އިންޑިއާގެ މިނިވަންދުވަސް، ކަޝްމީރަށް އަޅުވެތިކަމުގެ ފުން ހިތާމަ

އިންޑިއާގެ ސިފައިން ކަޝްމީރުގައި ފޯރިމަރަމުންދަނީ

އިންޑިއާގެ 73 ވަނަ މިނިވަންދުވަސް ގައުމުގެ އެކި ސްޓޭޓުތަކާއި ސިޓީތަކާއި އަވަށްއަވަށުގައި ބުރާސްފަތި ދުވަހު ކުލަގަދަކޮށް ފާހަގަކުރަމުން ދިޔައިރު އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓުކަމަށްވާ ކަޝްމީރަށް ވެރިވެފައި އޮތީ އަޅުވެތިކަމާއި ކާފިއުގެ ބިރުވެރިކަމާއި ފުންހިތާމައެވެ. ކެއުން ބުއިމަށް ބޭނުންވާ ތަކެތި ގަންނަން ގެއިން ބޭރަށް ދިއުން މަނަލެވެ. ފޯނުގެ ޚިދުމަތާއި އިންޓަރނެޓުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. ދަތުރުފަތުރުކުރުމަކީ މަނާކަމެކެވެ. ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. ފަތުރުވެރިކަން ކުރުމުގެ މަގު ބަންދެވެ. މުސްލިމް ލީޑަރުންތައް ތިބީ ގޭބަންދުކޮށްފައެވެ. ރައްޔިތުން ތިބީ އަޅުވެތިކޮށް ބަނޑަށްޖައްސާފައެވެ. އިންޑިއާގެ މިނިވަންދުވަހު ކަޝްމީރުގެ މުސްލިމު ރައްޔިތުންގެ ލޮލުން ފައިބަމުން ދިޔައީ ލޭކަރުނައެވެ. އަޅެ! ފަހެ! އެއީ ކޮންފަދަ މިނިވަންދުވަހެއް ހެއްޔެވެ؟

70 އަހަރުން ނުވި ކަންތައް 70 ދުވަހުން 

މިނިވަންދުވަހު ބޮޑުވަޒީރު ނަރެންދުރަ ވެރިރަށް ދިއްލީގެ ރެޑްފޯޓުގައި  ދެއްވި ދިގު ތަޤުރީރުގައި ވަރަށް ފަޚުރުވެރިކަމާއެކު ވިދާޅުވީ، އިންޑިއާގެ އެހެނިހެން ސަރުކާރުތަކަށް، 70 އަހަރުގެތެރޭގައި ނުކުރެވުނުކަމެއް، އޭނާގެ ސަރުކާރުން 70 ދުވަހުގެތެރޭގައި ކުރައްވާފައިވާކަމަށެވެ. އެއީ އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާއިން ކަޝްމީރަށް ދީފައިވާ "ޚާއްޞަ އިމްތިޔާޒުތައް" ނިއުޅައިގަތުމެވެ.

މޯދީ ވިދާޅުވިގޮތުގައި ދެވަނަ ދައުރަކަށް އޭނާ އިންތިޚާބުވެވަޑައިގެންނެވިތާ މިވީ ހަތް ހަފުތާގެ ތެރޭގައި އޭނާގެ ސަރުކާރުން ވަނީ އާދަޔާ ޚިލާފު ކަންތައްތަކެއް ހާސިލުކުރައްވާފައެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ކަޝްމީރު ބީޖޭޕީ ސަރުކާރުގެ މުށުތެރެއަށް ލެއްވުމެވެ.

މޯދީ މިނިވަންދުވަހު ދިއްލީގެ ރެޑް ފޯޓުގައި ތަޤުރީރުކުރައްވަނީ

އިންޑިއާގެ ޤާނޫނުއަސާސީން ކަޝްމީރަށް ލިބިދިން ޚާއްޞަ އިމްތިޔާޒުތައް ރިޔާސީ ޤަރާރަކުން ނިގުޅައިގަތް ވާހަކަ ފަޚުރުވެރިކަމާއެކު މޯދީ ދައްކަވަމުންދާއިރު، ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައި ހައްދަވާނޭކަމަށް ވިދާޅުވި، ސްމާޓު ސިޓީތަކާއި ފާޚާނާތަކާއި ފުލެޓުތަކާއި ގަންގާ ކޯރު ސާފުކުރުން ފަދަ މަޝްރޫޢުތައް ދިޔައީ ޗޮކުންނެވެ. ސާފު ބޯފެން ނުލިބި، ކަރަންޓުގެ އަލިކަން ނުލިބި، އެތައްސަތޭކަ މިލިއަން ބަޔަކު ގައުމުގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވެ.  

މޯދީ ސަރުކާރުގެ ހަރުކަށި ހޯމް މިނިސްޓަރ އަމިތު ޝާހު ވިދާޅުވި ގޮތުގައި އިންޑިއާގެ ޤާނޫނުއަސާސީން ކަޝްމީރަށް ދީފައިވާ ޚާއްޞަ ދަރަޖަ އުވާލައި، ގައުމުގެ މައި ސަރުކާރުން ކަޝްމީރުގެ ކަންތައްތައް ބަލަހައްޓާ ގޮތަށް ނިންމީ، ކަޝްމީރުގައި ހިންގަމުންގެންދާ ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމުގެ ބޭނުމުގައެވެ. ގައުމުގައި އޮތް ހަމައެކަނި މުސްލިމް ސްޓޭޓު ހަފުސްކޮށްލުމަކީ ނިރުބަވެރިކަން ނައްތަވާލެވުން ހެއްޔެވެ؟

އެއީ ގާނޫނުއަސާސީއާ ޚީލާފު ޢަމަލެއް: ޕްރިޔަންކާ

އިންޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލް ޕްރިޔަންކާ ގާނދީ ވިދާޅުވިގޮތުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ޤާނޫނުއަސާސީގެ 370 ވަނަ މާއްދާގެ ބާރު ކަނޑުވާލީ ޤާނޫނުއަސާސީއާ ޚިލާފަށެވެ.

"އެއީ ޣައިރު ޤާނޫނީ ޢަމަލެއް." ޕްރިޔަންކާ ތަކުރާރުކޮށް ވިދާޅުވިއެވެ. "ބީޖޭޕީގެ ސަރުކާރުން 370 ވަނަ މާއްދާ އުވާލުމަކީ ޤާނޫނު އަސާސީއާ އަދި ޖުމްހޫރިއްޔަތާ ޚިލާފު ޢަމަލެއް."

ޕްރިޔަންކާ: ބީޖޭބީގެ ސިޔާސަތަށް ފާޑުވިދާޅުވި

ޕްރިންޔަންކާ ވިދާޅުވިގޮތުގައި ކޮންގްރެސް ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޤާނޫންއަސާސީ ދިފާޢުކުރުމަށެވެ.

"މިހާރު ވެސް މިދަނީ އެ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާތީ ކަންބޮޑުވޭ: އެމްނެސްޓީ

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ،  އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ކަޝްމީރުގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާތީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަޝްމީރުގެ މައްޗަށް ހިންގާފައިވާ ކާފިއު އުވާލައި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ދިނުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާ އޮފީހުގެ ވެރިޔާ އިކާރު ޕަޓޭލް ވިދާޅުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަޝްމީރު ރައްޔިތުންގެ އަޑު އައްސަވަންޖެހޭނޭކަމަށެވެ. އަދި ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

"ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންނަށް ގާތްތިމާގެ މީހުންނާއި ވާހަކަދެއްކޭކަށް ނެތް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއްނެތް." ޕާޓޭލް ވިދާޅުވިއެވެ. "ކަޝްމީރުގެ މުއާސަލާތީ ނިޒާމު ބަންދުކޮށްގެން އުޅުމަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް."

ކަޝްމީރުގައި ކާފިއު ހިންގި ފަހުންނާއި އޭގެ ކުރިން ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ވެސް އެނެސްޓީން ވަނީ ގޮވާލާފައެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މުޒާހަރާ

ކަޝްމީރާމެދު ބޮޑުވަޒީރު މޯދީގެ ސަރުކާރުން ގެންގުޅޭ ގޮށްމުށުގެ ސިޔާސަތާއި އަނިޔާވެރިކަމާ ދެކޮޅަށް އިންޑިއާގެ އެކި ސަރަހައްދުތަކާއި ޕާކިސްތާނާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ.

ޖަޕާނާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ކަޝްމީރަށް ހެއުއެދިގެން މުޒާހަރާކޮށްފައިވެއެވެ. އެންމެންވެސް އަޑުއުފުލަމުންދިޔައީ ކަޝްމީރުގެ ރައްޔިތުންނަށް އިންޑިއާއިން ކުރަމުންދާ އަނިޔާ ހުއްޓާލުމަށެވެ. ކަޝްމީރުގެ ރައްޔިތުންނަށް މިނިވަންކަންދިނުމަށެވެ. އ.ދ ގަރާރުތަކާ އެއްގޮތަށް ކަޝްމީރާމެދު ކަންތައް ކުރުމަށެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި އިންޑިއާއާ ދެކޮޅަށް މުޒާހަރާ ކުރަނީ

އިންޑިއާގެ މިނިވަންދުވަސް ޕާކިސްތާނުން ފާހަގަކުރީ ކަޅުދުވަހެއްގެ ގޮތުގައި

އިންޑިއާގެ މިނިވަންދުވަސް ޕާކިސްތާނުން ފާހަގަކުރީ ހިތާމަވެރި ކަޅު ދުވަހެއްގެ ގޮތުގައެވެ.

ޕާކިސްތާނުގެ ބަޔަކު އިސްނަގައިގެން ހިންގި ކަޅުދުވަހުގެ ޕްރޮގްރާމް 30 ގަޑިއިރަށްވުރެ ގިނައިރަށް ދިގުދެމިގެންދިޔައެވެ. އެ ޕްރޮގްރާމުގައި  ކަޝްމީރުގެ ރައްޔިތުންނަށް ހެއު އެދިގެން މިލިއަނަކަށްވުރެ ގިނަ ޓްވީޓް ކޮށްފައި ވެއެވެ. ޓްވީޓުކުރި މީހުންގެތެރޭގައި ތަފާތު ދީންތަކާއި މަޒުހަބުތަކާއި ގައުމުތަކުގެ މީހުން ހިމެނެއެވެ. އެ އެންމެން ވެސް ކަޝްމީރުގެ ހިމާޔަތުގައި، ކަޝްމީރުގެ ރައްޔިތުންގެ ހިމާޔަތުގައި ޝުޢޫރު ފާޅުކޮށް، އިންޑިއާއަށް ފާޑުކިޔާފައިވެއެވެ.

މުސްލިމުންގެ ދީނީ ވާޖިބުތަކަށް ހުރަސް

ފާއިތުވި ޢީދު ދުވަހު ކަޝްމީރުގެ ރައްޔިތުންނަށް ޢީދު ނަމާދަކަށް ނުދެވުނެވެ. ފާއިތުވި ހުކުރު ދުވަހު ހުކުރު ނަމާދަކަށް ނުދެވުނެވެ. ސަބަބަކީ ...؟ ކަޝްމީރުގައި ހިންގާފައިވާ ކާފިއުއެވެ.

 ކަޝްމީރުގެ މައްސަލައާ ގުޅޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމުންގެ ދީނީ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅުމަކީ މުސްލިމުން ނިކަމެތިކުރުން ކަމަށެވެ. އަދި ކަޝްމީރުގެ މުސްލިމުންގެ ދީނީ ހައްގުތަކަށް އިޙުތިރާމް ކުރުމަށް އޯއައިސީން ވަނީ ގޮވާލާފައެވެ.

އޯއައިސީން ނެރުނު ބަޔާނެއްގައި ކަޝްމީރުގެ މުސްލިމުންގެ ދީނީ ވާޖިބުތައް އަދާކުރުމަށް ކަޝްމީރުގައި ތިބި އިންޑިއާގެ ސިފައިން ހިންގަމުން ގެންދާ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ އަމަލު ކުށްވެރިކޮށްފައިވެއެވެ. އަދި އ.ދ އާއި ބައިނަލްއަޤްވާމީ އެހެނިހެން އިދާރާތަކުން ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުއެޅުމަށް ވެސް ގޮވާލާފައިވެއެވެ.

ކަޝްމީރުން މިހާރު ފެންނަނީ ކޮޅުމަތި: ޢިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވި ގޮތުގައި ކަޝްމީރުގެ މައްސަލަ ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ބައިނަލްއަޤްވާމީ ދާއިރާތަކުން ނާޅައި ކުޅިބަލަން ތިބޭނަމަ ބޮސްނިއާ އާއި ގުޖުރާތުގައި މުސްލިމުން ނައްތާލަން ހިންގި ފަދަ ޖަރީމާތައް ކަޝްމީރުން ވެސް ފެނިގެންދާނެއެވެ. އަދި ކަޝްމީރުން މިހާރު ފެންނަމުން ދަނީ އޭގެ ކޮޅުމަތިކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.

ކަޝްމީރުގެ މައްސަލަ ހައްލު ކުރެވޭނީ އ.ދ ގެ ގަރާރުތަކާ އެއްގޮތަށް

ކަޝްމީރުގެ މައްސަލައަކީ ވަކި ގޮތަކަށް ނިންމަން ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މައްސަލައެއްކަމަށާއި ކަޝްމީރުގެ މައްސަލަ ހައްލުކުރެވޭނީ އ.ދ ގެ ގަރާރުތަކާ އެއްގޮތަށްކަމަށް ޗައިނާއިން އ.ދ އަށް ކަނޑައަޅާފައިވާ މަންދޫބު ޒިޔަންގް ޖޫން ހުކުރުދުވަހު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަޝްމީރަށް ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތައް އިންޑިއާއިން ނިގުޅައިގަތުމުން ސަރަހައްދުގައި ވަނީ ނުތަނަވަސްކަމާއި ހަމަނުޖެހުން އުފެދިފައެވެ. އަދި އެކަމުގެ ސަބަބުން ޗައިނާއަށް ބޮޑު ޗެލެންޖެއް ކުރިމަތިވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން އ.ދ އަށް ކަނޑައަޅާފައިވާ ސަފީރު ވާހަކަފުޅުދައްކަވަނީ

ޕާކިސްތާނުން އ.ދ އަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. މަލީޙާ ލޯދީ ވިދާޅުވީ ސަލާމަތީ ކައުންސިލްގެ ޖަލްސާގެ ސަބަބުން ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއް ނޫންކަން ސާބިތުވެގެން ހިނގައްޖެކަމަށެވެ.

"މިއީ ކަޝްމީރުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބެއް. މިއީ ޕާކިސްތާނަށް ލިބުނު ކާމިޔާބެއް." ޕާކިސްތާނުގެ ޚާރިޖީ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

ކަޝްމީރުގެ މައްސަލައާ ގުޅޭ ގޮތުން ހުކުރުދުވަހު އ.ދ ގެ ސަލާމަތީ ކައުންސިލްގެ ޖަލްސާއެއް ބޭއްވީ ޕާކިސްތާނާއި ޗައިނާގެ އެދުމުގެ މަތީންނެވެ. މިއީ ކަޝްމީރުގެ މައްސަލައާ ބެހޭގޮތުން 50 އަހަރުގެތެރޭގައި ބޭއްވި ފުރަތަމަ ޖަލަސާއެވެ.

ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަޝްމީރުގެ މުސްތަގުބަލު ކަނޑައެޅުމަށް އ.ދ އިން ފާސްކޮށްފައިވާ ގަރާރު، އިޒުރޭލާ ދެކޮޅަށް އ.ދ އިން ފާސްކުރާ ގަރާރުތައް ފަދައިން ތަންފީޒު ނުކުރެވި ހިރަފުހަށް ވަނީ ވެފައެވެ.

ކަޝްމީރުގެ މަގުތަކުގައި އިންޑިއާ ސިފައިންގެ ރަސްކަން

އިންޑިއާގެ މިނިވަންދުވަހު ކަޝްމީރުގެ މަގުތަކުގައި ރަސްކަން ކުރަމުން ދިޔައީ، ހަތިޔާރުއެޅި އިންޑިއާގެ ސިފައިންނެވެ. ކަޝްމީރާއި ކަޝްމީރުގެ ވާދީތަކަށް ވެރިވެފައި އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. ނިކަމެތި ރައްޔިތުންނަށް ކާނެއެއްޗެއް ބޯނެއެއްޗެއް ލާނެއެއްޗެއް، ބޭހެއް، ބޭސްފަރުވާއެއް ލިބޭނެ ގޮތެއް ނެތެވެ. މިއީ މިނިވަން އިންޑިއާގެ މިނިވަންރައްޔިތުންނަށް ކުރިމަތިވި، ކޮންފަދަ އަޅުވެތިކަމެއް، ކޮންފަދަ މުސީބާތެއް ހެއްޔެވެ؟

ކަޝްމީރުގެ ރައްޔިތުން ދުވާލު އިންތިޒާރުކުރަމުން ދަނީ މިނިވަން ރޭގަނޑަކަށެވެ. ރޭގަނޑު އިންތިޒާރު ކުރަމުން ދަނީ މިނިވަން ދުވަހަކަށެވެ.

"ގަނޑިއާ! އިންޑިއާއަށް މިފަހަރު މިއައީ ކޮންފަދަ މިނިވަންދުވަހެއް ހެއްޔެވެ؟"

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! ކަޝްމީރުގެ މުސްލިމް ރައްޔިތުންނަށް ކެތްތެރިކަން ދެއްވައި، މިނިވަންކަން މިންވަރުކޮށްދެއްވާދޭނވެ! 

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.