ތަނެއްގައި ހަރުކޮށްފައި ހުންނަ ނަންބޯޑެއް ބަދަލުކުރުމަކީ ވަރަށް އާދައިގެ ކަމެކެވެ. ފަހުގެ ތާރީޚަށް ބަލާއިރު ރާއްޖޭގައި ވެސް ނަން ބޯޑު ބަދަލުކުރުމުގެ ސަގާފަތައެއް އަށަގަންނަމުންދާ ތަން ފެނެއެވެ. މިދޔަ ދިހަވަރަކަށް އަހަރުތެރޭގައި ރާއްޖޭގެ މައި ދޮރާށީގެ ނަން ބޯޑު އެކި ގޮތްގޮތަށް ބަދަލުކުރެވުނެވެ. މިހާރު އެތަނަކީ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓެވެ.
ޒަމާންތަކެއް ވަންދެން ސަލްޓަން ޕާކުގެ ގޮތުގައި ދިވެހިންނަށް އެނގި، ފަރިތަ ތަނެއްގެ ނަން ދާދި ފަހުން ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކުރެވުނެވެ. ދިވެހީންގެ ދުވަހީ ބަސްކޮށާރުން ޖާގަ ހޯދުމުގެ އިތުރުން ސަލްޓަން ޕާކަކީ އެނަމަކާއި ދިވެހީންގެ އެތައް ހަނދާންތަކެއް ގުޅިފައިވާ ނަމެކެވެ. ނަން ބަދަލުކުރެވޭ ހިސާބުން ފެށިގެން އެ ހަނދާންތައް ފަނޑުވަމުން ގޮސް ބަސްކޮށާރުން ލަފުޒު ވެސް އުނިވެދެއެވެ. ރަސްރަނި ބަގީޗާގެ ނަމަށް އެތަން ބަދަލުކުރެވުނު ފަހުން މިހާރު ދެ އަހަރެއް ވަރު ވީއެވެ. ސާޅީސް އަހަރާއި އަޅާ ބަލާއިރު ދެ އަހަރަކީ ވަރަށް ކުރު މުއްދަތެކެވެ. އެހެނަސް މުއާމަލާތް ކުރުމުގައި އައިސްފައިވާ ހަލުވި ބަދަލާއެކު އެކި މަންސަ (ޕްލެޓްފޯމް)ތަކުގައި އެ ނަން ބޭނުންކުރެވުނު މިންވަރު މަދެއް ނޫނެވެ. ރަސްރަނި ބަގީޗާ އާ ގުޅޭ ކިތަންމެ ހަނދާންތަކެއް ވެސް އެތައް ބައެއްގެ ހަނދާނުގައި ހުންނާނެއެވެ. ދާދި މިދާކަށް ދުވަހު އަނެއްކާވެސް އެތަނުގެ ނަން ވަނީ އަލުން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކޮށްފައެވެ.
ނަން ބޯޑެއް ބަދަލުކުރުމަކީ ހަގީގަތުގައި ވެސް މާ ބޮޑު ކަމެއް ނޫނެވެ. ކުރިން ހުރި ނަން ބޯޑު ނަގައި އެއްލާލާފައި އާ ނަން ބޯޑެއް ހަރުކުރަނީ އެވެ. ނަމަވެސް އޭގެ ސަބަބުން މުޖަތަމައަށް ނުވަތަ އެ ވިއްޔެއްގައި ދިރިއުޅޭ މީހުންނަށް ނުވަތަ އެ މީހުންގެ ދިރިއުޅުމަށް ކުރާނޭ އަސަރަކާ މެދު މާ ބޮޑަށް ވިސްނާ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެފަދަ ބަދަލެއް ގެނައުމުގެ ފަހަތުގައި އާދައިގެ ރައްޔިތު މީހާގެ ބުއްދިއަށް ވިސްނައިނުގަނެވޭ ހިކުމަތެއް ވެސް އޮވެދާނެއެވެ. އިގްތިސާދީ ނުވަތަ ސިޔާސީ މަންފާއެއް ވެސް އޮވެދާނެއެވެ.
ސަލްޓަން ޕާކުގެ ނަން ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކުރެވުނީ ރައީސް ޢަބދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ސަރުކާރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނަން ބަދަލުކުރުމުގައި އެ ބޭފުޅުން ގެއްގުޅުއްވި ވިސްނުންފުޅު ހާމަކުރައްވާފައެވެ. މި ކަމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓުތައް ތިރީގައި ނަކަލުކޮށްލާނަމެވެ.
Alhugandumen belee veehaaves dhivehivantha,thaareekh aalaavaa nannan kiyan alhuganudmen hedhi thanthanah
Misaalu:Raaveribey Maizaan,Hihthan Maizan,Rehendhi maizan, Iskandhar Maizan,Muiveyodhoshu Maizan,Rasfannu.
Mihaaru mifennanee kameh nukoh thibe bahaa thaareekh olhuvaalaathan https://t.co/pY8DGpcqUg— Dr Mohamed Muizzu (@MMuizzu) July 30, 2019
"މިތަނުން ކޮން ތާރީޚެއް އާލާކުރަންތޯ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލުރަނީ؟ ނަމާ އެއްކޮށް، އެ ނަން ކުރިން ކީ އިރު އެތަން އޮތްގޮތަށް ތަންވެސް ބަދަލުކުރަންވީ ނޫންތޯ؟ ދިވެހި ބަހާ، ތަނުގެ ތާރީޚް ބޮޑަށް އާލާ ކުރެވެނީ ދިވެހި ނޫން ނަމަކުންތޯ؟"
"އަޅުގަނޑުމެން ބެލީ ވީހާވެސް ދިވެހިވަންތަ، ތާރީޚް އާލާވާ ނަންނަން ކިޔަން އަޅުގަނޑުމެން ހެދި ތަންތަނަށް. މިސާލު: ރާވެރިބޭ މައިޒާން، ހިއްތަން މައިޒާން، ރެހެންދި މައިޒާން، އިސްކަންދަރް މައިޒާން، މުއިވެޔޮދޮށު މައިޒާން، ރަސްފަންނު. މިހާރު މި ފެންނަނީ ކަމެއް ނުކޮށް ތިބެ ބަހާ ތާރީޚު އޮޅުވާލާ ތަން."
އެ ސަރުކާރުން ޕާކުގެ ނަން ރަސްރަންޏަށް ބަދަލުކުރެއްވީ އެ ނަން "ދިވެހި" ކުރުމަށެވެ. ސިޓީ ކައުންސިލުން ތަނުގެ ނަން ބަދަލުކުރެއްވީ "ސަލްޓަން ޕާކުގެ ނަން އަލުން ދިރުވުމަށެވެ."
Anna Angaaradhuvah council bahdhalvumah Sultan parkgenan alun dhiruvaa Rasrani Parkge nan badalkurumah thaaval kurani .@MaleCitymv @schamau @yumna_maumoon @ManadhooThoriq
— Shifa Mohammed? (@SifaMohammed) December 13, 2018
އެއް ސަރުކާރުން ކޮށްފައި ހުންނަ ގޯސް ކަންކަން ދެން އަންނަ ސަރުކާރަކުން ރަނގަޅު ކުރަންވީއެވެ. ނަން ބޯޑުވެސް ބަދަލުކުރަންވީއެވެ. ނަމަވެސް ބަހާއި ސަގާފަތާއި ތާރީޚު އިއާދަ ކުރުމުގެ ނަމުގައި އެފަދަ ކަންކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުފެނެއެވެ.
އިޖްތިމާއީ ބަހަވިއްޔާތު (ސޯޝިއޯލިންގުއިސްޓިކްސް)ގެ ނަޒަރަކުން ވިސްނާލާއިރު ތަންތަނަށް ކިޔާ ނަންނަމަކީ އެތަނެއްގެ ސަގާފީ އަދި ބަހަވީ ތާރީޚުގެ ރަމްޒީ ނިޝާންތަކެވެ. އެ ނަންނަމުގެ ފަހަތުގައި އިޖްތިމާއި އަދި ސަގާފީ އެތައް އަގެއް (ސޯޝަލް/ކަލްޗަރަލް ވެލިއުސް) ފޮރުވިފައިވެއެވެ. އެ ނަންނަމަކީ އެތަނެއްގެ ޖޯގްރަފީ އާއި ސަގާފީ ވެށި ރިވެރި (ރިފްލެކްޓް)ކުރާ ލޯގަނޑެވެ. އެހެންކަމުން ނަން ބަދަލުކުރާ ކޮންމެ ފަހަރަކު ގެއްލިދަނީ އިއާދަނުކުރެވޭނޭ ސަގާފީ އަގު (ކަލްޗަަރަލް ވެލިއުސް)ތަކެވެ.
ވިލިވިލީގެ ތަންތަނަށް ކިޔާފައި ހުންނަ ނަންނަން ނިސްބަތް ކުރަނީ އެ ވިއްޔެއްގެ ކޮންމެވެސް ޚާއްޞިއްޔަތަކަށެވެ. އެފަދަ ނަންނަމަކީ އެ މުޖްތަމައެއްގެ އަހުލުވެރިން އެކަކު އަނެކަކާ މުއާމަލާތުކޮށް ވާހަކަދެއްކުމަށް ބޭނުންކުރާ ބަހުގެ ކޮށާރެވެ. އެ ކޮށާރަކީ އެ މުޖްތަމައަށް ޚާއްޞަ ބަހަވީ އާލާތެކެވެ. ނުވަތަ ލިންގުއިސްޓިކް ޓޫލް (ބަހަވީ އާލާތް) އެކެވެ.
ތަންތަނަށް ކިޔާ ނަންނަމަކީ އިޖްތިމާއީ އަދި ބަހަވީ މުހިއްމު ބަހާއަކަށް ވާއިރު ނަމުގެ ތަރިކަ ބެލެހެއްޓުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. ތަންތަނަށް ކިޔާ ނަން، ޚާއްޞަކޮށް މުހިއްމު ރަމްޒުތަކާއި ބިނާތަކުގެ ނަންތައް ޙިމާޔަތް ކުރެވޭނޭ އުސޫލުތަކެއް ގާއިމުކުރެވިފައި އޮންނަންވާނެއެވެ. އަލަށް ހަދާ ތަންތަނަށް ނަން ކިޔަންވާނީ ދުރާލާ ރޭވިގެން އެތަނެއްގެ ސަގާފަތް ދިރާސާކުރުމަށްފަހު އެ ވެށްޓަކާ އެންމެ ގުޅޭ ގޮތަށެވެ.
ނަން ޙިމާޔަތް ކުރުމުގެ ވާހަކައަކީ 1970ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ވާހަކައެކެވެ. ނަމުގެ ޢިލްމުވެރީން ދެކޭ ގޮތުގައި ނަން ޙިމާޔަތް ކުރަންޖެހޭ އެތައް ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރައްވަނީ އެއީ ތާރީޚު ޑޮކިއުމެންޓު ކުރުން ކަމުގައެވެ. އާއްމުކޮށް ނަމެއް އުފަންވަނީ އެ ވިއްޔެއްގެ، ރަށެއްގެ، ނުވަތަ އަތޮޅެއްގައި ހުންނަ މުހިއްމު ތަނެއް ސިފަކުރުމުގެ ތެރެއިންނެވެ. އެހެންކަމުން އެފަދަ ނަންނަމުން ނަން ކިޔުނު ދުވަސްވަރުގެ ގުދްރަތީ، އަދި ސަގާފީ ހާލަތާ ގުޅޭ އެތައް މައުލޫމާތެއް ލިބެއެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ނަންނަމަކީ ސަގާފީ ތަރިކައިގެ މުހިއްމު ބައަކަށް ވާތީ ކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ. ސަގާފީ ތަރިކައިގެ މުހިއްމު ބައެއް ކަމަށް ވަނީ އެ ނަންނަމުން އެ ވެށްޓަކާ ބެހޭ ކޮންމެވެސް ވާހަކައެއް ބުނެދޭތީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މީހުން ވަޒަންވެރިވެ އުޅުނު ތަންތަނުގެ ތާރީޚު އެއިން އެނގޭތީއެވެ. ތަނަކަށް ނަމެއް ކިޔައި އެ ނަމެއް ޖީލުތަކަށް ދެމިގެން ދިއުމުގެ މާނައަކީ ކޮންމެވެސް ދުވަސްވަރެއްގައި އެތަނެއްގައި ބަޔަކު ދިރިއުޅުނު ކަމެވެ. އެހެންކަމުން ގުދްރަތީ ވެށްޓާއި ސަގާފީ ތާރީޚުގެ އިތުރުން ތަންތަނަށް ކިޔާ ނަންނަމުން ބަހަވީ ތަރިކަ(ލިންގުއިސްޓިކް ހެރިޓޭޖް) ވެސް ރަމްޒުކޮށްދެއެވެ.
މަވަންތަކަން (އައިޑެންޓިޓީ) ދަމަހައްޓައި ތާރީޚާއި ސަގާފަތް ދެމެހެއްޓުމުގެ ނަމުގައި ތަންތަނަށް ކިޔައި، އާއްމުވެފައި ހުރި ނަންނަން 'ދިވެހި' ކުރުމަކީ އިޖްތިމާއީބަހަވިއްޔާތު (ސޯޝިއޯލިންގުއިސްޓިކްސް)ގެ އަސާސާ ޚިލާފު ކަމެކެވެ. އެތަނެއްގެ އަހުލުވެރިން ތަނަކަށް ކިޔަމުން އައި ނަމަކީ ފަރަންޖީ ނަމެއް ކަމުގައި ވިޔަސް، އެ ނަމުން ރަމްޒުކޮށްދެނީ އެއިރެއްގެ ތާރީޚެވެ. އެއިރެއްގެ ސަގާފަތެވެ. އެ އިރެއްގައި ބަސްމަގެވެ.
ނަންނަމަކީ ތާރީޚު އަދި ބަހަވީ ވަސީލަތެއްގެ ގޮތުގައި ނަމުގެ ޢިލްމުވެރިން ފާހަގަކުރައްވަން ފެށްޓެވި ހިސާބުން ނަން ޙިމާޔަތް ކުރުމުގެ މަސައްކަތް ބައެއް ގައުމުތަކުން ފެށިއެވެ. ނަންތައް ޙިމާޔަތްކުރެވެނީ ގާނޫނީ ބާރު ލިބިގެންނެވެ. ނަން ޙިމާޔަތް ކުރެވެނީ ނުމާއްދީ (ނޮން-ޓެންޖިބަލް) ތަރިކައިގެ ގޮތުގައެވެ. އެކުލަވައިލެވޭ ސަގާފީ ސިޔާސަތުތަކުގައި ވެސް ނަން ޙިމާޔަތް ކުރެވޭނޭ އުޞޫލުތައް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. މި ފަދަ ސިޔާސަތެއްގެ ދަށުން ކުރިން ކިޔާފައި ހުންނަ ނަންނަމާއި އަލަށް ކިޔާ ނަންނަމުގެ ސްޓޮކެއް ނުވަތަ ކޮށާރެއް، ފަހަށް ރައްކާކުރެވޭނޭ ނިޒާމެއް ވެސް ގާއިމުކުރުމަކީ ކުރެވިދާނެ ކަމެކެވެ.
ތަންތަނަށް ކިޔާ ނަންނަމަކީ ނުމާއްދީ ސަގާފީ ތަރިކައަކަށް ވާއިރު ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ނަން ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެފަދަ ނަންނަމަކީ އެތަނެއްގެ އަހުލުވެރިންގެ ތަރިކައެވެ. ތަންތަނަށް ކިޔާ ނަން ބަދަލުކުރުމަކީ ސިޔާސީ ކުޅިވަރަކަށް ހަދައިގެން ނުވާނެއެވެ.
އެހެންކަމުން މަވަންތަކަން ދެމެހެއްޓުމުގެ ނަމުގައި ނުވަތަ ދީން ޚިމާޔަތް ކުރުމުގެ ނަމުގައި ތަންތަނަށް ކިޔާ ނަންނަން ފަދަ ސަގާފީ އަދި ތާރީޚީ އަގުތައް ފުހެލައިގެން ނުވާނެއެވެ. އެ މާޒީ އަކީ އަޅުގަނޑުމެންގެ އަސްލެވެ. މާޒީ ފުހެލައިގެން ދެމެހެއްޓޭނޭ އަމިއްލަވަންތަކަމެއް އޮންނާނޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ތަންތަނަށް ކިޔާ ނަންނަމުގެ އިތުރުން މިހާރަކަށް އައިސް މީހުންނަށް ކިޔާ ނަން ވެސް ބަދަލުވަމުން އަންނަތަން ފެނެއެވެ. އެކި ސަގާފަތްތަކުގައި މީހުންނަށް ނަންކިޔައި އުޅެނީ އެކި ގޮތަށެވެ. މިހައިތަނަށް އެދެވޭ ގޮތެއްގައި ދިރާސާ ކުރެވިފައި ނުވި ނަމވެސް ދިވެހި ސަގާފަތުގައި ވެސް ދިވެހިންނަށް ނަން ކިޔައި އުޅެނީ ވަކި ހަމައަކުންނެވެ. ދެ ނަން އެކުލެވޭ ނަންނަމާއި ތިން ނަން އެކުލެވޭ ނަންނަން ކިޔާ މީހުންނަށް ނިސްބަތްކުރެވޭ ވަކި ބައްޓަން ތަކެއް ފެންނާން އެބަހުއްޓެވެ.
އަޅުގަނޑަށް އެންމެ ބޮޑަށް ފަހަގަކުރެވޭ ދެ ނަމެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ޚަބަރު ސުރުޚީތަކުން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަކީ ދެ މީހެއް ބާ އޭ ސުވާލު އުފެދޭ ފަހަރުވެސް އާދެއެވެ. ބައެއް މީޑިއާއަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އަކީ 'ރައީސް ޞޯލިޙް' އެވެ. އަނެއްބައި މީޑިއާއަށް އެ މަނިކުފާނަކީ 'ރައީސް އިބްރާހީމް' އެވެ. ދެވަނަ ނަން އަޅުގަނޑަށް ފާހަގަކުރެވުނީ ވެސް އޮންލައިން ނޫހެއްގެ ސުރުޚީ އަކުންނެވެ. ތިރީގައި މި ހިއްސާކޮށްލަނީ 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހު އެ ނޫހުގައި ލިޔެފއިވާ ސުރުޚީގެ ސްކްރީންޝޮޓެކެވެ.
"ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ގޮތުން މިނިސްޓަރ ހަސަން ޔުނިސެފްގެ ބޭފުޅަކާ ބައްދަލުކުރައްވައިފި" ކަމަށް ލިޔެފައި އޮތް ސުރުޚީ ފެނުމުން އެއީ ކޮން ވަޒީރެއް ކަމެއް ސާފެއް ނުވިއެވެ. ޚަބަރު ހުޅުވައިލުމުން އެނގުނީ އެއީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ގެ ވާހަކަ ކަމެވެ. އަޅުގަނޑަށް ބައިވެރިވިވެވުނު ބައެއް ބައްދަލުވުންތަކުގައި ބޭރުގެ ފަރާތްތަކުން ވެސް އެ ބޭފުޅާއަށް ނިސްބަތް ކުރެއްވީ ޑރ. އިބްރާހީމް ގެ ނަމުންނެވެ. އެ ބޭފުޅާގެ ގާތް ބޭފުޅުންނަށް އެއީ 'އިބްރޭ' އެވެ. ނުވަތަ 'ޗަބީ' އެވެ. ހަސަން އަކީ މުޅިން އާ ނަމެކެވެ.
މީގެ ކުރިން ރައީސުންނަށް ނަން ކިޔާފައި ހުރި އުސޫލުން މިހާރުގެ ރައީސަށް ނަން ނުކިޔެންވީ ސަބަބެއް ވެސް ނުވިސްނެއެވެ. 'ރައީސް މައުމޫން'، 'ރައީސް ނަޝީދު'، 'ރައީސް ވަޙީދް'، 'ރައީސް ޔާމީން' އަކީ މީގެ ކުރިން ރައީސްކަން ކުރެއްވި ބައެއް ރައީސުންނެވެ. މިހާރުގެ ރައީސަކީ 'ރައީސް އިބްރާހީމް' އަދި 'ރައީސް ޞޯލިޙް' އެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގައި ނަންކިޔާ އުސޫލަށް ބަލާއިރު ރައީސަށް ރައީސް ޞޯލިޙް ކީދާނެއެވެ. އެހެންނަމަވެސް ދިވެހިން އިނގިރޭސިން ލިޔާ ލިޔުންތަކުގައި ވެސް ރައީސްގެ ނަން ބޭނުންކުރަންވާނީ ދިވެހި ސަގާފަތުގައި ނަން ކިޔާފައި އޮންނަ އުސޫލުންނެވެ. .
މިހާރު މިއޮތް ގޮތުން ބައެއް ރަސްމިއްޔާތު ތަކުގައި ރައީސް ޞޯލިޙް ބައިވެރިވެ ވަޑައިގަންނަވާއިރު އަނެއްބައި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް އިބްރާހީމް އެވެ. ސަގާފަތަކީ ބަދަލުވާ އެއްޗެކެވެ. އެހެން ނަމަވެސް ދަނޑިމާރު އަޅައިގެން ގެންނަ މިކަހަލަ ބަދަލުތަކަކީ އެދެވޭ ބަދަލެއްގެ ގޮތުގައި ބަލައިގަންނާކަށް އެހައި ފަސޭހައެއް ނޫނެވެ. މިކަހަލަ މައްސަލައެއްގައި ރައީސްގެ ނަންފުޅަކީ ތިން ނަމުގެ މައްޗަށް އެކުލެވޭ ނަމަކަށް ވުމުން ކޮންމެ ފަހަރަކު ލިޔުމުގައި ތިން ނަން ބޭނުންކުރުމަކީ ޖާގައިގެ ގޮތުން ޚަރަދު ބޮޑު ކަމެކެވެ. އެއް ނަމަކުން ރައީސަށް ނިސްބަތް ކުރާނަމަ ނިސްބަތް ކުރާނީ ކޮން ނަމަކުން ކަން އެނގެން އޮންނަންވާނެއެވެ. އެކި ނަންނަމުން ނިސްބަތްކުރެވޭ ނަމަ ރައިސް އޮފީހުން ވިޔަސް މީޑިއާއިން އެޑްރެސްކުރާ ގޮތް އެއްހަމަ ކުރުވަންވާނެއެވެ.
ތަންތަނާއި މީހުންނަށް ނަން ކިޔުމުގައި ދިވެހި ހަމަ ހިފެހެއްޓުމަށް ޚާއްޞަ އަހައްމިއްޔަތެއް ދޭންވާނެއެވެ. އެއީ އަންނަ ކޮންމެ ސަރުކާރަކާއެކު ބަދަލުކުރެވޭ އެއްޗަކަށް ވެގެންނުވާނެއެވެ. އެހެނީ ނަންނަމަކީ ބައެއްގެ ސަގާފަތާއި ތާރީޚާއި މަވަންތަކަމުގެ އަސްލު ކަމަށް ވާތީއެވެ.