ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތްނަމަވެސް ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެންނެވިއިރު ކުރިމަތިވެވަޑައިގެންފައިވާ "ޙައްޖު ރޯގާ" ގެ ސަބަބުން މަޖިލީހަށް ވަޑައިގެންނެވެން ނެތް ކަމަށް މަޖިލީހުގެ ރައީސަށް އަންގަވައިފިއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރަކަށްވެސް އޮތީ މިނިސްޓަރު އިމްރާންއާ ސުވާލު ކުރެއްވުމެވެ. އެއީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިނިސްޓަރަށް ކުރައްވާ ސުވާލެވެ.
ޖާބިރު ކުރައްވަން އޮތް ސުވާލަކީ 6 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭގައި، ޣައިރު ޤާނޫނީ އަމުރު ކުރާކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވި ފުލުހުންތަކެއްގެ މައްސަލަ ޙައްލުނުވެ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި، 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބަޔެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓު ތަކުގައި ހުޅުޖަހާފައިވާތީ ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގެނެވިފައިވާ ބަދަލު ތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތް ތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯއެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ މިނިސްޓަރު އިމްރާން މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ "ޙައްޖު ރޯގާގެ ތުރާގައި" އުޅުއްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މިނިސްޓަރުގެ ސިޓީފުޅު ލިބިވަޑައިގަތުމާއެކު އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ވާހަކަ އާއި ފުރިހަމަ ސިއްޙަތަކަށް ވަޑައިގެންނެވުމުން ވީހާވެސް އަވަހަކަށް މަޖިލީހަށް ވަޑައިގެން ދެއްވުމަށް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު ޝައިޚް އިމްރާން މީގެކުރިންވެސް ވަނީ ދެފަހަރު މަޖިލީހަށް ވަޑައިގެންފައެވެ. އެއީ މާފުށީ ޖަލުގައި ހިނގައިދިޔަ ޙާދިސާއަކާއި ގުޅިގެންނާއި އަބްދުﷲ ލުތުފީގެ މައްސަލައިގައެވެ.