އޭޝިއަން ޔުޓިލިޓީ ވީކުން ހޮވާ "އިންޑަސްޓްރީ ލީޑަރަކަށް ފެނަކައިގެ އެމްޑީ ސަޢީދު

ެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު

 އޭޝިއަން ޔުޓިލިޓީ ވީކުން ހޮވާ "އިންޑަސްޓްރީ ލީޑަރ 2019" ގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ހޮވިވަޑައިގެންފިއެވެ.

ފެނަކައިން ވިދާޅުވީ މި މަޤާމަކީ ކުންފުނީގެ ޕާފޯމަންސަށާއި ތަސައްވުރަށާއި ލީޑަރޝިޕަށް ބެލުމަށްފަހު ދޭ މަޤާމެއް ކަމަށެވެ.

ފެނަކައިން ވިދާޅުވީ އޭޝިއަން ޔުޓިލިޓީ ވީކުން ހޮވާ "އޭޝިއަން ޔުޓިލިޓީ އެވޯޑްސް" ގެ ދެ ކެޓަގަރީއަކަށް ވެސް އެކުންފުނީގެ ދެ ޕްރޮޖެކްޓެއް ފައިނަލިސްޓު ވެފައިވާ ކަމަށެވެ. މި އެވޯޑަށް ދުނިޔޭގެ އެކި ޤައުމުތަކުން 369 ކުންފުނި ވާދަކުރިއެވެ. އޭގެ ތެރެއިން ޝޯޓު ލިސްޓު ވެފައިވާ ތިން ކުންފުނީގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ވަނީ ހިމެނިފައެވެ.

ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުންފުނި ހިންގުމަށާއި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި ކަމަށް އެކުންފުނިން ވިދާޅުވިއެވެ.   މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި ކުންފުނީގެ ޕްރޮފިޓް އެންޑް ލޮސް ވަނީ ޕޮޒިޓިވް ވެފައި ކަމަށްވެސް އެކުންފުނީން ވިދާޅުވިއެވެ.

މިފަދަ ކުރިއެރުމެއް ކުންފުންޏަށް ލިބުނީ މުވައްޒަފުންގެ މުރާލި ކަމާއި ހީވާގި ކަމުގެ ސަބަބުން ކަމަށް އަޙުމަދު ސަޢީދު ވިދާޅުވިއެވެ. އެކަމަށްޓަކައި ކުންފުނީގެ މުރާލި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ބައިނަލްއަޤުވާމީ ފަރާތްތަކުން ކުންފުނީގެ މަސައްކަތް ފާހަގަ ކުރުމަކީ ލިބުނު ހިތްވަރެއް،" މެނޭޖިން ޑިރެކްޓަރ ސަޢީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.