މޭޔަރުގެ އިސްތިއުފާއަށް ގޮވައި އައްޑޫ ރައްޔިތުންގެ އުދާސްނެގުން

ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އައްޑޫ ސިޓީ ކައުންސިލުން ނުދެވޭކަމަށާއި އެކަމުގެ ޒިއްމާ ނަންގަވައި ސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ޞާދިޤް (ސޯބެ) އިސްތިއުފާ ދެއްވުމަށް އައްޑޫގެ ބައެއް ރައްޔިތުން ގޮވާލައިފިއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާއި ބައްދަލުކޮށް ތަރައްގީގެ މަޝްރޫޢުތަކާއި ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދަރުބާރުގޭގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހުން ހާމަކުރިގޮތުގައި ކުރީގެ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުން ވެސް އައްޑޫގެ ރައްޔިތުންނަށް ދައްކަމުންދަނީ އުއްމީދާއި ހުވަފެންތަކެވެ.

"ސޯބެ އިސްތިއުފާ ދެއްވާ!" ސިޓީކައުންސިލާއި ސަރުކާރުން އައްޑޫ ރައްޔިތުންނާމެދު ކަންތައް ކުރާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ވާހަކަދެއްކި މީހަކު ގޮވާލިއެވެ.

"ކަމެއް ކުރެވޭތަނެއް ނުފެނޭ. މިކަމުގައި ސަރުކާރުގެ ޒިއްމާ އޮތްގޮތަށް ސިޓީ ކައުންސިލްގެ ޒިއްމާ ވެސް އެބައޮތް. ކަމެއް ނުކޮށް ތިބުމުގެ ބޭނުމެއްނެތް. ސޯބެ އިސްތިއުފާ ދެއްވާ!" ބައްދަލުވުމުގައި ބައިވެރިވި އެހެން މީހަކު ބުންޏެވެ. "އިސްތިއުފާ ދެއްވާ!"

ސޯބެ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން (ރައީސް ޔާމީންގެ ސަރުކާރުން) އޮތީ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލާފައެވެ.

"އަޅުގަނޑުމެންނާ ހަވާލުވެފައި އޮތީ ހަމައެކަނި ވިހައި މަރުވާ ބެލެހެއްޓުން." "ވަޅުލުމުގެ ކަންތައް ބަލަހައްޓަނީ ވެސް އެހެން ބައެއް." ސޯބެ ވިދާޅުވިއެވެ.

ބައްދަލުވުން 8.30 ގައި ފެށުނީ ވެސް ހާޒިރުވި މީހުންގެ ހިތްހަމަނުޖެހުމާއެކުގައެވެ. ހާޒިރުވި މީހުންނަށްވުރެ ގޮޑި ބަހައްޓާފައި ހުރި އަދަދު މަދެވެ. އެހެންވެ ބައެއްމީހުން ތިބެންޖެހުނީ ކޮޅަށެވެ. އެމީހުންގެ ޗުކުޗުކު އަޑާހެދި ރިޔާސަތުން ދައްކަމުންދިޔަ ވާހަކަތަކުގެ އަޑު ބައެއް ފަހަރަށް ސާފެއްނުވެއެވެ.

ބައްދަލުވުމުގައި ބައިވެރިވި އައްޑޫގެ ބައެއް ރައްޔިތުން.                ފޮޓޯ: ސޯޝަލް މީޑިއާ

މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ ޝަރީފާއި ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި ފޭދޫ ދާއިރާގެ މެންބަރު ނިހާދާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާގެ ވާހަފުޅުގައި ހާމަކޮށް ދެއްކެވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އައްޑޫގައި ހިންގަަން ރާވާފައިވާ ތަރައްގީގެ މަޝްރޫޢުތަކާއި އެކަންކަން ކުރިއަށް ގެންދާނެ ގޮތާއި މަޖިލީހުގެ ތެރެއިން އެބޭފުޅުން އެކަން ހަގީގަތަކަށް ހައްދަވަަން ކުރައްވާނެކަންތަކުގެ ވާހަކައެވެ. އެއީ ހާޒިރުވެ ތިބި މީހުންނަށް މާ ޝައުޤުވެރި ވާހަކައަކަށް ނުވިއެވެ.

މަވޯޓާ ޝަރީފް ވިދާޅުވީ މަޖިލީހުގެތެރެއިން އައްޑޫގެ ތަރައްގީއަށް ބަޖެޓު ހޯއްދަވަން މަސައްކަތް ކުރައްވާނޭކަމަށެވެ.

ހިތަދޫ މެދުދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ވެސް މަޖިލީހުގެ ތެރެއިން ކުރެވެން ހުރިކަންތައްތައް ކޮށްދެއްވާނޭކަމުގައި ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރއާ ހަވާލާދެއްވައި ރޮޒައިނާ ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރައްވަމުން އެބަ ގެންދަވާކަމުގައެވެ.

"އެއީ ކޮންކަންތައްތަކެއް؟" ރޮޒައިނާ ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށް މީހަކު ހަރުއަޑުން ސުއާލުކުރިއެވެ.ރޮޒައިނާ އެސުއާލަށް ޖަވާބެއް ނުދެއްވައެވެ.

މެންބަރުންގެ ވާހަކަތަކަށްފަހު ސުއާލު ޖަވާބުގެ ސެޝަން ފެށުމާއެކުހެން، ރޮޒައިނާއާއި އަހުމަދު ރަޝީދާއި މަވޯޓާ ބޭރަށް ނިކުމެވަޑައިގަތެވެ.

ސުއާލާއި ޖަވާބުގެ ސެޝަން ދިޔައީ ވަރަށް އަޑުގަދަވެ، އުދާސް ބޮޑުވެގެންނެވެ. ބައެއްފަހަރަށް ކުރިއަށް ގެންދަން އުދަގޫވެގެންދިޔައެވެ. ދިލަބޮޑުވެ، ދޮންގަދަވެގެން ދިޔައީ ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. ޒުވާން އަންހެންކުދީންގެ ޒީލައަޑާއި ޒުވާބުން އެތައް ފަހަރަކު މުޅި ތަން ބުންވެގެންދިޔައެވެ. ބައްދަލުވުން ކުރިއަށް ނުގެންދެވޭނެހެން ވެސް ހީވިއެވެ.

"މިއީ އަހަރުމެން ހީކުރިކަހަލަ ބައްދަލުވުމެއްނޫން." ހުޅުދޫގެ ތިން ވިޔަފާރިވެރިއަކު ބައްދަލުވުން ދޫކޮށް ދަމުން ބުނެލިއެވެ.

ސިޓީ ކައުން ސިލުން އިންތިޒާމުކުރި ބައްދަލުވުމުގެ ގިނަ ބައިވެރިންނަކީ އެމްޑީޕީގެ ސަޕޯޓަރުންނެވެ. ކަންކަން ނުވެގެން ވާހަކަދައްކައި އަޑުގަދަކުރީ ވެސް ހަމަ އެމީހުންނެވެ.

"މިއީ އަހަރުމެން ވަރަށް ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރެއް. އެކަމަކު ވަޒީފާއެއް ނުލިބޭ." އަންހެނަކު ރިޔާސަތާ ޝަކުވާ ކުރިއެވެ.

ވަރަށް ގިނަ ބަޔަކު ގޯތި ގެދޮރުގެ ވާހަކަ، ބޯހިޔާވަހިކަމެއް ނުލިބިގެން އުޅޭ ވާހަކަ، ވަޒީފާގެ ފުރުސަތު އައްޑޫގައި ނެތް ވާހަކަ، ގެސްޓު ހައުސް ނެހެދިގެން އުޅޭ ވާހަކަ، މަދިރީގެ ނުފޮރުއްޕާނުގެ ވާހަކަ، އަސާސީ ޚިދުމަތް ނުލިބޭ ވާހަކަ، ވަޒީފާ ދިނުމުގައި ކޮރަޕްޝަން ހިންގާ ވާހަކަ، ސިއްހީ ޚިދުމަތުގެ ފެންވަރު ދަށް ވާހަކަ، ގަން އިންޓަނޭޝަނަލް އެއަރޕޯޓު ނުނިmiގެން އުޅޭ ވާހަކަ ދައްކައި ސުއާލު އުފެއްދިއެވެ.

މޭޔަރ ސޯބެ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ޖަވާބުދެމުން ދިޔަކަމަށް ވިޔަސް، ބައްދަލުވުމަށް ދިޔަ މީހުންނާއި ސުއާލުތައް ކުރި މީހުން ތިބީ އައްޑޫގެ ތަރައްގީގެ މަޝްރޫޢުތައް ފިނިކަދުވެލީގައި ކުރިއަށްދާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

މޭޔަރ ސޯބެއާއި މަޖިލިސް މެންބަރުންގެ ވާހަކަތަކުން ވެސް ދޭހަވީ ބަޖެޓުގެ ދަތިކަމާހެދި މަޝްރޫޢުތައް ފަހަތަށް ފަހަތަށް ގޮސްފައިވާކަމެވެ. ރައްޔިތުން އުދާސްވެ، ހޫނުގަދަވެ، އަޑުގަދަވެގެންދިޔައީ މަޝްރޫޢުތައް "ކުރިއަށް ކުރިއަށް" ނުގޮސް "ފަހަތަށް ފަހަތަށް" ޖެހިފައިވާތީއެވެ.

"ރައްޔިތުންގެ އަޑު ސިޓީ ކައުންސިލަށް އިވިއްޖެ. ކަމާބެހޭ މިނިސްޓްރީތަކާއި އެހެނިހެން އިދާރާތަކާ ގުޅައިގެން ކަންތައް އަވަސްކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން." ސޯބެ ވިދާޅުވިއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.