
އަޅުވެތިކަމުގެ އެކި ސިފަތަކުން އަޅުގަނޑުމެން ސަލާމަތް ވަމުން ދާތީ އުފާ ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ. އިސްތިޢުމާރުގެ ބާރުގެ ދަށުން ވީއްލިގެން ދާން ކުރެވޭ ބައެއް ކަންކަން ކުރެވެމުންދާތީއާއި އަޚްލާގީ ސިފަތައް އަނބުރައި ގެނެވޭތީ އުފާކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ އުތުރުގެ ދެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހދ. ކުރިނބީ ބަދަރު ހުޅުއްވައި ދެއްވުމަށް ފަހު އެ ރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެްއްކެވި ވާހަކަފުޅުގައެވެ.
މިއަދު ކުރިނބީގައި ހުޅުވުނު ބަނދަރަކީ 200 ފޫޓު ފުޅާ 300 ފޫޓު ދިގު ބަނދަރެކެވެ. ބަނދަރު ހެދުމުގެ މަޝްރޫޤުގެ އަގަކީ 18.7 މިލިއަން ރުފިޔާއެވެ.
މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ވޯޓު ލުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. ވޯޓު ލާން ދާއިރު ސިކުނޑި ހިފައިގެން ގޮސް ވިސްނާފައި ވޯޓު ލާން އެ މަނިކުފާނު އެދިވަޑައިގަތެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލައިގެން ހޮވާ މީހެއްގެ ސަބަބުން ވާނޭ ފަސޭހަތަކާމެދު ވިސްނުމުގެ މައްޗަށް ވާހަކަފުޅު ދެއެްކެވިއެވެ.
ރަށުގެ ތަރައްގީއަށް ސަރުކާރުން މަސައްކަތް ކުރެވޭނީ ރައްޔިތުންނާއި ކައުންސިލަރުންގެ ފަރާތުން އެހީތެރިކަން ލިބިގެން ކަމަށާއި، އެފަދަ ބަޔަކު ހޮވެން އެބަ ޖެހޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާއްދީ ތަރައްގީ ނޫން ކަމަށާއި ފޭރާން ހެއު މުޖުތަމަޢެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ވުމާއެކު ރައްޔިތުންގެ ތެރޭގައި ހަމަޖެހުން އުފެއްދުމަކީ ވަރަށް ބޮޑު މަގްސަދެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ހަމަނުޖެހުން އުފެދޭ ކަންކަމުގެ ކަންކަން ނުކުރެވިގެން ކަމަށާއި ކުށް ކޮށްފައި އަދަބުން ސަލާމަތް ވާނޭ ގޮތެއް ހޯދޭތޯ ކަމަށްވެސް ވިދާޅުވިއެވެ.