
ކީރިތި ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ މިރޭ ފާޅުކޮށްފިއެވެ. މުޅި މުބާރާތުން ފަޚުރުވެރި އެއްވަނީ ހޯދައިފައިވަނީ އިމާދުއްދީން ސްކޫލުގެ ދަރިވަރު މުޙައްމަދު ސާއީ މުބާރަކެވެ. މުބާރާތުން ދެވަނަ ހޯދީ އިސްލާމިކް ޔުނައިޓެޑް ފޯ އަސާސް ވިނަވި އެންޑް އިޔާރު ގެ މުޙައްމަދު ނަބީޙު ރާޝިދެވެ. މުޅި މުބާރާތުން ތިންވަނަ ހޯދީ ދަޢުވާ ފައުންޑޭޝަންގެ މުޙައްމަދު ނަބްޙާން އެވެ.
މި ވަނަތައް ހޯދި ފަރަތްތަކަށް ތައްޓާއި ސެޓްފިކެޓާއި ފައިސާގެ އިނާމް ޙަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލީޙެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮތް މި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަރިހުގައި ނާއިބު ރައީސް ފައިޞަލް ނަޞީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއު ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ޙަވާލު ކޮށްދެއްވުމުގެ އިތުރަށް ޙާފިޡުންގެ ތާޖު ޙާސިލް ކުރި ފަރާތްތަކަށް ތާޖު ޙަވާލުކޮށްދެއްވާފައެވެ. ޙާފިޒުންގެ ތާޖު 15 ފަރާތަކުން ވަނީ ޙާސިލް ކޮށްފައެވެ.
މި މުބާރާތުން ސްކޫލްތަކުން 1 ވަނަ އަދި އާންމު ބައިގެ 1 ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި މުބާރާތުން ސާނަވީ ބައިން ތިންވަނަ ޙާސިލް ކުރީ ކަލާފާނު ސްކޫލެވެ. ދެވަނަ ޙާސިލް ކުރީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އެވެ. އެއްވަނަ ހޯދީ ތާޖުއްދީން ސްކޫލެވެ. މަތީ ސާނަވީން ތިންވަނަ ހޯދީ ސީއެޗުއެސްއީއެވެ. ދެވަނަ ހޯދީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އެވެ. މިބައިން އެއްވަނަ ހޯދީ އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.
މުޅި މުބާރާތުން އާއްމު ބައިން ތިންވަނަ ޙާސިލްކުރީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެވެވެ. ދެވަނަ ހޯދީ މައުޙަދުއްދިރާސާތުލް ޤުރުއާނިއްޔާއެވެ. އެއްވަނަ ހޯދީ އިއުފަވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ ވިދާޅުވީ އަންނަ އަހަރު ބާއްވާ 34 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ދަރިވަރުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަނަން އަހަރުގެ މުބާރާތްވެސް އޮންނާނީ މެދު އިމްތިޙާނުގެ ބަންދު ތެރޭގައި ކަމަށެވެ. އެ މުބާރާތްވެސް ކުރިއަށް ގެންދަނީ މިއަހަރުގެ މުޤައްރަރާ އެއްގޮތަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ކުރިން އިޢުލާން ކުރެއްވީ މުބާރާތަށް ތައްޔާރުވާން ދަރިވަރުންނާއި ބެލެނިވެރިންނަށް ވަގުތު ދެއްވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ބާއްވާ ޤައުމީ މުބާރާތް މިއަހަރުގެ މުބާރާތަށްވުރެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.