ތާނަ އަކުރުން ޤުރްއާން ލިޔުން (1)

މިހާރަކަށް އައިސް ދިވެހީންގެ ތެރެއިން ބައެއް މީހުން މަދުމަދުން ނަމަވެސް ތާނަ އަކުރުން ކީރިތި ޤުރްއާނުގެ އާޔަތްތައް ލިޔަމުންދާ ތަން ފެނެއެވެ. މި ގޮތަށް މި ކަން ހިނގަމުންގޮސް ދުވަސްގަނޑަކަށް ފަހު މި ކަން ޢާއްމު ކަމަކަށް ވެދާނެއެވެ.  މި ކަމަކީ ކޮން ކަހަލަ ނުބައި ކަމެއް ކަން އެނގެން އެބަ ޖެހެއެވެ.މި ދިރާސާގައި ވަރަށް ކުރުކުރުކޮށް  އަލިއަޅުވައި ލެވޭތޯ މަސައްކަތް މި ކުރަނީ މި ކަމުގެ ޙަޤީޤަތަށާއި، އޭގެ ޚުޠޫރަތްތެރިކަމަށެވެ. މި ކަމަކީ ދީނުގެ ދުޝްމަނުން އެކި ދުވަސްވަރު ތަފާތު ސިފަސިފައިގައި ކުރަމްންދާ ކަމެކެވެ.

އެންމެ ޤަދީމީ މުޞްޙަފު. ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނީ މި މުޞްޙަފުން ކިޔަވާ ވިދާޅުވާން އިންނަވަނިކޮށްނެވެ. އެކަލޭގެފާނުގެ ގައިކޮޅުން އޮހޮރުނު ލޭފޮދުގެ އަސަރު  މި މުޞްޙަފުން ފެނެއެވެ.މި މޞްޙަފުގައި 1087 ގަނޑު ވެއެވެ. މި މުޞްޙަފުގެ ބަރުދަނަކީ 80 ކީލޯ ގްރާމެވެ.
މި މުޞްޙަފު ލިޔެފައިވަނީ ކޫފީ ޚައްޠުންނެވެ.

ޢަރަބިބަހުގެ މަޤާމު

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤުރްއާނުގެ ރޫޙަކީ ،އިސްލާމްދީނުގެ ޝިޢާރަކީ ، ފަރާއިޟުތަކާއި ދީނީ އެންމެހާ ޝަޢާއިރުތަކުގެ ދުލަކީ އަރަބިބަހެވެ. [1] ކީރިތި ޤުރްއާން ބާވައިލެއްވުމުގެ އެއްހާސް އަހަރު ކުރިން ޢަރަބިބަސް ވަނީ އުފެދި ބޮޑުވެ ތަސައްރަފު ފުދިފައެވެ. މާތް ﷲ ޢަރަބިބަހުން ކީރިތި ޤުރްއާން ބާވައިލެއްވުމުގައި ޙިކްމަތެއް އޮންނާނެއެވެ. އެ ޒަމާނުގެ މަޝްހޫރު ބަސްތައް ކަމުގައި ވާ ރޯމަން ބަހުން ނުވަތަ ފާރިސީ ބަހުން ނުވަތަ ޗައިނާ ބަހުން ކީރިތި ޤުރްއާން ބާވައި ނުލެއްވީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنّا أَنزَلنـٰهُ قُرءٰنًا عَرَبِيًّا لَعَلَّكُم تَعقِلونَ [2]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، عرب ބަހުންއޮތް قرآن އެއް ކަމުގައެވެ . އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށްޓަކައެވެ. )) އެހެން ބަސްފުޅެއްގައި ވެއެވެ. (( كِتـٰبٌ فُصِّلَت ءايـٰتُهُ قُرءانًا عَرَبِيًّا لِقَومٍ يَعلَمونَ [3] އެއީ އެފޮތުގެ آية ތައް تفصيل ކޮށްދެއްވާފައިވާ ފޮތެކެވެ. عرب ބަހުންވާ قرآن އެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ. )) ތިންވަނަ ބަސްފުޅެއްގައި ވެއެވެ. (( هـٰذا كِتـٰبٌ مُصَدِّقٌ لِسانًا عَرَبِيًّا [4]-  އަދި މިއީ (އެބަހީ: މި قرآن އަކީ) ކުރީގެ ފޮތްތައް ތެދުކުރަނިވިގޮތުގައި عرب ބަހުން އޮތް ފޮތެކެވެ. ))  ޢަރަބި ބަހުން ބާވައިލެއްވި މި ފޮތް އޮންނަން ޖެހޭނީ އަރަބި އަކުރުން ކަން ސާފުކޮށް އެނގެއެވެ. އެހެން ބަހެއް ލިޔާ އަކުރަކުން  މި ފޮތް ލިޔުން ހުއްދަވެގެން ނުވާނެތެވެ. ﷲ ސުބްޙާނަހޫގެ ކަލާމްފުޅު  އަޒަލުގައި ލައްވައިފައި މި ވަނީ ޢަރަބި ބަހުންނެވެ. އެއީ އެ ބަހާމެދު އެކަލާނގެ ރުހިވޮޑިގެންވާ ކަމުގެ ދަލީލެކެވެ. ވީމާ،  އެކަލާނގެ ރުހިވޮޑިގަންނަވާ އެކަލާނގެ ކަލާމްފުޅު ލިޔަން ވެސް ޖެހޭނީ އެކަލނގެ ރުހިވޮޑިގަންނަވާ އަކުރަކުންނެވެ. މި އަކުރަކީ ޢަރަބި އަކުރެވެ. އަލްއިމާމު އައްޝާފިޢީ – ރަޙިމަހު ﷲ - އެކަލޭގެފާނުގެ މަޝްހޫރު ފޮތް " އައްރިސާލަތު " ގައި ވިދާޅުވެފައިވެއެވެ. " ﷲ ޢައްޒަ ވަ ޖައްލަ އިޚްތިޔާރުކުރައްވައިފައިވާ ބަހަކީ ޢަރަބީންގެ ބަހެވެ. އެކަލާނގެ މޫރިތި ފޮތް ޤުރްއާން ބާވައިލެއްވީ އެ ބަހުންނެވެ. ޚާތިމުލް އަންބިޔާއި މުޙައްމަދު e ގެ ބަސް ކަމުގައި ލެއްވީ އެ ބަހެވެ.  "

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުބުނުލް ޚައްޠާބި  - رضي الله عنه – އަބޫ މޫސަލް އަޝްޢަރީއަށް ލިޔުއްވި ފަތްކޮޅެއްގައި އައިސްފައި ވެއެވެ. ((  فتفقّهوا في السُّنَّة ، وتفقّهوا في العربيّة – ތިޔަބައިމީހުން ސުންނަތް އުނގެނޭށެވެ! އަދި ތިޔަބައިމީހުން ޢަރަބި ބަސް ދެނެގަންނާށެވެ! )) [5] އެހެން ރިވާޔަތެއްގައި ވެއެވެ. (( تَعَلَّمُوا الْعَرَبِيَّةَ وَ عَلِّمُوهَا  النَاسَ [6] ތިޔަބައިމީހުން ޢަރަބިބަސް އުނގެނި މީސްތަކުންނަށް އެ ބަސް އުނގަންނާދޭށެވެ! ))  

ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ((ޢަރަބިބަހަކީ ދީނުގެ ބަޔެކެވެ. އެ ބަސް އެނގުމަކީ ވާޖިބުވެގެންވާ ފަރްޟެކެވެ. )) [7]

އަލްއިމާމު އަބުލްމަންޞޫރުލްޘަޢާލިބީ ވިދާޅުވިއެވެ. ((ﷲ ތަޢާލާ ދެކެ ލޯބިވާ މީހާ އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނު ދެކެ ލޯބިވާނެތެވެ. އަރަބިންގެ ތެރެއިން ފޮނުއްވި މި ރަސޫލާ ދެކެ ލޯބިވާ  މީހާ ޢަރަބިން ދެކެ ލޯބިވާނެތެވެ. ޢަރަބިން ދެކެ ލޯބިވާ މީހާ ޢަރަބިބަސްދެކެ ލޯބިވާނެތެވެ. ޢަރަބިބަސްދެކެ ލޯބިވާ މީހާ ޢަރަބިބަހަށް ޢިނާޔަތްތެރިވާނެތެވެ.ޢަރަބިބަހަކީ އެންމެ ހެޔޮ ބަހެވެ. އެ ފޮތް ދަސްކުރުމަށް ކުރިމަތިލުމަކީ ދީނުގެ ބަޔެކެވެ.އެއީ  ދީން އުނގެނުމުގެ ތަޅުދަނޑިއެވެ. )) [8]

އަލްއިމާމު މުޙައްމަދު ޢަބްދު ވިދާޅުވިއެވެ. (( އަހަރެމެންގެ ޢަޤީދާ އިޞްލާޙު ކުރުމަށް ލިބިގެންވާ ވަސީލަތަކީ އަހަރެމެންގެ ބަސް ރަނގަޅަށް އެނގުމެވެ. އެމީހުންގެ ފޮތާއި އެމީހުންގެ ސަލަފުންގެ ބަސްފުޅުތައް  އެނގުމަށް މުސްލިމުންނަށް ހުރަސްއަޅަނީ ﷲގެ ފޮތުގެ ބަސް ނޭނގުމެވެ. "

ޝައިޚުލް އަޒްހަރު  މުޙައްމަދުލްޚިޟްރު ޙުސައިން ވިދާޅުވާ ގޮތުގައި " އިސްލާމުދީނުގެ ދިދަ އުފުއްލައިލެވުނު ކޮންމެ ތަނަކަށް ޢަރަބިބަސް އޮހުނެވެ. މުސްލިމުންގެ ފައިތިލަތައް ސާބިތު ކުރެވުނު ކޮންމެ ފަސްގަނޑެއްގައި  ޢަރަބިބަސް ފެތުރުނެވެ. އިސްލާމީ ދަޢުވަތު ބަޔާން ކޮށްދިނުމަށް ޓަކައި އެހެން ބަހަކަށް ބޭނުމެއް ނުވެއެވެ. މުސްލިމުން ފަތަޙަކުރި ކޮންމެ ރަށެއްގެ އަހްލުވެރިން ޢަރަބިބަސް އުނގެނުމަށް ކުރިމަތިލިއެވެ. މުސްލިމުންގެ ކޮންމެ ރަށެއްގައި ޢަރަބިބަސް ރަސްމީ ބަހެއްފަދައެވެ." 

އަލްޢައްލާމާ މުޙައްމަދު އަބޫ ޒަހްރާ  ވިދާޅުވާ ގޮތުގައި " ޢަރަބިބަސް އެނގިގެން ނޫނީ އިސްލާމްދީން ފަހްމެއް ނުވާނެއެވެ. އެހެނީ ޤުރްއާން އެނގޭނީ ޢަރަބިބަސް އެނގިގެންނެވެ. ޢަރަބިބަހަށް ދެވޭ ކޮންމެ ޢުދްވާނަކީ ޤުރްއާނަށް ދެވޭ ޢުދްވާނެކެވެ. "

އެންމެ ބޮޑު މުޞްޙަފު . މި މުޞްޙަފުގެ ބޮޑުމިނަކީ 400 × 300 × 170 ސެންޓިމީޓަރު

އިސްލާމީ މުފައްކިރެއް ކަމުގައިވާ އުސްތާޒު އަންވަރުލްޖުންދީ އޭނާގެ މަޝްހޫރު ފޮތެއް ކަމުގައިވާ ޖައުހަރުލްއިސްލާމު ގައި [9] ވިދާޅުވެފައި ވެއެވެ. " މުސްލިމުން ޤަބޫލުކުރާ ގޮތުގައި ޢަރަބިބަހަކީ ޢިސްލާމްދީނުގެ ޙަޤީޤަތްތަކުގެ ބައެކެވެ. ޢަރަބިބަހާ ނުލައި ޤުރްއާން ، ޤުރްއާނަކަށް ނުވާނެއެވެ. ޢަރަބިބަހާ ނުލައި ނަމާދު ނަމާދަކަށް ނުވާނެއެވެ. "  އޭނާ ލިޔުއްވި " އައްލުޣަތު " [10]  ނަމަކަށް ކިޔާ ފޮތުގައި ވިދާޅުވަނީ " އިސްލާމީ ފިކްރުގެ އަސާސަކީ ޢަރަބިބަހެވެ. އެއީ ތުރްކީންނާއި ،ފާރިސީންނާއި ،ބަރްބަރުންނާއި ، މެލޭއިންނާއި ، ޢަރަބިން އުފެއްދި އުފެއްދުމެކެވެ. އުއްމަތުގެ ފިކްރުތައް ނަޤްލުކޮށްދޭ ކަންވާރަކީ ބަހެވެ. މިހެންވެ މުސްލިމުން އެމީހުން ޤާއިމުވި ކޮންމެ ތަނެއްގައި އެމީހުންގެ ބަސްވެސް ވަޒަންވެރިކުރުވިއެވެ."

ޑރ. ޢަބްދުﷲ ޔޫސުފު އަލީ ލަންޑަނުގައި ވަޒަންވެރިވެ ވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. " ޢަރަބިބަސް ދަންނަ މުސްލިމު ޢިލްމުވެރިޔާގެ އިސްލާމްކަން އެހެން މީހުންގެ އިސްލާމްކަމަށްވުރެ މާ އިތުރުވެގެން ވެއެވެ. "

ޑރ. މުރާދު ހޫފްމަން އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ " އަލްއިސްލާމު ކަ ބަދީލިން " ގައި ވިދާޅުވެފައި ވެއެވެ. [11] " މީހަކު ޤުރްއާނުގައިވާ އެއްޗަކާ ދެކޮޅު ހަދައިފާނެއެވެ. އެކަމަކު ޤުރްއާނުގެ ގެތުންތަކުގެ ފަށުވިކަމާއި އެމުނިއެކުލެވުންތަކުގެ ހަރުދަނާކަން އެނގުމުން ޙައިރާންވެ އަންތަރީސް ނުވާ ހަމަ އެކަކު ވެސް ނުވެއެވެ. ޑިކާރޓާއި ޣޫތާ ފަދަ ފިލޯސަފަރުން ވަނީ އޭގެ ޖާދޫގައި ޖެހި އެކަމަށް އިޢުތިރާފުވެފައެވެ.

މަޝްހޫރު އޮރިއަންޓަލިސްޓެއް ކަމުގައިވާ ކާރލް ބްރޮކްމަން އަރަބި އަދަބާ ބެހޭގޮތުން ލިޔުއްވި ފަސް ވޮލިޔުމްގެ ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ޢަރަބި ބަސް ، އިމެއް ނެތް ފުޅައު މިންވަރަކަށް ފެތުރިގެން ދިޔައީ ޤުރްއާނުގެ ސަބަބުންނެވެ. ހުރިހާ މުސްލިމުން ވެސް ޤަބޫލު ކުރާ ގޮތުގައި އެމީހުންނަށް ނަމާދު ކުރެވޭނީ ޢަރަބިބަހުންނެވެ.މިކަމުގެ ސަބަބުން ޢަރަބިހަށް ލިބިފައިވާ ޤަދަރަކީ އެހެން އެއްވެސް ބަހަކަށް ލިބިފައިނުވާ ފަދަ މަތިވެރި ޤަދަރެކެވެ.

ޖެކް ޕަރކް ނަމަކަށް ކިޔާ އޮރިއެންޓަލިސްޓަކު ލިޔުއްވައފައިވެއެވެ. " މަޣްރިބު ކަރައިގައި ފަރަންސޭސި އިސްތިޢުމާރާ އެންމެ ބޮޑަށް ހަނގުރާމަކުރި އަސްވާރަކީ އަރަބިބަހެވެ. ޢަރަބިންނަށް އަރަބިންގެ ގޮތުގައި ދެމިތިބެވުނީ  ޤުރްއާނާއި ރަސޫލާގެ  ސުންނަތް ޢަރަބިބަހުން އޮތީތީއެވެ. " 

މުސްޙަފު ލިޔެވިފައިވާ ގޮތް

އެންމެހައި މުސްލިމުން އެއްބަސްވާ ގޮތުގައި މުޞްޙަފު ލިޔެވިފައި ވަނީ ﷲ ސުބްޙާނަހޫ ވަ ތަޢާލާއާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށެވެ . އެބަހީ ތައުޤީފީކޮށްނެވެ. އައްސުޔޫޠީ ލިޔުއްވި މަޝްހޫރު ފޮތް " އަލްއިތުޤާނު ފީ ޢުލޫމިލް ޤުރްއާނި " [12] ގައި ވިދާޅުވިއެވެ . " އަޝްހަބު ވިދާޅުވިއެވެ. އިމާމު މާލިކަށް ދެންނެވުނެވެ. މީސްތަކުން ވާހަކަދައްކަމުންދާ ބަހުރުވަތަކުން މުޞްޙަފު ލިޔެވިދާނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ! އެންމެ ފުރަތަމަ ލިޔަން އެންގެވިގޮތަށް މެނުވީ ނުލިޔެވޭނެއެވެ. " [13]  އެއަށްފަހު މާލިކުގެފާނު ވިދާޅުވިއެވެ. " މި ކަމުގައި އިސްލާމީ އުއްމަތުގެ ޢިލްމުވެރީންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ.  މުޞްޙަފު ލިޔުމުގައި އޮންނަ  އިތުރު  و  އާއި އިތުރ  ا  އާ ބެހޭގޮތުން އިމާމު މާލިކަށް  ސުވާލު ދެންނެވުނެވެ. އަބޫ ޢަމްރު ވިދާޅުވިއެވެ. އެއީ މިސާލަކަށް "أولوا" ގައި އޮންނަ و ގެ ވާހަކައެވެ. މާލިކުގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. ބަދަލެއް ނުކުރެވޭނެއެވެ.

މި މައްސަލައާ ބެހޭގޮތުން އަލްއިމާމު އަޙްމަދު ވިދާޅުވިއެވެ. މުޞްޙަފުލް އިމާމު ( مصحف الإمام ) އާ ޚިލާފުވާ ގޮތަކަށް ކީރިތި ޤުރްއާން ލިޔުމަކީ ޙަރާން ކަމެކެވެ. ބައިހަޤީ " އައްޝުޢަބުލްއީމާނި " ގައި ވިދާޅުވިއެވެ. މުޞްޙަފު ލިޔާ މީހާ ޢުޘްމާނުގެފާނު ލިޔުއްވި ގޮތަށް ( ރަސްމު ޢުޘްމާނީ އާ  އެއްގޮތަށް)  މުޞްޙަފު ލިޔުމުގައި ރައްކައުތެރިވާން ޖެހޭނެއެވެ. އެ ލިޔުމާ ޚިލާފުވެގެން ނުވާނެއެވެ. ޢުޘްމާނުގެފާނުގެ އަމުރުފުޅަށް މުޞްޙަފު ލިޔުއްވި ބޭކަލުންނަކީ ޢިލްމުވެރިކަން އެންމެ ބޮޑު ، ތެދުވެރިކަން އެންމެބޮޑު، އިޚްލާޞްތެރިކަން އެންމެ ބޮޑު ، އަމާނަތްތެރިކަމުގައި ދެވަނައެއް ނެތް ބޭކަލުންތަކެކެވެ. އެއީ ރަސޫލާގެ އަރިހުގައި ވަޙީގެ ކާތިބުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޚާއްޞަ ބޭކަލުންތަކެކެވެ.މި އިން އެނގެނީ މުޞްޙަފު ލިޔެފައިވާ ގޮތާ ( ރަސްމު ޢުޘްމާނީއާ  ) ޚިލާފުވުމަކީ ޙަރާންކަމެއް ކަމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ލެޓިން އަކުރުން ( ނުވަތަ އެހެން ވެސް އަކުރަކުން) ލިޔުމަކީ ކީރިތި ޤުރްއާނުގެ މުޤައްދަސް ކަމާ އަރާރުންވާ ކަމެކެވެ. އެހެނީ ޢަރަބި އަކުރުގެ މަޚްރަޖުތައް އެހެން އަކުރަކުން ލިޔެގެން ރަނގަޅަށް ފާޅުވެސް ނުކުރެވޭނެތެވެ. މާތް ﷲ މުސްލިމުންނަށް ވަނީ ކީރިތި ޤުރްއާން ރައްކައުތެރިކުރުމަށް އަންގަވައިފައެވެ. އެހެން އަކުރަކުން ޤުރްއާން ލިޔުމަކީ އެއަށް ރައްކައުތެރިވުމަށް އެންގެވި ބަސްފުޅާ ޚިލާފުވުމެކެވެ.

ސުންނަތް ހަތަރު މަޒްހަބުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތުގައި ކީރިތި ޤުރްއާން ލިޔަން ވާނީ ރަސްމު ޢުޘްމާނީއާ އެއްގޮތަށެވެ. އިމާމު އިބްނު ޙަޖަރު ވިދާޅުވިއެވެ. " އުނގަންނާދިނުމުގެ ބޭނުމުގައި ވެސް ޤުރްއާން އެހެން އަކުރަކުން ލިޔުމަކީ ޙަރާން ކަމެކެވެ.އޭނާ ވިދާޅުވިގޮތުގައި ޢަރަބި އަކުރުނޫން އަކުރަކުން ޤުރްއާން ލިޔުމުގެ ދޮރު ހުޅުވައިލުމަކީ ޤުރްއާން ބަދަލުކުރުމަށާއި އޮޅުވައިލުމަށް ދޮރު ހުޅުވުމެވެ.އައްޒަރްޤާނީ [14] ވިދާޅުވިއެވެ. " އަހަރެމެންގެ ޢިލްމުވެރިން ވަނީ ޢަރަބި އަކުރުނޫން އަކުރަކުން ޤުރްއާން ލިޔުން މަނާކުރައްވައިފައެވެ. މިހެންވެ ޤުރްއާން އެހެން ބަހަކަށް ތަރްޖމަ ކުރާއިރުގައި ވެސް ޤުރްއާނުގެ އާޔަތްތައް  ލިޔަން ވަނީ ރަސްމު ޢުޘްމަނީއާ އެއްގޮތަށް ޢަރަބި އަކުރުންނެވެ. 

އެންމެ އަގު ބޮޑު މުޞްޙަފު. މި މުޞްޙަފުލިޔެފައި ވަނީ ރަނުންނެވެ.
 މިއީ މީލާދީން 800 ވަނަ އަހަރު ލިޔެފައިވަ މުޞްޙަފެކެވެ. މުޞްޙަފުގެ
މި މުޞްޙަފުގެ އަގަކީ ގާތްގަނޑަކަށް 1.1  މިލިޔަން ސްޓަރލިންގ ޕައުންޑެވެ.

[1]  - ދީނުގެ އަސާސަކީ ޝަހާދަތުގެ ދެ ކަލިމައެވެ. ނަމާދުގައި ކިޔަވާ ޤުރްއާނާއި ، ޛިކްރާއި،  ތަސްބީޙައާއި، ދުޢާތަކާއި، ބަންގިއާއި ގަމަތް ފަދަ ޝިޢާރުތަކަކީ ޢަރަބިބަހުން މެނުވީ ނުކުރެވޭނެ ކަންތައްތަކެކެވެ. އައްސުޔޫޠީ ވިދާޅުވާ ގޮތުގައި އަރަބިންގެތެރެއިން އިސްލާމްވާ  ވަފްދުތަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޤުރްއާނާއި ، ބަންގިއާއި ޤަމަތާއި ދީނީ ކަންތައްތައް ދަސްކޮށް ދެއްވިއެވެ.

[2]  -  يوسف : 2

[3]  - فصّلت :  3

[4]  - الأحقاف : 12

[5]  - رواه ابن أبي شيبة عن عمر بن يزيد

[6]  - رواه البيهقي وابن الأنباري في الإيضاح ورواه ابن أبي شيبة عن أبي بن كعب موقوفا.

[7]  - اقتضاء الصّراط المستقيم ص207

[8]  - فقه اللغة ص21

[9]  - جوهر الإسلام  : ص 27

[10]  - اللّغة : ص 31

[11]  - الإسلام كبديل :  ص 42

[12]  -  " الإتقان في علوم القرآن" (4/ 168، ط. الهيئة المصرية العامة للكتاب

[13]  - رواه الداني في "المقنع"

[14]  - مناهل العرفان ج2ص96

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.