ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން އުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދެވެ. ނަޝީދު ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައިގަންނަން މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބި، ވަނީ ބަހުސަށް ހުޅުވާލާފައެވެ.
މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ވަރަށްގިނަ އިލްމްވެރިންވެސް މިކަމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފަތުވާ ދެއްވާފައިވާ ކަމަށާއި އެކަން ކުރައްވާ ބޭފުޅަކުވެސް ފާފަވެރިވާނެ ކަމަށް ފަތުވާ ދެއްވަމުން ގެންދަވާތީ މި މައްސަލައިގައި ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ގައުމީ މައްސަލައެއް ކަމަށެވެ.
ކުއްލި މައްސަލަގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަތުވާދޭ އެންމެމަތީ މަޖިލީހުންވެސް މި މައްސަލައިގައި ބުނެފައި ވަނީ އަންހެނުން ފަނޑިޔާރުން އައްޔަން ކުރުމަކީ ޙަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އަންހެން ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރައީސް ނަންފުޅު ފޮނުވުމަކީވެސް އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި ބަހުސް މިހާރު ކުރިޔަށްދާއިރު އެމްޑީޕީގެ ބަޔެއް މެމްބަރުންނާއި އަމިއްލަ ބަޔެއް މެމްބަރުން ނަޝީދުގެ އެ ކުއްލި މައްސަލައާ ދެކޮޅަށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމްޑީޕީގެ ބަޔެއް މެމްބަރުން ވިދާޅުވީ ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ހަގީގީ ކުއްލި މައްސަލައެއް ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށާއި ނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ބަޔަކު އުޅޭތީ އެކަމުގެ ހަގީގަތް ސާފުކޮށް ދިނުމަށްޓަކައި ބަހުސް ކުރެއްވުމަށް ފުރުޞަތު ދެއްވަން ކަމަށެވެ.
އެމްޑީޕީގެ މެމްބަރުން ބަހުސްގައި ވިދާޅުވީ ދުނިޔޭގެ އިސްލާމީ ވަރަށްގިނަ ގައުމުތަކުގައި އަންހެން ފަނޑިޔާރުން އެބަތިބި ކަމަށާއި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި އަންހެން ފަނޑިޔާރުން ކޯޓު ތަކުގައި ޝަރީއަތް ކުރައްވަމުން ގެންދަވާކަން އެމްޑީޕީގެ މެމްބަރުން ފާހަގަ ކުރައްވާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ޖޭއެސްސީގެ ލަފަޔަކަށް ފޮނުއްވާފައި ވަނީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.