އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރ: އިންޑިއާގެ ވައިގެ ސިފައިންނަށް ލިބުނު ވަރަށް ވަރުގަދަ ކުރިއެރުމެއް

އިންޑިއާގެ ޕަޓާން ކޯޓު ވައިގެ ބަނދަރުގައި އެޕާޗޭ ހެލިކޮޕްޓަރެއް

އެމެރިކާއިން 22 އެޕާޗޭ ހެލިކޮޕްޓަރ ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ލިބުނު އަށް ހެލިކޮޕްޓަރ އިންޑިއާގެ ވައިގެ ލަޝްކަރުގައި އަންގާރަ ދުވަހު (ސެޕްޓެމްބަރ 3ގައި) ހިމަނައިފިއެވެ. ބާކީ 14 ހެލިކޮޕްޓަރ އިންޑިއާއަށް ލިބޭނީ އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

އެމެރިކާއިން ހެލިކޮޕްޓަރ ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ ނަރެންދުރަ މޯދީގެ ސަރުކާރުގެ ފުރަތަމަ ދައުރުގައެވެ.

އެޕާޗޭ ހެލިކޮޕްޓަރ އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ހިމެނުމުގެ ރަސްމިއްޔާތު ބޭއްވީ ޕަޓާންކޯޓު ވައިގެ ބަނދަރުގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ބީއެސް ދަނޯއާއެވެ. ހެލިކޮޕްޓަރތައް ބަހައްޓަން ހަމަޖެހިފައި ވަނީ ޕަޓާން ކޯޓު ވައިގެ ބަނދަރުގައެވެ. އެއީ އެ ސަރަހައްދާ ކައިރި ހިސާބުތަކުގައި ކޯޅުން ބޮޑުކަމުންނެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީގެ ކުޅަދާކަން ބޭނުންކޮށްގެން އެޕާޗޭ ހެލިކޮޕްޓަރ އުފެއްދީ، އެމެރިކާގެ މަޝްހޫރު ބޯއިން ކުންފުނިންނެވެ. ހެލިކޮޕްޓަރަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ވިދާޅުވިއެވެ. "މިއީ ދުނިޔޭގެ އެންމެ ބާރުގަދަ ހެލިކޮޕްޓަރ. ހަނގުރާމައިގައި މި ހެލިކޮޕްޓަރ ބޭނުންކުރެވޭނެ."

މެދުކެނޑުމެއްނެތި ތިން ގަޑިއިރު އުދުހުމުގެ ކުޅަދާނަކަން އެޕާޗޭ 64އީ އަށް ލިބިގެންވެއެވެ.

ބޯއިން ކުންފުނިން އެންމެ ފުރަތަމަ އެޕާޗޭ ހެލިކޮޕްޓަރ އުފެއްދީ 1984 ވަނަ އަހަރު އެމެރިކާގެ ސިފައިންގެ ބޭނުމަށެވެ. މިހާތަނަށް 2200 އަށް ވުރެ ގިނަ އެޕާޗޭ ހެލިކޮޕްޓަރ އުފައްދާފައި ވާއިރު ހެލިކޮޕްޓަރ އެމެރިކާއިން ވިއްކާފައި ވަނީ ވަރަށް އެކުވެރި އަދި އިތުބާރުކުރެވޭ ގައުމުތަކަށެވެ. އޭގެތެރޭގައި މިސްރު، އިންޑޮނޭޝިޔާ، އިޒްރޭލް، ޤަޠަރު، ސަޢުދީޢަރަބިޔާ، ޖަޕާން ފަދަ ގައުމުތައް ހިމެނެއެވެ.

އުސްމިނުގައި 16 ފޫޓު ފުޅާމިނުގައި 18 ފޫޓު ހުންނަ އެޕާޗޭ ހެލިކޮޕްޓަރ ދުއްވަން ދެ ޕައިލެޓުން ތިބެންޖެހެއެވެ. އޭގައި ހަރުކޮށްފައި ވަނީ ބޮޑު އިންޖީނެކެވެ. އެއީ އޭގެ ފިޔަގަނޑު ބާރަށް އަނބުރައި ދުވެލި ބާރުކުރުމުގެ ބޭނުމުގައެވެ. އެޕާޗޭ ހެލިކޮޕްޓަރ ފަރުމާކޮށްފައިވާ ގޮތުން ރާޑަރ ސިސްޓަމުން ހެލިކޮޕްޓަރ ހޯދަން އުނދަގޫވާނެއެވެ.

އެޕާޗޭ އޭއެޗް- 64 އީ ހެލިކޮޕްޓަރއަކީ ގަޑިއަކު 280 ކިލޯމީޓަރގެ ބާރުމިނުގައި އުދުހޭ އެއްޗެކެވެ. އޭގައި ހަނގުރާމަވެރި ޓޭންކަށް ހަމަލާދީ ހަލާކުކުރެވޭ ވަރުގެ 16 މިސައިލް ހަރުކުރެވެއެވެ. އަދި 12 ހާސް ބުރުގެ ވަޒަން ލެއްވޭ ވަރުގެ އޮޓޮމެޓިކް ބަޑި ހަރުކުރެވިފައިވެއެވެ. އެޕާޗޭ އޭއެޗް- 64 އީ ހެލިކޮޕްޓަރއަކީ ހަމަލާ ދިނުމަށާއި ތަފާތު ގިނަ ކަންތައްތަކަށް ދުނިޔޭގައި މިހާރު ބޭނުން ކުރަމުންދާ އެންމެ މޮޅު ހެލިކޮޕްޓަރއެވެ.

އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ ޕައިލެޓެއްކަމުގައިވާ އެޑް މެކީ ބުނި ގޮތުގައި އެޕާޗޭ ހެލިކޮޕްޓަރެއް ދުއްވާއިރު ހީވާނީ 160 ކިލޯމީޓަރ ބާރު މިނުގައި ދުއްވާފައިދާ ކާރެއްގެ މަތީގައި ބަނދެފައިވާ މީހަކަށް އިހުސާސްވާ ގޮތެވެ. އެޕާޗޭ ހެލިކޮޕްޓަރެއްގެ ކޮންމެ ޕައިލެޓަކު ތަމްރީނު ކުރުމަށް އިންޑިއާއިން 30 ލައްކަ ޑޮލަރ ޚަރަދުކުރަން ޖެހެއެވެ.

ބޮއިން ކުންފުނިން ބުނިގޮތުގައި އިންޑިއާއަށް ގަންނަ ހެލިކޮޕްޓަރތައް ބަލަހައްޓައި މަރާމާތު ކުރުމުގެ ކަންތައް ބަލަހައްޓާނީ ކުންފުނީގެ ތަޖުރިބާކާރުންނެވެ. އެކަމަކު އެއީ ހިލޭ ކޮށްދޭ ކަމެއްނޫނެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ޤާބިލު ކަމާމެދު ގައުމުގެ އެތައް މިލިއަން ބަޔަކު ކަންބޮޑުވެފައިވާ ދުވަސްވަރެއްގައި އެމެރިކާގެ އެޕާޗޭ ހެލިކޮޕްޓަރ އިންޑިއާއަށް ލިބުމަކީ ވައިގެ ސިފައިންނަށް ލިބުނު ވަރަށް ވަރުގަދަ ކުރިއެރުމެއްކަމުގައި ބެލެވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހު ހަފުތާގައި އިންޑިއާ އިން ޕާކިސްތާނުގެ ބާލަކޯޓަށް ހަމަލާ ދިނުމުން ޕާކިސްތާނުން ވަނީ އިންޑިއާގެ ހަނގުރާމަމަތީ ދެ ޖެޓު ވައްޓާލާފައެވެ. އެ ހޫނުގަނޑުގެތެރޭގައި ސްރީނަގަރުގައި އުދުހިފައި ދިޔަ އިންޑިއާގެ ހެލިކޮޕްޓަރަކަށް އިންޑިއާގެ ވައިގެ ސިފައިން ވަނީ ދުޝްމަނުންގެ ހެލިކޮޕްޓަރެއް ކަމަށް ހީކޮށް ހަމަލާދީ ވައްޓާލާފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.