މަސްތުވާތަކެއްޗާއެކު ކުޑަކުއެްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުއްޖަކު މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 17  އަހަރުގެ ކުޑަކުއްޖެކެވެ. އެ ކުއްޖާ ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ފުރައިގެން މާފުއްޓަށް ދަތުރުކުރި ލޯންޗް ފެރީއަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2016 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 14:15 ހާއިރު މާފުށި ބަނދަރު މަތިންނެވެ.

އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އެކުއްޖާ ލައިގެން ހުރި ސޯޓުގެ ޖީބުން ނެގި ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  2 ރަބަރު ޕެކެޓާއި މަނާ ބޭހުގެ ގޮތުގައި ބޭނުންކުރާ 8 ގުޅަ ބޭސް  ފެނިފައިވެއެވެ. މީގެ އިތުރުން އެ ފޮށިތެރެއިން ނެގި ޓޭޕް އޮޅާ ބަންދުކޮށްފައި އޮތް އެއްޗެއްގެ ތެރެއިން 10،000ރ ( ދިހަ ހާސް ރުފިޔާ)  ފެނިފައިވެއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުއްޖާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ކުއްޖެއްކެވެ. އަދި އެކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް  ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.