އެމެރިކާ ސަރުކާރުން އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް ޠާލިބާންއާއެކު ދައްކަމުން އައި ސުލްހައިގެ ވާހަކަތައް ކެންސަލްކޮށްފި ކަމަށް ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ވާދަވެރި ލީޑަރުންނާއި އެމެރިކާގައި ވަކިން ބާއްވަވަން އޭނާ ނިންމާއި އޮތް ބައްދަލުވުމެއް ވެސް ކެންސަލްކޮށްފައިވާ ކަމުގައެވެ.
"ގާތްގަނޑަކަށް އެއްވެސް މީހަކަށް ނޭނގި އޮތްކަމެއް. ޠާލިބާންގެ އިސް ލީޑަރުންނާއި، އަފްޣާނިސްތާނުގެ ރައީސު ވަކިވަކިން ކޭމްޕް ޑޭވިޑްގައި އާދީއްތަ ދުވަހު އަހަރެންނާ ބައްދަލުކުރާ ގޮތަށް އޮތީ." ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
"ނަސީބު ދެރަކަމުން އެމީހުން (ޠާލިބާނުން) ވަނީ ހަގީގަތެއް ނެތް ނުފޫޒެއް ލިބިގަތުމުގެ ބޭނުމުގައި، އެމީހުން ވަނީ އަހަރުމެންގެ މަތިވެރި ސިފައިންގެ މީހަކާ، އިތުރު 11 މީހުން މަރުވި ހަމަލާ ކާބުލްގައި ދިން ކަމަށް އެއްބަސްވެފައި. އަހަރެން ވަނީ ބައްދަލުވުން ވަގުތުން ކެންސަލްކޮށް، ވާހަކަތައްވެސް ވަގުތުން ހުއްޓާލާފަ." ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވެއެވެ.
ފާއިތުވި ބުރާސްފަތި (5 ސެޕްޓެންބަރު) ދުވަހު ކާބުލްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ނޭޓޯގެ ސިފައިންގެ 2 މީހުންނާއި، އާއްމުންގެ 10 މީހުން މަރުވެ 42 މީހުން ވަނީ ޒަޚަމްވެފައެވެ. ސިފައިންގެ ދެ މީހުންނަކީ އެމެރިކާ މީހަކާއި، ރޯމޭނިއާގެ މީހެކެވެ. ޠާލިބާން ޖަމާއަތުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ.
"ވަރަށްވެސް މުހިއްމު މި ސުލްހައިގެ ވާހަކަތައް ހިނގަމުން ދާއިރު، އެމީހުންނަށް (ޠާލިބާނުންނަށް) ހަނގުރާމައިގެ އަމަލުތައް ހުއްޓާލަން އެއްބަސްނުވެވޭނަމަ، އަދި އަމުދުން ކުށެއް ނެތް 12 މީހަކު މަރާލައިފައި ވާނަމަ، އެމީހުންނަށް މާނައެއް ހުރި އެއްބަސްވުމަކާ މެދު މަޝްވަރާކުރުމުގެ ބާރެއް، ކޮންމެ ގޮތަކަށްވިޔަސް، ނޯންނާނެ." ރައީސު ޓަރަމްޕްގެ ޓުވީޓުގައި ވެއެވެ.
2001 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމުން ދުރުކުރެވުމަށް ފަހު، އަފްޣާނިސްތާނުގެ ބޮޑު ބައި އެމީހުންގެ އަތްދަށުން ބީވެގެން ދިޔަ ނަމަވެސް، ޠާލިބާން ޖަމާއަތުން އަނެއްކާވެސް ވަނީ އަފްޣާނިސްތާނުގެ ބޮޑު ސަރަހައްދެއް އެމީހުން ބާރުގެ ދަށަށް ގެންގޮސްފައެވެ. ފާއިތުވި ހަފުތާގައިވެސް އެ ޖަމާއަތުން ވަނީ އުތުރުގެ ދެރަށެއް ކަމުގައިވާ ކުންދޫޒްއަށާއި ޕުލޭޚުމްރީއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި ޖާނުން ފިދާވެގެން ކާބުލްގައި ދެ ހަމަލާއެއް ދީފައެވެ.
ޠާލިބާން ޖަމާއަތާއެކު އެމެރިކާއިން އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދެލިކޮޕީގައި ވާގޮތުން، އެމެރިކާއާއި، އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާދޭ މަރުކަޒެއްގެ ގޮތުގައި އަފްޣާނިސްތާނު ބޭނުން ނުކުރާނެކަމުގެ ޔަގީންކަން ޠާލިބާން ޖަމާއަތުން ދިނުމުން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ބޮޑު ބައެއް އަފްޣާނިސްތާނުން ފައިބަން އޮތީ ހަމަޖެހިފައެވެ.