މަނީ ލޯންޑްރިންގައި އޭސީސީގެ ބައިވެރި ވުމެއް އޮތްކަން އެނގޭނި ތަޙްޤީޤް ނިމުމުން ކަމަށް އެންޓި-ކަރަޕްޝަން ކޮމިޝަން (އޭސީސި)ގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެސްކްރޯ އެކައުންޓަކީ ރައީސް ޔާމީނާއި އޭސީސީއާ ދެމެދު ވެވެނު އެއްބަސް ވުމެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވިފައިވާ އެކައުންޓަކަށްވެފައި އެ އެކައުންޓްގައި ހުރި ފައިސާއިން މަނީ ލޯންޑަރ ކުރެވޭނަމަ، އެކަމުގައި އޭސީސީއަށް ބައިވެރި ވެވެނީކަމަށް ދެކެވަޑައި ގަންނަވަންތޯ ރައީސް ޔާމިން ސުވާލު ކުރެއްވުމުންނެވެ.
އެސްކްރޯ އެކައުންޓަކީ ރައީސް ޔާމީނާއި އޭސީސީއާ ދެމެދުވެވިފައިވާ މަދަނީ އެއްބަސް ވުމަކަށްވެފައި، އެއަކައުންޓްގައި މައްސަލައެއް އުޅޭނަމަ އެކަން ޔާމީނަށް ނޭންގެވީ ކީއްވެތޯ، ރައީސް ޔާމިން ވަނީ މުއައްވިޒާ ސުވާލުކުރައްވައިފައެވެ.
އެސްކްރޯ އެކައުންޓާ ގުޅޭ ގޮތުން އެސްޓީއާރު ނެރުނީ މިދިޔަ އަހަރުގެ ޑިސެމްބްރ 18 ގައި ކަމަށްވާއިރު އޭސީސީގެ ފައިދާ އަށް ހުޅުވި އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާވެފައިވާނީ މެއި މަހުގެ ކުރީކޮޅު ކަމަށާއި އެކަމުގެ މަޢުލޫމާތު މެމޭމަހު ފަހެއްގައި ބޭންކުން އޭސީސީއަށް ސިޓީއަކުން އަންގައިފައިވާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ނަމަވެސް އެފައިސާ ޖަމާވިކަމެއްވެސް އަދި ކޮން އެކައުންޓަކުން ކިހިނެއް ޖަމާވި ފައިސާއެއްތޯ ބަލައިފައި ނުވާނެކަމަށް ހެކިބަސް ދެއްވަމުން މުޢައްވިޒު ކުރިން ވިދާޅުފައިވާކަމަށް ރައިސް ޔާމީން ފާހަގަ ކުރެއްވިއެވެ.
"މޭމަހު ކުރީކޮޅު މިފައިސާ އޭސީސީގެ ބެނިފިޝަރީ އެކައުންޓަކަށް ވަދެފައިވާއިރު އެއާ ބެހޭ ގޮތުން ސަސްޕިޝަސް (ޝައްކު އުފެދޭ) ޓްރާންސެކްޝަނެއް ގޮތަށް އެސްޓީއާރެއް ޑިސެމްބރ 18 ގައި އައިމާ، އެއީ ސަސްޕިޝަސް ޓްރާންސެކަޝަނަކަށް އެކަށީގެންވާ މުއްދަތެއްތޯ ނުވަތަ މައްސަލައެއް އުފަން ކުރަން އެހާ ފަހުން އައިސްފައިވާ ޓްރާސް ސެކަޝަނެއްތޯ " ރައިސް ޔާމިން ވަނީ މުއައްވިޒާ ސުވާލު ކުރައްވައިފައެވެ.
މުއައްވިޒު ވިދާޅުވީ ކިތަންމެ ލަހުން ނަމަވެސް ތުޙުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިއްޖިއްޔާ ކަމާ ބެހޭ އިދާރާގެ ސަމާލުކަމަށް އެކަން ގެންނަން ޖެހޭނެކަމުގައެވެ. ފުލުހުންނަށް އެމައްސަލަ ހުށަހެޅުއްވީ އެސަބަބަށްޓަކައި ކަމަށް މުޢައްވިޒު ފާހަގަ ކުރެއްވިއެވެ.
އެމްއެމްއޭއިން ޢަމަލުކުރާ އުޞޫލުތަކާއި ބޭންކިން ޤާނޫނުގައި ބުނާގޮތުން ސަސްޕިޝަޝް ޓްރާންސެކްޝަނެއް ހިނގާ ކަމަށްވަންޏާ 72 ގަޑިއިރު ތެރޭގައި އެއާމެދު ގޮތެއް ނިންމުމަށްފަހު، އެ ފައިސާ ޖަމާ ކުރެވޭނެތޯ ނުވަތަ ނޫންތޯ، ބޭންކުތަކަށް އަންގަން ޖެހޭނެކަމަށާއި ނަމަވެސް ސަސްޕިޝަޝް ޓްރާންސެކްޝަނެއްކަމަށް އެސްޓީއާރެއް ނެރެފައިވަނީ ތަރު މަސްފަހުން ކަމަށް ޝަރީޢަތުގެ މަޖިލީހުގައި މުއައްވިޒާ، ސުވާލު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ކުރެއްވި ސުވާލާ ގުޅިގެން، އޭސީސީގެ ރައީސް މުއައްވިޒު ވިދާޅުވީ، އެސްޓީއާރުން ޝައްކުކުރެވޭ ޓްރާންސެކްޝަން ޕޮލިސް އަށް ހުށަހެޅީ އެމައްސަލަ، މަނީ ލޯންޑްރިންނަށް ތުހުމަތު ކުރެވޭތީކަމަށެވެ. އެމައްސަލައިގައި ފާހަގަ ކުރެވޭ ކޮރަޕްޝަންގެ ބައި އޭސީސީ ތަޙްޤީޤް ކުރައްވްމުން ގެންދަވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
އެސްކްރޯ އެކައުންޓަކީ އޭސީސީ އާއި ރައީސް ޔާމީނާ ދެމެދު ވެވިފައިވާ އެއްބަސް ވުމެއްގެ ދަށުން ހުޅުވާފައިވާ އެކައުންޓަކަށް ވެފައި، ކަރަޕްޝަނާ މަނީ ލޯންޑްރިންގެ މައްސަލައެއް ހިމެނޭ ކަމަށް ޝައްކުވެ، ޕޮލިސް އަށް އެންގެވިއިރު، އެއްބަސްވުމުގެ އަނެއް ފަރާތުގައި ހުރި ފަރާތް ކަމުގައިވާ ރައީސް ޔާމީނަށް އެކަން، އެނގުމަކީ އެފަރާތަށް ލިބެންޖެހޭ ޙައްޤެއް ނޫންތޯ ރައީސް ޔާމީން މުޢައް ވިޒާ ސުވާލުކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އެކަން އަނގައިފައި ނުވާނެކަމަށް މުއައްވިޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދާދި ފަހުން ރައީސް ޔާމީން، ސާފްކުރެއްވުމަށް އެދިވަޑައިގެންނެވި ކަންކަމާ ބެހޭގޮތުން އޭސީސީން ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި އެކަން ބަޔާންކޮށްފައި ވާނެކަމަށް މުއައްވިޒު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ އެކަން ދޮގުކުރައްވައިފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ހުޅުވާފައި ޑޮލަރ އެކައުންޓަށް އެސްއޯ އެފްގެ އެކައުންޓުން އެއް މިލިއަން ޑޮލަރު ދެފަހަރެއްގެ މަތިން ޖަމާވެފައިވާ މައްސަލައުގައި، އޭސީސީގެ ބޭނުމަކީ ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދުންކަމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނާއިބް ރައީސް މުއައްވިޒު ފުލުހުންނަށް ދެއްވައިފައިވާ ބަޔާނުން އެނގެން އެބަ އޮތްކަމަށް ވެސް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީނާ ދެކޮޅަށް ހިންގޭ މަނީ ލޯންޑެރިންގެ ދައުވާގައި އޭސީސީގެ މިހާރުގެ ރައީސްގެ ހެކިބަސްވެސް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ނަގައި ނިންމައިފައެވެ. ކުރީގެ ނާއިބް ރައީސް އަޙަމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ރައީސް ޔާމީނާ ދެކޮޅަށް އިއްޔެ ވަނީ ނަންގަވައިފައެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ އިތުރު ހެކި ތަކުގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި ކުރީގެ ޓރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒާއި ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ވަސީމް އިސްމާއިލް ކިޔާ ބޭފުޅަކު ހިމެނެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރައްވަމުން ގެންދަވަނީ އެސްކްރޯ އެގްރިމެންޓާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭވިން އެކައުންޓަގައި ހުރި ތުޙުމަތުކުރެވޭ އެއްމިލިއަން ޑޮލަރު އެ ބޭންކުގައި ހުޅުވައިފައިވާ ރައީސް ޔާމީންގެ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށްފައިވާތީއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުން ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރެވެ.