުލަބިއްޔަތަކާ އެކު ހޮވައިފިއްޔާ) އެކަން ވަގުތުން" ކުރާނެ ކަމަށް ވެސް ނަތަންޔާހޫ ބުންޏެވެ .
ނަތަންޔާހޫގެ މި ވާހަކައާ ގުޅިގެން އދ. ން ވަނީ، އޭނާ ވައުދުވީ ގޮތަށް އިސްރާއީލުން އެކަން ކުރިނަމަވެސް އެކަން ބައިނަލް އަގްވާމީ ގޮތުން ގަބޫލު ނުކުރެވޭނެ ކަމުގެ އިންޒާރުދީފައެވެ.
"އިސްރާއީލުގެ ގާނޫނާ، ވެރިކަމުގެ ބާރާއި، އިދާރީ ކަންކަން ހުޅަނގު އައްސޭރީގައި ހިންގުމަށް އިސްރާއީލުން ނިންމާ ކޮންމެ ނިންމުމެއް ވާނީ ބައިނަލްއަގްވާމީ ގާނޫނުގައި އެއްވެސް ބުރަދަނެއް ނެތް ކަމަކަށް." އދ. ގެ ތަރުޖަމާނު ސްޓެފެން ޑުޖާރިކް ނެރުއްވި ބަޔާނެއްގައި ވެއެވެ.
"އަބަދުވެސް ސެކްރެޓަރީ ޖެނެރަލް ގަބޫލުކުރައްވާ ގޮތަކީ މިފަދައިން އެއް ފަރާތުން ނިންމާ ނިންމުންތަކުން ސުލްހައަށް އެހީތެރިކަމެއް ނުލިބޭނެކަން." އޭނާގެ ބަޔާނުގައި ވެއެވެ.
ފަލަސްޠީނުގެ އިސް މަސްއޫލުވެރިއެއް ކަމުގަވާ ޙަނާން ޢަޝްރާވީ ވިދާޅުވީ ނަތަންޔާހޫ ކުރަން އުޅޭ ކަމަކީ "ބައިނަލް އަގްވާމީ ގާނޫނާ ކަނޑައެޅިގެން ޚިލާފު" ކަމެއް ކަމުގައެވެ. އަދި "ބިން ވަގަށް ނެގުމާއި، ނަސްލު ސާފުކުރުމުގެ އިތުރަށް، ސުލްހައިގެ ހުރިހާ ފުރުސަތުތަކެން ނައްތާލުން" ކަމުގައެވެ.
ނަތަންޔާހޫގެ ވާހަކައާ ގުޅިގެން އެމެރިކާއިން ބުނީ، އެމެރިކާ ދެކޭ ގޮތަށް އަދި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.
އުރްދުން ވާދީ އަކީ އުރްދުން ކޯރާ އިންވެގެން ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ 400 އަކަ ކިލޯ މީޓަރުގެ ސަރަހައްދެކެވެ. މިއީ ކަނޑު ސަޠަހަށް ވުރެ 200 މީޓަރު އަޑީގައި އޮންނަ ސަރަހައްދެކެވެ.