(23 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ލެޓިން އަކުރުގެ ވަބާ
މަޝްހޫރު އިސްލާމީ މުފައްކިރެއްކަމުގައިވާ އުސްތާޒު އަންވަރުލް ޖުންދީ އޭނާގެ ފޮތެއް ކަމުގައިވާ " އައްލުޣަތު " ގައި[1] ވިދާޅުވެފައިވެއެވެ. " ޢަރަބިބަހާ ދެކޮޅަށް ހުޅަނގުގެ އިސްތިޢުމާރުން ހަނގުރާމަ ފެށީ 18ވަނަ ސައްތައިގައި އިސްލާމީ ޤައުމުތައް އިސްތިޢުމާރުކުރުމާ ވިދިގެންނެވެ. ޢަރަބި އަކުރުން ލިޔަމުން ދިޔަ އިސްލާމީ ބައެއް ޤައުމުތަކުގައި ލެޓިން އަކުރުން އެ ޤައުމުތަކުގެ ބަސްތައް ލިޔަން މަޖްބޫރު ކުރުވިއެވެ. ޢަރަބި ޤައުމުތަކުގައި ޢަރަބިބަހާ ދެކޮޅަށް ކުރި މަސައްކަތް ވެފައި ވަނީ މިސްކިތުގެތެރޭގައި އެ ބަސް ބަނދެފައި ބޭއްވުމާއި، ޢާއްމުން މަގުމަތީގައި ވާހަކަ ދައްކާ ޢަރަބި ބަހުރުވަތަކުން އޮފީސްތަކާއި ރޭޑިއޯތަކާއި މަދްރަސާތަކުގައި ކިޔަވާ ދިނުމަށް ގޮވައިލުމާއި ، ޢަރަބި އަކުރުގެ ބަދަލުގައި ލެޓިން އަކުރުން ޢަރަބިބަސް ލިޔުމަށް ގޮވައިލުމެވެ. 1883 ވަނަ އަހަރު ލޯރޑް ޑުފެރިން ޢަރަބިބަހާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ގޮވައިލިއެވެ. އޭނާގެ ފަހުން ވިލިއަމް ޑިލްކޮކްސް 1892 ގައި މިޞްރުގައި ދަނޑުވެރިކަމާ ބެހޭ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރު ، ޤުރްއާނާއި ސުންނަތުގެ ފަޞީޙު ޢަރަބި ބަސް ދޫކޮށްލުމަށް ގޮވައިލައި އެކަމަށް ހިތްވަރު ދިނެވެ. އޭނާގެ މި ގޮވައިލުމަށް އިޖާބަދީ އިންޖީލު މިޞްރުގެ ޢާއްމީ ޢަރަބިބަހަށް ތަރްޖަމާކުރިއެވެ. އެއަށްފަހު ވެލްފޯރ ނަމަކަށް އިނގިރޭސި ފަނޑިޔާރަކު " ޤާހިރާ ބަސް " ނަމަކަށް ކިޔާ ފޮތެއް 1902ގައި ލިޔެ ޝާއިޢު ކުރިއެވެ.މި ފޮތުގައި ޢަރަބިބަސް ލެޓިން އަކުރުން ލިޔުމަށް އޭނާ ގޮވައިލިއެވެ.[2]
ފިޤްހު އެކަޑަމީތަކުގެ ފަތުވާތައް
- އަޒްހަރުގެ އިސްލާމިކް ރިސަރޗް އެކަޑަމީއާއި ފަތުވާ ކޮމެޓީ : 1986ވަނަ އަހަރު ބޭއްވި މި އެކަޑަމީގެ 22ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގެންނެވި ގޮތުގައި ކީރިތި ޤުރްއާން ޢުޘްމާނީ ލިޔުމުން ( ރަސްމު ޢުޘްމާނީން ) މެނުވީ ލިޔުން ހުއްދަވެގެން ނުވާނެތެވެ. މި އެކަޑަމީން[3] ނެރުއްވި ބަޔާން ބުނާގޮތުގައި، ލެޓިން އަކުރުގައި ޢަރަބިބަހުގެ ހުރިހާ މަޚްރަޖުތައް އަދާކޮށްދޭނޭ އަކުރުތަކެއް ނެތެވެ.އެހެންކަމުން ޢަރަބި އަކުރުން ނޫން އަކުރަކުން ޤުރްއާން ލިޔެފިނަމަ ބައެއް ލަފްޡުތަކުގެ މާނަ އަރާރުންވެ އޮޅިދާނެތެވެ.އިސްލާމީ ޝަރީޢަތުގެ ނައްޞުތައް ބުނާގޮތުފައި ޤުރްއާނަށް ބަދަލެއް ނުވަތަ އޮޅުމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ކުރުމަކީ އިޖްމާޢުން ޙަރާން ކަމެކެވެ. ކީރިތި ރަސޫލާގެ ޒަމާނުއްސުރެ ޤުރްއާން މިއަދާ ހަމައަށް ލިޔެވެމުން މި އަންނަނީ ޢަރަބި އަކުރުން ވަކިން ޚާއްޞަ ރަސްމަކުންނެވެ.
- މިޞްރުގެ ޢިލްމުވެރިން : 1936 ގައި އަޒްހަރުގެ އޭރުގެ އިމާމުގެ އެދިވަޑައިގަތުމުގެ މަތިން ޤުރްއާނުގެ ތަފްސީރެއް ލިޔުމަށް ޓަކައި ޢިލްމުވެރިންގެ ޚާއްޞަ ކޮމެޓީއެއް އެކުލަވައިލެވުނެވެ.އެއަށްފަހު މި ތަފްސީރު ތަރްޖަމާކޮށް ޢާއްމުކުރުމަށް ނިންމުނެވެ. މި ކޮމެޓީން ނެރުއްވި ޤަރާރުތަކުގެ ތެރޭގައި ތަފްސީރު ފޮތްތަކުގައި ވެސް ޤުރްއާނުގެ އާޔަތްތައް ވެސް ރަސްމު ޢުޘްމާނީއާ އެއްގޮތަށް ނޫނީ ލިޔުން ހުއްދަ ނުވާނެކަމަށް ބަޔާން ކުރެއްވުން ވެއެވެ. އަދި މި ތަރްޖަމާއަށް ކިޔަން ޖެހޭނީ ޤުރްއާނުގެ ތަފްސީރުގެ ތަރްޖަމާ ކަމަށް ވެސް ނިންމަވައިފައި ވެއެވެ. އެއަށް ޤުރްއާނުގެ ތަރްޖަމާއޭ ނުކިޔުމަށް ވެސް އިޖްމާޢުވެ ވަޑައިގެންފައި ވެއެވެ.
- ސަޢޫދީ އަރަބިއްޔާގެ ހައިއަތު ކިބާރިލް ޢުލަމާއިގެ ބަޔާން : ހިޖްރައިން 1399 ވަނަ އަހަރު ޠާއިފުގައި ބޭއްވެވި ބައްދަލުވުމުގައި އިންޑޮނީޝިޔާގައި ލެޓިން އަކުރުން ލިޔެފައިވާ މުޞްޙަފު ވިއްކަމުންދާތީ އެ ކަމާމެދު ބަޙްސު ކުރެއްވިއެވެ. ލެޓިން އަކުރުން ވިޔަސް އަދި އެހެން އަކުރަކުން ވިޔަސް ޤުރްއާން ލިޔުން ޙަރާންވެގެންވާ ކަމަށް އެބޭފުޅުން ނިންމެވިއެވެ. އެބޭފުޅުން ނެރުއްވި ބަޔާން ބުނާގޮތުގައި (( وَإِنَّهُ لَتَنزيلُ رَبِّ العـٰلَمينَ ﴿١٩٢﴾ نَزَلَ بِهِ الرّوحُ الأَمينُ ﴿١٩٣﴾ عَلىٰ قَلبِكَ لِتَكونَ مِنَ المُنذِرينَ ﴿١٩٤﴾ بِلِسانٍ عَرَبِىٍّ مُبينٍ [4]- ހަމަކަށަވަރުން، އެ قرآن އަކީ، عالم ތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن އާއިގެން ފައިބައިވަޑައިގަތީ، جبريل ގެފާނެވެ. އެއީ (މީސްތަކުންނަށް) إنذار ކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. (އެ قرآن ބާވައިލެއްވީ) بيان ވެގެންވާ عرب ބަހުންނެވެ.)) ލެޓިން އަކުރުން ލިޔެވިއްޖެނަމަ އެއަށް ޤުރްއާނެކޭ ނުކިޔޭނެތެވެ. އެހެނީ މަތް ﷲ ވަޙީ ކުރައްވަނީ (( وَكَذٰلِكَ أَوحَينا إِلَيكَ قُرءانًا عَرَبِيًّا[5] - އަދި ހަމައެފަދައިން عرب ބަހުންވާ قرآن އެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވީމެވެ.)) މީގެއިތުރަށް ކީރިތި ޤުރްއާން ބާވައިލެއްވެމުން ދިޔައިރު ރަސޫލާގެ އަމުރުފުޅަށް ޤުރްއާން ލިޔެވި ރައްކައުކުރެވެމުން ދިޔައެވެ. އެކަލޭގެފާނަށް ފަހު ޤުރްއާން ފޮތެއްގެ ގޮތަށް ޖަމާކުރެވުނެވެ. މި ކަމަށް ހުރިހާ ޞަޙާބީން އިޖްމާޢުވެ ވަޑައިގަތެވެ. އެބޭކަލުން ޤުރްއާން ލިޔުއްވީ އަރަބި އަކުރުންނެވެ. އެބޭކަލުން ފާހަގަކުރެއްވި ތިންވަނަ ނުކުތާއަކީ އަކުރަކީ ބަދަލުވެދާނެ އެއްޗެކެވެ. ރަސްމު ޢުޘްމާނީ ނޫން ރަސްމަކުން ޤުރްއާން ލިޔަން ފެށިއްޖެނަމަ ޒަމާނާއެކު އަންނަ ބަދަލުތަކުގެ ސަބަބުން ޤުރްއާނަށް ބަދަލު އަންނަން ފަށައިފާނެއެވެ. އެހެން ކަމުން ރަސްމު ޢުޘްމާނީއާ ޚިލާފު ގޮތަކަށް ޤުރްއާން ލިޔެވިގެން ނުވާނެއެވެ.
- އިސްލާމީ ފިޤްހު އެކަޑަމީ :މި ބައްދަލުވުމުގައި ރަސްމު ޢުޘްމާނީ ދޫކޮށް ޢަރަބި ބަހުގައި އިމްލާ ކުރެވޭ ގޮތަށް ޤުރްއާން ލިޔުމުގެ މަސްއަލައާމެދު ބަޙްސުކުރެވުނެވެ. މި އެކަޑަމީން ނެރުއްވި ބަޔާން ބުނާގޮތުގައި ޤުރްއާން ލިޔެވިފައި ވަނީ ޢުޘްމާނުގެ އަމުރުފުޅަށް ވަކި ރަސްމަކުންނެވެ. މިއީ ކީރިތި ރަސޫލާގެ ޞަޙާބީން އިޖްމާޢުވެވަޑައިގެންފައިވާ ކަމެކެވެ. އެހެންކަމުން އެކަމުގައި ހިފެހެއްޓުމަކީ ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވާތަބާވުމެކެވެ.ރަސްމު ޢުޘްމާނީއާ ޚިލާފުގޮތަކަށް ޤުރްއާން ލިޔަން ފެށިއްޖެނަމަ އެ ކަން ކުޅިވަރަކަށް ވެދާނެތެވެ. އަދި މިކަމުގެ ސަބަބުން އިސްލާމްދީނުގެ ދުޝްމަނުންނަށް ޤުރްއާނާމެދު ޝައްކު އުފެއްދުމަށް މަގުފަހިވެގެންދާނެތެވެ. ސައްދުއްޛަރާއިޢުގެ ދަށުން މި ކަން މަނާކުރެވެން ޖެހޭނެއެވެ.
- ދިމަޝްޤުގެ މަޖްލިސުލް އިޤްރާއި : ޤާރީވެރީންގެ މި މަޖިލީހުގެ މެންބަރުން ނެރުއްވި ބަޔާން ބުނާގޮތުގައި މާތްވެގެންވާ ޤުރްއާން ލެޓިން އަކުރުން ލިޔުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އޭރުން އެކަން ވާނީ ޤުރްއާނަށް ގެނެވޭ ބަދަލަކަށެވެ. އޮޅުވައިލުމަކަށެވެ. ޤުރްއާން ބާވައިލައްވައިފައި ވަނީ ޢަރަބިބަހުންނެވެ. އެހެން އަކުރަކުން ޤުރްއާން ލިޔުމަކީ އެ ބާވައިލެއްވި ގޮތާ ޚިލާފުވުމެވެ. އިސްލާމީ އެއްވެސް ޤައުމެއްގައި މުސްލިމުން ޢަރަބި އަކުރުނޫން އަކުރަކުން ޤުރްއާން ލިޔެފައެއް ނުވެއެވެ. ޤުރްއާން ކިޔެވުމަށް ޓަކައި މުސްލިމުން ޢަރަބި އަކުރު ދަސްކުރެއެވެ. މި ބަޔާނުގައި އައިސްފައި ވެއެވެ. " އިސްލާމީ އުއްމަތުގެ ޢިލްމުވެރިންނާއި ޤިރާއާތާ ބެހޭ ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވާ ގޮތުގައި ރަސްމު ޢުޘްމަނީއާ ޚިލާފަށް ޤުރްއާން ލިޔުމަކީ ހުއްދަ ކަމެއް ނޫނެވެ. ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނުގެ ޒަމާނުއްސުރެ މިއަދާ ހަމައަށް ޤުރްއާން ލިޔެވެމުން މި އަންނަނީ ޢަރަބި އަކުރުން ރަސްމު ޢުޘްމަނީއާ އެއްގޮތަށެވެ. އެއީ ތަވާތުރުކޮށް އައިސްފައިވާ ކަމެކެވެ. އެހެންކަމުން ލެޓިން އަކުރުން ވެސް އަދި ޢަރަބި އިމްލާ ޤަވާޢިދާ އެއްގޮތަށް ވެސް ޤުރްއާނުގެ އާޔަތްތައް ލިޔުން ހުއްދަ ނުވާނެތެވެ.
- النّدوة العالميّة الأولى لمقاومة تحريف القرآن ނުވަތަ
( The First International Symposium to resist the distortion of the Quran ): މިއީ 1988 ވަނަ އަހަރު ޕެރިސްގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ބޮޑެތި މަޝްހޫރު ޢިލްމުވެރިން ބައިވެރިވެ ވޑައިގަތެވެ. މި ނަދްވާ ބެއްވުނީ ޕެރިހުގައި ހުންނަ އިސްލާމީ ތަރްބިޔަތާ ބެހޭ މަރްކަޒުންނެވެ. މި ސިންތާގައި ބަޙުސްކޮށްފައި ވަނީ ކީރިތި ޤުރްއާން ލެޓިން އަކުރުން ނުވަތަ އެހެންވެސް ޢަޖަމީ އަކުރަކުން ލިޔުމާ ބެހޭގޮތުންނެވެ. ޢަރަބި އަކުރުންނޫން އަކުރަކުން ކީރިތި ޤުރްއާން ލިޔުން ހުއްދަނުވާނެކަމަށް ބުނާ ހުރިހާ ފަތުވާތަކަށް މި ނަދްވާގައި ތާއީދުކޮށް އެކަން ކަށަވަރުކޮށް ދިނެވެ.މި ސިންތާގެ ބައި ވެރިން ދުނިޔޭގެ ޢާލިމުންނަށާއި، ދީނަށް ގޮވައިލާ މީހުންނަށާއި، މިސްކިތްތަކުގެ އިމާމުންނަށް ޢަރަބި އަކުރުނޫން އަކުރަކުން ޤުރްއާން ލިޔުމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތެދުވެވަޑައިގަތުމަށް ގޮވައިލައިފައި ވެއެވެ. އަދި މިސްކިތްތަކާއި މަދްރަސާތަކުގައި ތަޖްވީދާއި ޤުރްއާން ކިޔަވާ ދިނުމަށާއި ޢަރަބިބަސް އުނގަންނާ ދިނުމަށް ވަޞިއްޔަތްކޮށްފައި ވެއެވެ. މި ބައްދަލުވުމުގެ ބައިވެރިން ޢަރަބިނޫން އަކުރަކުން ޤުރްއާނުގެ އާޔަތްތައް ލިޔެފައިވާ އެއްވެސް ފޮތެއް އެއްވެސް ޗާޕުޚާނާއަކުން ޗާޕުކޮށް ނުދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި މި ފަދަ ފޮތްތައް ވިއްކައިނުދިނުމަށް ފޮތް ފިހާރަތަކުގެ ކިބައިން އެދިފައި ވެއެވެ.
ދިވެހިރާއްޖޭގެ ޙާލަތު
ރާއްޖެއަށް ބަލާއިރު ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ތަފާތު އިދާރާތަކުން ތަފާތު ޒަމާންތަކުގައި ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ރަސޫލާގެ ޙަދީސްފުޅުތައް ޢަރަބި އަކުރުން ފިލިޖަހައިގެން ލިޔުމަށް ވަނީ އަންގަވައިފައެވެ. ހުކުރު ޚުޠުބާއާއި ، އައްޝުޢުލާއާއި، ދީނުގެ މަގާއި ، އަލްމިންބަރު ފަދަ މަޖައްލަތަކާއި ލިޔުންތަކުގައި މި އުޞޫލު ވަނީ ދަމަހައްޓަވައިފައެވެ. ރާއްޖޭގައި ޝާއިޢު ކުރެވޭ ދީނީފޮތްތައް ފާސްކޮށް ދެއްވާއިރު މި އުޞޫލަށް ތަބާވެ ވަޑައިގަތުމަށް މުޞައްނިފުންނަށް އަންގަވައެވެ. އަދި ފޮތް ފާސްކުރުމުގެ އުޞޫލުގައި މި ވާހަކަ އައިސްފައި ވެއެވެ. ސަރުކާރުން ނެރުއްވަފައިވާ ކީރިތި ޤުރްއާނުގެ ދިވެހި ތަރްޖަމާއަށް ބަލައިލުމުން މަތީގައި އިސްވެ މި ދެންނެވި ހަމަތަކަށާއި އުޞުލުތަކަށާއި، ޤަރާރުތަކަށާއި، ނިންމުންތަކަށް ޢަމަލުކުރައްވައިފައިވާ ތަން ފެނެއެވެ.
ދިވެހި ޓައިޕްރައިޓަރު އީޖާދު ކުރެއްވިއިރު ލަފްޡުއް ޖަލާލަތި (ﷲ ) މި ލަފްޡު ތާނައިން ލިޔުމުން އެ ލަފްޡުގެ
ޙުރްމަތް ކެނޑިގެން ހިނގައިދާނެތި އެ ލަފްޡު ޢަރަބި އަކުރުން ލިޔުމަށް ޓަކައި ވަކި ފިތެއް ދިވެހި ޓައިޕްރައިޓަރުގައި ވާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މީހުން ފަރުވާލެއް ނެތި މި ލަފްޡު ތާނަ އަކުރުން ލިޔަމުންދާތީ 2018ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރސް ޑރ. އަޙްމަދު ޒިޔާދު ވަނީ އެއީ މަނާކަމެއްކަން ހަނދާންކޮށް ދެއްވައިފައެވެ.5 މާރިޗް 2018ވަނަ ދުވަހު އާފަތިސް ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އިސްލާމިކް މިނިސްޓްރީން ﷲގެ މަތިވެރި އިސްމުފުޅު (ލަފްޡުއް ޖަލާލަތި) އަރަބި އަކުރުން ލިޔާން އަންގާން ޖެހުނީ އެ އިސްމުފުޅުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ލިޔަމުން ގެންދާތީ ކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވިއެވެ. " މިހާރަކަށް އައިސް އެ ލަފުޒުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް އެ ލަފުޒު ބޭނުން ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. ލަފްޒުއް ޖަލާލަތިއަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ހަމައެކަނި އަރަބި އަކުރުން ލިޔުމަށް ބާރުއެޅުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އަބަދުވެސް ކުރައްވަމުން އަންނަ ކަމެކެވެ. އަދި އެކި ދުވަސްވަރު، އެ ދުވަސްވަރަކު އޮތް ސަރުކާރަކުންވެސް ވަނީ އަރަބި އަކުރުން ނޫން ގޮތަކަށް ﷲ ގެ އިސްމުފުޅު ލިޔުން މަނާވެސް ކުރައްވައިފައެވެ.ﷲ ގެ އިސްމުފުޅާއި، އިސްމުފުޅު ބޭނުން ކޮށްގެން ލިޔާ ނަންނަމާއި، ކީރިތި ރަސޫލާގެ ހަދީސުތަކާއި، ކީރިތި ޤުރްއާނުގެ އާޔަތްތައް ހަމައެކަނި އަރަބި އަކުރުން ލިޔަން އިސްލާމިކް މިނިސްޓްރީން އެންގެވީ، އެ ތަކެއްޗަށް އޮންނަ ގަދަރާއި، ޝަރަފަށް އެއްވެސް ވަރެއްގެ އުނިކަމެއް ގެނައުމަކީ ކޮށްގެން ވާނޭ ކަމެއް ކަމަށް ނުވާތީއެވެ."
(ނިމުނީ)
[1] - اللغة ص: 22
[2] - مجلّة الوعي الإسلامي . العدد 258 – جمادى الآخرة 1406هـ، (ص 32)
[4] - الشعرى : 192- 195
[5] - الشورى : 7