ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިރޭ ފޮނުވުމުން، އެކޮމެޓީން މިރޭ އެމައްސަލަ ދިރާސާކޮށް އެ ދެބޭފުޅުންނަށް ރުހުން ދެއްވައިފި އެވެ. މި ދެބޭފުޅުހުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީވެސް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މަޖިލީހަށް ނަންފުޅު ހުށަހެޅި އެންމެ އަވަހަށް ރުހުންލިބިގެންދާނެ މައްސަލައަކީ މި ދޭބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރައްވުމުގެ މައްސަލައެވެ.
ސްޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރައްވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާޙްގެ ދަށުން، ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރުމުންނެވެ. މިހާރު ސްޕްރީމް ކޯޓްގެ ބެންޗްގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ޝުޖޫނާއި އަޒްމިރަލްދާ ސްޕްރީމް ކޯޓަށް އައްޔަން ކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އަދި އެމަނިކުފާނު އެކަމުގެ ލަފައަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންނެވުމުން ޖޭއެސްސީންވެސް ދިރާސާކޮށް ނިންމެވީ އަޒްމިރަލްދާ އާއި ޝުޖޫން ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް، ރައީސުލް ޖުމްހޫރިއްއަށް ލަފާ ދެއްވުމަށެވެ. އެ ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ދެނަންފުޅު ފޮނުއްވައިފައި ވަނިކޮށް އެކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ފަނޑިޔާރުކަމަށް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ވެސް ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ޑރ. އަޒްމިރަލްދާ އާއި ޝުޖޫން، ސްޕްރޯމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ކޮމެޓީން ރުހުން ދެއްވައިފައި ވަނީ، އަންހެނުން، ފަނޑިޔާރުކަން ކުރުމަކީ އިސްލާމީ ސަރީޢަތުގައި ހުއްދަ ކަމެއް ނޫންކަމަށް، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނާއި ފަތުވާ މަޖިލިހުން ވެސް ވިދާޅުވެފައި ވަނި ކޮށެވެ.