ހދ. ނޮޅިވަރަންފަރު އަހިމާގޭ، މަރްޙޫމް ޙުސައިން އަބްދުﷲ (55 އަހަރު) ނުވަތަ "ބޮޑު ޓީޗަރު" ދީފައިވާ މެސެޖު ތަކުގެ ވާހަކަ އަހަރެން ފަށައިގަންނާނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙަންމަދު ހުޒާމްގެ އަޑުން ވިރުވައި އަޅާލި، އަސަރުގަދަ ލަވައެއްގެ އަސަރުގަދަ ތަންކޮޅަކުންނެވެ.
"ވަސީއްޔަތްތައް މިކުރުމާއެކު،
މިދުނިޔެއިން ވަކިވެގެން ދިޔުމުން.
މިތަނުގާ ނެތްކަމަކު މިއަޅާ،
ހަނދާނުން ފުހެނުލައްވައްޗޭ"
މަރްޙޫމް ޙުސައިން އަބްދުﷲ ނުވަތަ ބޮޑު ޓީޗަރު، ނޮޅިވަރަންފަރު ސްކޫލާ ގުޅުނީ 1985 ވަނަ އަހަރުއެވެ. ތަޤުދީރު ކުރެހި ޕްލޭނާއެކު ނޮޅިވަރަންފަރު ސްކޫލުގެ އިތުރުން މިދުނިޔެއާވެސް އަބަދުގެ އަބަދަށް އޭނާ ވަކިވެގެން އެދިޔައީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުން 29 ވަނަ ދުވަހުއެވެ. އިއްޔެގެ ވަގުތެއްގައެވެ. މެދުކެނޑުމެއްނެތް 35 އަހަރުވީ އިޚްލާސްތެރި ޚިދުމަތުގެ ސޮފުޙާތައް ތާއަބަދަށް އިއްޔެ ލައްޕާލެވުނީ ނޮޅިވަރަންފަރު ސްކޫލްގެ ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، އެ ރަށުގެ ހުރިހާ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ ކަންކޮޅުތަކުގައިވެސް މޮޅީގެ ސާލެއް ފަތުރާލަމުންނެވެ.
ޙުސައިން އިން ލޯންޗު ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރު ކުރަނިކޮށް ކަނޑިންމަ ތެރެއަށް ބަންޑުން ޖަހާލުމުގެ ސަބަބުން ހިންގައިދިޔަ ހިތާމަވެރި ޙާދިސާގައި އޭނާ މިދުނިޔެއަށް ދޫކުރި އެންމެ ފަހު ނޭވާ ދޫކޮށްފި ކަމުގެ ކުއްލި ޚަބަރާއެކުގައެވެ.
"ބޮޑު ޓީޗަރު" އަހަރެމެންނާ ވަކިވެގެން އެދިޔައީ ނޮޅިވަރަންފަރު ސްކޫލުގެ ޚިދުމަތަށް އޭނާ ނުކުތް ފަހުން، އެ ސްކޫލާ ގުޅިގެން މަސައްކަތް ކުރަމުންދާ އެހެން ހުރިހާ ޓީޗަރުންނާއި، މުއައްޒަފުން އަދި ދަރިވަރުންނަށް "ވަސިއްޔަތް" ތަކެއް ހަވާލުކޮށްފައެވެ. އަގުހުރި ނަސޭހަތްތަކެއް ދޫކޮށްފައެވެ. ވަރުގަދަ މެސެޖުތަކެއް ރައްދުކޮށްފައެވެ. އެ ސްކޫލު ޙާސިލްކުރާތަން ދެކެން އޭނާ ބޭނުންވާ އެތައް ކާމިޔާބެއްގެ ވާހަކަ ކިޔައި ދީފައެވެ. ސްކޫލާމެދު އޭނާގެ އުންމީދުތައް ހުރި އުސްމިންވެސް ކުރަހައި ދީފައެވެ. ދަރިވަރުންގެ ފުށުން އޭނާ އެންމެ ލިބުން އެދޭ ރިޕޯޓުގެ ވާހަކަވެސް ތަފުސީލު ބުނެދީފައެވެ.
މިއަދު ފަސް ދަށުގައި ޙުސައިން ވިޔަސް އޭނާގެ ހަނދާންތަކާއި ޚިދުމަތްތަކީ ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ވެގެންދިޔަ، ދިގު ތާރީޚުގައިވެސް އެންމެ ރަން އަކުރުން ތާއަބަދަށް ފެވިފައި ހުންނާނެ ހަނދާން ތަކެވެ. އޭނާ މިއަދު މިތަނުގައި ނެތެއްކަމަކު ދުވަހަކުވެސް ނޮޅިވަރަންފަރު ސްކޫލްގެ ވެރިންނާއި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުންވެސް އޭނާގެ ހަނދާންތައް ފުހެވިގެންދާނެ ކަމަކަށް ނުބެލެވެއެވެ. މުޅި ސްކޫލްގައި ތާއަބަދަށް އޭނާގެ ހަނދާން ނުފޮހެވޭނެ ގޮތަށް ރަނުގެ ސޮފްޙާތައް ހުންނަންޖެހޭ ވަރުގެ ޚިދުމަތްތެރިޔަކަށް އޭނާ ވެގެންދިޔައެވެ.
35 އަހަރުގެ ޚިދުމަތުގައި އޭނާ ވަނީ އެތައް ޤުރުބާނީއެއް ވެފައެވެ. ސްކޫލުގެ ކަރަންޓު ބިލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ސްކޫލުން ކަރަންޓުގެ ޚިދުމަތް ކަނޑާލާފައި ހުރި ދުވަސްވަރުވެސް އޭނާ ވަނީ އެގޮތް މިގޮތުން ބިލު ދައްކާނެ ފައިސާ ހޯދައި އެކަމަށް ހައްލުގެނެސް ސްކޫލް ހުއްޓުނަނުދީ ހިފަހައްޓާފައެވެ. އޭރު ސްކޫލު ހިންގި ގޮތުގެ އުދަނގޫތައް އޭނާ ވަނީ އެ ސްކޫލަށް 50 އަހަރު ފުރުމާއި ގުޅިގެން ދާދިފަހުން ބޭއްވި ޖަލްސާގައި ވަރަށް ތަފުސީލުކޮށް ކިޔައި ދީފައެވެ.
ޙުސައިން ބުނުއްވި ގޮތުގައި އޭރު އެރަށުގައި ހުންނެވި ކުޑަކަތީބުގެ ބެލުމުގެ ދަށުން އެ ސްކޫލް ހިންގި ދުވަސްވަރު އޭނާ އެތަނާ ގުޅުނުއިރު ސްކޫލުގައި ފަންކާއެއްގެ މިންވަރުވެސް ނެތެވެ. ހަމައެކަނި ސްކޫލުގައި ކަރަންޓުގެ ވަސީލަތަކަށް ހުރީ ދިއްލާލެވޭ ގޮތަށް ހުރި ބޮތްކެއް ކަމަށް އޭނާ ބުނުއްވިއެވެ. އެ ޙާލަތުގައި ސްކޫލުން ދޭތެރެދޭތެރެއިން ކަރަންޓު ދިޔަސް ކުރިޔަށްދާން "އެހާ އުދަނގޫ" ނޫން ކަމަށާއި "ކޮންމެވެސް ގޮތެއް ހަދާލީމާ" ކަރަންޓުވެސް ލިބޭ ކަމަށް ސަމާސާ ރާގެއްގައި ބުނުއްވިއެވެ. އޭރު ސްކޫލް ހިންގަން ސަރުކާރު ބަޖެޓުން ލިބެނީ ޖުމްލަ ހަ ސަތޭކައެއްހާ ރުފިޔާއެވެ. އެ ހަ ސަތޭކަ ރުފިޔާއިން ސްކޫލް ހިންގުމުގެ ހުރިހާ ކަމެއް އޭނާ މެނޭޖް ކުރަން މަޖުބޫރެވެ. އުދަނގޫ އަދި ކަވި މަސައްކަތަކަށް މިކަން ވާނެއެވެ.
"އަޅުގަނޑު އެ 600 ރުފިޔާ ވަރަށްގިނަ ކަންތައްތަކަށް ބަހާލިން. ބަހާލީމާ އިސްކުރެއް ޖަހަން ބަލާއިރު ގާތްގަނޑަކަށް 1 ރުފިޔާ 33 ލާރި އިސްކުރަކަށް ޖެހެނީ. އެކަމު އެތައް ބައިވަރު އިސްކުރެއް ޖަހަންޖެހޭ. އެވަގުތު ޙާލަތު ހުރިގޮތް އެއީ" 35 އަހަރުވީއިރު ކުރިމަތިވި އުދަނގޫ ބަޔެއް ތަޖުރިބާ ޙުސައިން ކިޔައި ދެއްވިއެވެ.
އެ ހުރިހާ ކަމެއްގެ ޝަކުވާތައް ތައުލީމާބެހޭ ވުޒާރާގެ އިސްބޭފުޅުންނާ ހަމައަށް ގެންދަވަނީވެސް ޙުސައިންނެވެ. މިނިސްޓްރީގެ އިސްވެރިންނާ އޭނާ ތަފާތު ފަހަރުމަތިން ކުރަމުންދިޔަ މަޝްވަރާތަކުގެ ނަތީޖާގައި ކިރިޔާވެސް ކޮޅެއް މެދެއް ފެންނަވަރުވީ އޭގެ ދިހަ އަހަރު ފަހުންނެވެ. ޙުސައިން ބުނުއްވީ މިނިސްޓްރީއާ ވާހަކަ ދައްކާތާ ދިހަ އަހަރު ފަހުން "ފުދޭވަރެއްގެ ބަޖެޓެއް" އެ ސްކޫލަށް ކަނޑައެޅި ކަމަށެވެ. އެއީ ކުރިން އެ ސްކޫލަށް ސަރުކާރުން ދެމުން ގެންދިޔަ 600 ރުފިޔާގެ ބަދަލުގައި 33 ހާސް ރުފިޔާގެ ބޮޑު ބަޖެޓެކެވެ.
އެކަމަކު ދެންވެސް ޙުސައިންއަށް ކުރިމަތިވާ މައްސަލައަކީ އެ 33 ހާސް ރުފިޔާވެސް ސްކޫލް ހިންގުމުގެ ހުރިހާ ކަމަކަށް ބަހާލަން ޖެހުމެވެ. އޭރު ސްކޫލްގެ ކަރަންޓު ބިލަށްވެސް 15 ހާހެއްހާ ރުފިޔާ އަރަމުންދިޔަ ކަމަށާއި އެހެންވެ 33 ހާހަކުން ކަރަންޓު ބިލު ދައްކާފައި ސްކޫލްގެ ދެން ހުރި ކަންކަމާ ދިމާލަށް އޭނާ އެނބުރިލާއިރު އަނެއްކާވެސް އޮންނަނީ އިތުރު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންވެ ބަޔެއް ފަހަރު ކަރަންޓު ބިލު ނުދެއްކޭ ވަގުތުތައްވެސް ދިޔައެވެ.
ކަރަންޓު ބިލު ނުދެއްކިގެން ސްކޫލުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނީވެސް ޙުސައިންގެ ބުރަ މަސައްކަތް ތަކުންކަން އޭނާ ފާހަގަ ކުރިއެވެ. އެއީ މަތިއުރު ޕްރޮވިންސް އޮފީސް ސަރުކާރުން ގާއިމް ކުރި ދުވަސްވަރު އެ އޮފީހާއެކު އޭނާ ވާހަކަ ދައްކައިގެން ހޯދި ޙައްލެކެވެ. މަތިއުތުރު ޕްރޮވިންސް އޮފީހުގެ ވެރިން ޙުސައިންއަށް ދެއްވީ އޭނާ އުފަލުން ފޮޅޭވަރު ޖަވާބެކެވެ.
"ވިދާޅުވި ޙުސައިން ތިކަމާ ދެރަނުވާށޭ، ތި ސްކޫލުން ކަރަންޓެއް ކަނޑައެއް ނުލާނޭ. އެކަމާ ވަރަށް ހިތްހަމަޖެހުނު. އަޅުގަނޑު ހިތަށްއެރި ކަރަންޓު ކަނޑާނުލަންޏާ ކިޔަވައިވެސް ދެވޭނޭ ވަރަށް ރަނގަޅަށް. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ބިލުތަކަށް އަރާފައި ހުރި ގާތްގަނޑަކަށް ހަތާވީހަކަށް ހާސް ރުފިޔާ، އެވެސް ހަމަ ދައްކާ ޚަލާސްކުރިން. މިކަހަލަ ދަތި އުދަނގޫ ތަކަކާއެކީގައި ކިޔަވައިދިނުން ގެންދަން ޖެހެނީ" ސްކޫލް ހިންގުމުގައި ގިރާކުރި ކަންކަން ކިޔައިދެމުން ޖަލްސާގައި ޙުސައިން ބުނުއްވިއެވެ.
50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެކަނި އޭނާ އެ ދެކެއްކި ވާހަކައިންވެސް 35 އަހަރުގެ ރާސްތާއެއް ކަޑައްތުކޮށް ނޮޅިވަރަންފަރުން މިހާރު ފެންނަން އެހުރި ސްކޫލް ނަގައި ކޮޅަށް ޖަހަން ޙުސައިން ކުރި އަގު ނުކުރެވޭ، ހިތްވަރުން ފުރިފައިވާ މަސައްކަތް ވަރަށް ސާފެވެ. އެންމެ ދަތީގައިވެސް ފޫހިވުމެއް ނެތި އޭނާ އުޅުނީ ސްކޫލަށް ރަނގަޅެއް އޮތިއްޔާ އަތުޖެއްސޭތޯއެވެ.
ނޮޅިވަރަންފަރު ސްކޫލުން ދާދިފަހުން އެ ފާހަގަ ކުރީ 50 ވަނަ އަހަރީ ދުވަހެވެ. ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ތައުލީމާބެހޭ ވަޒީރު ޑރ އައިޝަތު އަލީގެ އިތުރުން ކުރީގެ ތައުލީމީ ވަޒީރު ޑރ މުސްތޮފާ ލުތުފީވެސް ވަޑައިގަތެވެ. ޖަލްސާގައި ހުސެން ހުރީވެސް ރަންކުލައަކާ ގާތަށްދާ ކުލައެއްގެ ގަމީހެއް ލައިގެންނެވެ. ފިސާރި ނޮޅިވަރަންފަރު ސްކޫލް ވެފައެވެ.
ފޫހިކަމެއް ނެތި އެންމެންވެސް ޖަލްސާގައި ހުސައިންގެ ވާހަކަ އަޑު އަހަން ތިބިކަން ފާހަގަ ކުރެވުނެވެ. ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، ތާރީޚުގައިވެސް މިހާތަނަށް ބޭއްވި އެންމެ ޝަރަފުވެރި ރަސްމިއްޔާތުގައި ޙުސައިންގެ ވާހަކަތަކުން މުހިންމު މެސެޖުތަކާއި ނަސޭހަތް ތަކެއް ދޫކޮށްފައި ވާތީ، އެ ވާހަކަތައް މިއަދު އައުކޮށްލުން އެއީ މުނާސަބު ކަމެކެވެ. ޓީޗަރުންނާއި ދަރިވަރުން އަބަދުވެސް އެ ޖަލްސާގައި ޙުސައިން ދިން ނަސޭހަތާއި އިރުޝާދުގެ މަތިން ހަނދާން ކުރުން މުހިންމެވެ. އޭނާ ދެކެން ބޭނުންވާ ތަސައްވަރު ވަރަށް ސާފުކޮށް އެ ޖަލްސާގައި ބުނުއްވިއެވެ.
"އަޅުގަނޑުވެސް ދެކޭ ތަސައްވަރެއް އެބައޮތް، މި ސްކޫލުގެ ކުރިމަގަށް އަޅުގަނޑު ދެކެން ބޭނުންވަނީ މިހާރު މިތަނުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންވެސް، ގުޅިފައި މިއޮތް ވަރުގަދަ ގުޅުން އެގޮތުގައި ގާއިމްވެ އޮތުން. މިކަހަލަ ވަރުގަދަ ގުޅުމެއް އޮވެގެން ނޫނީ އަޅުގަނޑުމެން ދަރިންނަށް މިދޭ ތައުލީމު ރަނގަޅު ގޮތުގައި ދެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއްވެސް ނުކުރަން." ޙުސައިން ބުނުއްވިއެވެ.
މިހާރު އެ ސްކޫލުގައި ހުންނެވި ޕްރިންސިޕަލާއި ޓީޗަރުންގެ މަސައްކަތާއެކު ސްކޫލްގެ ތައުލީމީ ފެންވަރު މިވަގުތު ހުރި ހިސާބަށްވުރެ ދެގުނައަށް ކުރިޔަށް ޖައްސާލަ ދިނުމަކީވެސް އެ ޖަލްސާގައި އޭނާ އެދުނު ވަރަށް ބޮޑު އެދުމެކެވެ. މި މެސެޖު ޕްރިންސިޕަލާއި ޓީޗަރުންނަށް ފޯރުކޮށް ދިނުމަށްފަހު، ދެން އޭނާ ބުނުއްވީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ނޮޅިވަރަންފަރު ސްކޫލްގެ ނަން ލިޔެލެވޭނެ ދުވަހެއް ކަމަށެވެ.
"ދުނިޔޭގެ ފެންވަރުގައި އަޅުގަނޑުމެންގެ ގިނަ ދަރިންތަކެއް ފެންނާނެ ކަމަށްވެސް އަޅުގަނޑު އުންމީދު ކުރަން. އެއީ އަޅުގަނޑު އެދޭ އެދުމެއްވެސްމެ" ރަށުގެ ގިނަބަޔަކުވެސް ބައިވެރިވި ޖަލްސާގައި ޙުސައިން ބުނުއްވިއެވެ.
އަނެއްކާވެސް ލަވަކިޔުންތެރިޔާ މުޙަންމަދު ހުޒާމްގެ ލަވައިން އިތުރު ތަންކޮޅެއް ގެނެއުމަށްފަހު ކުރިޔަށް ޖެހިލަމާ ހެއްޔެވެ.
"އަޅާ ފަސްދާނުލާ ހިނދުގާ،
އަޅާއަށް ރަޙްމަތަށް އެދެމުން.
ސަލާމް ކުރުމުގެ ގޮތުން ތިންމުށް،
ވެލިން ހަދިޔާ ކުރައްވައްޗޭ"
ޖަލްސާގައި ހުސައިންގެ ވާހަކަ ނިންމާލަމުން އަތުރާލި އިބާރާތްކޮޅުގައި "ވަކިވުމުގެ ވާހަކަ" އާއި އޭނާގެ ނަސޭހަތުގައި ހުރިހާ މުދައްރިސުންވެސް ބާރަށް ހިފެހެއްޓުމަށް ބުނުއްވުމަށްފަހު ސްޓޭޖުން ވަކިވެގެން ދިޔަނަމަވެސް، އިއްޔެ އޭނާ ކުރިމަތި ލާންޖެހުނުފަދަ ހިތާމަވެރި ޙާދިސާއެއްގައި އަނބިމީހާ އާއި ހުރި ހަމައެކަނި އަންހެން ދަރިފުޅާއި، ކާފަ ދަރިފުޅާއެކު ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ފުރާނަ ސަލާމަތް ކުރެވޭތޯ، ހާސްވެ ތެޅިފޮޅެމުންދާ ޙާލުގައި އެ އެންމެން އެކުގައި މިދުނިޔެއިން ނިކުމެގެންދާން ޖެހިދާނެ ކަމަށް ކުޑަކޮށްވެސް ހިތަކަށް ނުގެންނާނެއެވެ.
އެ އުފާވެރި، ކުލަގަދަ ޖަލްސާގައި ސްޓޭޖާ ވަކިވަމުން ޙުސައިން ހަނދާން ކޮށްދިން "ވަކިވުމުގެ ވާހަކަ" އާއި ދިން އަގުހުރި ނަސޭހަތަކީވެސް ހަނދާނުން ފޮހެލެވެން ނެތް ބަސްތަކެކެވެ. މުދައްރިސުންނަށް އޭނާގެ ފަރާތުން އެ ޖަލްސާގައި ދިން ނަސޭހަތަކީ ކޮންމެ މުދައްރިސަކުވެސް ކްލާހަށް ކިޔަވައިދޭން ވަންނައިރު، އެކަމަށް ތައްޔާރުވެގެން ކްލާހަށް ވަނުމަށެވެ. އަދި ޓީޗަރުން ކްލާހަށް ދަނީ ތައްޔާރުވެގެންތޯ، ޕްރިންސިޕަލާއި ލީޑިންގ ޓީޗަރުން ނުބެލި ކަމަށް ވިޔަސް، ކޮންމެ ޓީޗަރަކު ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކްލާހަށް ދިޔުމަށް ތަކުރާރުކޮށް ނަސޭހަތް ދެމުން ޙުސައިން ބުނުއްވީ "އޭރުން ރަނގަޅުވާނެ" ކަމަށެވެ.
"އަބަދަކު އަޅުގަނޑުމެން މިތާކު ނުތިބޭނެ، އޭގެމާނައަކީ 35 އަހަރެއްނޫން 37 އަހަރު މިދާއިރާގައި މިވީ. އެހެންވީމާ ގިނަދުވަސްތަކެއް ހޭދަކުރެވިއްޖެ. އެހެންވީމާ އަޅުގަނޑުދޭ ނަސޭހަތް ތިޔަ މުދައްރިސުންވެސް އަޑު އަހާށޭ. އެގޮތަށް މަސައްކަތް ކުރައްވާށޭ. ކޮށްގެންނޭ ކަމުދާނީ" ޖަލްސާގައި ނަސޭހަތުގެ ބަސްކޮޅު އިއްވުމަށްފަހު ޙުސައިން ބުނުއްވިއެވެ.
ޖަލްސާގައި ހުސައިން އެ ފާހަގަ ކުރެއްވީ އޭނާ އެ ސްކޫލާ ވަކިވާންޖެހޭނެ ދުވަހެއް އަތުވެދާނެ ކަމުގެ ވާހަކަ ކަމަށްވިޔަސް، ނުވަތަ މި ދުނިޔެއާ ވަކިވާންޖެހޭނެ ދުވަހެއް އަންނާނެ ކަމުގެ ވާހަކަ ކަމަށްވިޔަސް، އެދުވަސް ޙުސައިންއާ ބައްދަލު ކޮށްފިއެވެ. މިހާރު އޭނާ މިތާކު ނެތެވެ. ނޮޅިވަރަންފަރު ސްކޫލާވެސް، އަދި މި ދުނިޔެއާވެސް ޙުސައިން ވަކިވެގެން ހިނގައްޖެއެވެ. ނޮޅިވަރަންފަރު ސްކޫލުގައި އޮތް ޙުސައިންގެ 35 އަހަރުވީ ޚިދުމަތުގެ ފޮތް އެކީއެކަށް ލެއްފިގެން ދިޔައީއެވެ. އެ ސްކޫލުގައި ހުރި އެންމެ ދުވަސްވީ ޓީޗަރު ވަކިވީއެވެ. ސްކޫލުގެ އެންމެންގެ ލޯތައް ކަރުނުން ފުރާލުމަށް ފަހުއެވެ.
ޙުސައިންގެ ޖަނާޒާވެސް ހަނިމާދޫގައި ބާއްވައި "ފަސްދާނު" ލީއިރު، ހަނިމާދޫ ގަބުރުސްތާނަށް ދިޔަ އެތައް ބަޔަކު ޙުސައިންގެ ސަންދޯއް މައްޗަށް އުކާލި ތިން މުށްވެލިން ވަދާއުގެ ސަލާމް ކުރުމަށްފަހު، ގިސްލައި ރޮމުން އެތަނުވެސް ނިކުތެވެ. ﷲ ގެ ހެޔޮ ރަޙްމަތް ޙުސައިންގެ މައްޗަށް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި އެތައްހާސް ބަޔަކު އޭނާގެ މައްޗަށް ހެޔޮ ދުއާވެސް ކޮށްފިއެވެ.
ޔާ ﷲ.. ޙުސައިންއަށް އިބަ ﷲ ގެ ހެޔޮ ރަޙްމަތް އޮއްސަވައި، ކައްވަޅުގެ އަޒާބުންނާއި، ނަރަކައިގެ އަޒާބުންވެސް ދިންނަވައި، ސުވަރުގޭގެ އެންމެ ދާއިމީ ނިއުމަތްތައް ދެއްވާންދޭވެ. އާމީން