އިންޑިއާގެ ވައިގެ ސިފައިންގެ މިގް-21 ބޯޓުތަކަށް 44 އަހަރު ވެއްޖެ

އިންޑިއާގެ ވައިގެ ލަޝްކަރުގެ ބޯޓުތަކެއް: ގިނަދުވަސްވެ ބައުވެފައި

އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރަމުންދާ ގިނަ އަދަދެއްގެ މަތިންދާ ބޯޓު ވަނީ ހަސްފަސްނެތިފައެވެ. ބޯޓުތައް ވެއްޓެނީއެވެ. ޕައިލެޓުން މަރުވަނީއެވެ. ތަފާތު އެކްސިޑެންޓުތައް ގިނަވަމުން ދަނީއެވެ. އެކަމުގެ ޝަކުވާ އިންތިހާއަށް އިތުރުވެފައިވަނިކޮށް ވައިގެ ސިފައިންގެ ވެރިޔާ އެއަރ މާޝަލް ބީއެސް ދަނޯއާ އުފާވެރި ޚަބަރެއް ދެވައިފިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވައިގެ ސިފައިން ބޭނުންކުރަމުންދާ މިގް-21 މަރުކާގެ މަތިންދާބޯޓު ބޭނުން ކުރުން މިއަހަރުގެތެރޭގައި ހުއްޓާލާނެއެވެ.

ރަޝިޔާގައި އުފައްދާފައިވާ މިގް-21 އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ބޭނުންކުރަން ފެށިފަހުން 44 އަހަރުވެއްޖެއެވެ.

"އަޅުގަނޑުމެން އަދިވެސް އުދުހެން ބޭނުންކުރަމުން ދަނީ 44 އަހަރުވެފައިވާ މިގް-21 ގެ ބައު ބޯޓުތަކެއް. އެހާ ގިނަ ދުވަސްވީ ކާރެއް ވެސް އެއްވެސް މީހަކު ދުއްވައެއް ނަހަދާ." ވައިގެ ސިފައިންގެ ވެރިޔާ ބީއެސް ދަނޯއާ ވިދާޅުވިއެވެ.

އިންޑިއާގެ ވައިގެ ސިފައިން ޒަމާނީކޮށް ފެންވަރުމަތިކުރުމާ ގުޅޭގޮތުން ބޭއްވި ސެމިނާއެއްގައި ވާހަކަފުޅުދައްކަވަމުން ދަނޯއާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ސެޕްޓމްބަރމަހުގެ ތެރޭގައި މިގް-21 ބޭނުންކުރުން ހުއްޓާލުމަށް ވަނީ ރާވާފައެވެ.

އެ ސެމިނާގައި ދިފާއީ ވަޒީރު ރާޖްނާތު ސިންގ ވެސް ބައިވެރިވެވަޑައިގަތެވެ.

މިގް-21 ގެ ބޯޓުތައް އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރަންފެށީ 1973-74 ގައެވެ. އެދުވަސްވަރުން ފެށިގެން މިއަދާހަމައަށްވެސް މިގް މަރުކާގެ ބޯޓުތައް މަރާމާތުކޮށް ބަލަހައްޓަމުންދަނީ އިންޑިއާގައެވެ. އެއަށް ބޭނުންވާ ބައިތައް އުފައްދަނީ އިންޑިއާގައެވެ. މަރާމާތު ކުރަނީ އިންޑިއާގެ އިންޖިނޭރުންނެވެ.

ވައިގެ ސިފައިންގެ ވެރިޔާ ބީއެސް ދަނޯއާ ވާހަކަފުޅުދައްކަވަނީ

މިގް-21 ރަޝިޔާއިން ގަތް ދުވަސްވަރަކީ އިންޑިއާ އާއި ރަޝިޔާގެ ގުޅުން ވަރަށް ބަދަހިދުވަސްވަރެކެވެ.

އިންޑިއާގެ ވައިގެ ސިފައިން 2006 އަހަރު މިގް-21 މަރުކާގެ 110 ވަރަކަށް ބޯޓު މިގް-21 ބައިސަން މަރުކާއަށް  ބަދަލުކޮށް ފެންވަރު ރަނގަޅުކޮށްގެން ބޭނުންކުރަންފެށިއެވެ. އެ ބޯޓުތަކުގެ ރާޑަރާއި މުއާސަލާތީ ނިޒާމުގެ ފެންވަރު މިގް-21 އަށްވުރެ ބޮޑުތަން ރަނގަޅެވެ.

މިގް-21 ބޯޓު އުފެއްދި ރަޝިއާގެ ސިފައިން މިގް-21 މަރުކާގެ ބޯޓުތައް މިހާރު ބޭނުމެއް ނުކުރެއެވެ.

ވިންގ ކޮމާންޑަރ އަބީނަންދަން ވަރުތަމާން ޕާކިސްތާނަށް ވައިގެ ހަމަލާދޭން މި އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު ދިޔައީ މިގް-21 ބައިސަން މަރުކާގެ ބޯޓެއްގައެވެ. ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ މަތިން އަބީމާން ދަތުރުކޮށްފައި ދަނިކޮށް ޕާކިސްތާނުގެ ކުޅަދާނަ ޕައިލެޓަކު ވަނީ އަބީމާން ދަތުރުކޮށްފައިދިޔަ ބޯޓަށް ހަމަލާދީ ވައްޓާލާފައެވެ. އެ ހަމަލާގައި ބޯޓު ކުދިކުދިވެގެންދިޔައަސް އަބީމާން ސަލާމަތްވިއެވެ. ހަމަ އެދުވަހު ޕާކިސްތާނުންގެ ވައިގެ ސިފައިންގެ ހަމަލާއެއްގައި އިންޑިއާގެ މިގް-21 ގެ އެހެން ބޯޓެއް ވެސް ވައްޓާލިއެވެ. އިންޑިއާގެ ބޯޓުތަކަށް ވައިގެތެރޭގައި ހަމަލާ ދިނީ ޕާކިސްތާނާއި ޗައިނާ ގުޅިގެން އުފައްދާފައިވާ މޮޅު ބޯޓުތަކުންނެވެ.

އިންޑިއާގެ ޕާލަމެންޓަށް ހުށަހެޅުނު ރިޕޯޓެއްގައި ވާގޮތުގައި ފާއިތުވި  40 އަހަރުދުވަހުގެތެރޭގައި ވައިގެ ސިފައިންގެ މިގް-21 މަރުކާގެ 872 ބޯޓުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ބޯޓުތައް ވަނީ ކޮންމެވެސް ހާދިސާއެއްގައި ހަލާކުވެފައެވެ. ފްލައިޓް ވެއްޓުމުގެ ހާދިސާތަކުގައި ވައިގެ ސިފައިންގެ އެތައް ޒުވާނަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ވައިގެ ސިފައިންނަށް ފަރަންސޭސިވިލާތުން ގަންނަން އުޅުނު މަތިންދާ ބޯޓުތައް އިންޑިއާއަށް ނުގެނެވި ލަސްވަމުންދަނީ އެ ވިޔަފާރީގެ ތެރެއަށް އިންތިހާއަށް ކޮރަޕްޝަން ވަދެފައިވާތީކަމުގެ އަޑުތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ބަލަހައްޓަން ޕާކިސްތާނުން ފެންވަރުމަތި އެފް-16 ފައިޓަރ ޖެޓު ބޭނުންކުރަމުންދާއިރު، ބައު ދަގަނޑަށް ބަދަލުކުރަން ޖެހިފައިވާވަރުގެ މިގް މަރުކާގެ ބައު ބޯޓުތައް އިންޑިއާއިން ބޭނުންކުރާތީ އިންޑިއާ ސަރުކާރަށް އެތައް މިލިއަން ބަޔަކު ފާޑުކިޔަމުންދާތާ ލައްކަދުވަސް ވެއްޖެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.