ނަފްސާނީ ބަލިތަކުގައި އުޅެމުން އަންނަ ފަރާތްތަކާއި އަޅާލާނެ މީހަކު ނެތް ފަރާތްތަކަށްވެސް އަންނަ އަހަރުން ފެށިގެން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަޑައިގެން އެންސްޕާގެ ސީއީއޯ އިސްމާއީލް އައްޒާމް ވިދާޅުވީ ނަފްސާނީ ބަލިތަކުގައި އުޅެމުން އަންނަ ފަރާތްތަކާއި އަޅާލާނެ މީހަކު ނެތް ފަރާތްތަކަށް އެންސްޕާއިން މާލީ އެހީ ދިނުމަށް ނިންމީ އިޖްތިމާއީ ޤާނޫނުގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު އެފަރާތްތަކަށް މާލީ އެހީދޭނެ ގަވައިދެއްވެސް މިހާރު ތައްޔާރު ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް އެ އެހީ ދޫކުރާނެ އުސޫލުތަކާއި އަދަދު އެންސްޕާއިން އަދި ހާމަ ނުކުރެއެވެ.
އިޖުތިމާއީ ޤާނޫނުގެ ދަށުން 11 ދާއިރާއަކުން މާލީ އެހީތެރިކަން ދިނުމަށް ލާޒިމް ކޮށްފައި އޮތަސް މިހާތަނަށް އެހީ ދެމުން އައީ އޭގެތެރެއިން ވަރަށް މަދު ދާއިރާ ތަކަކަށް ކަމަށްވެސް އައްޒާމް ވިދާޅުވިއެވެ. އިޖުތިމާއީ ޤާނޫނުގެ ދަށުން މިހާތަނަށް މާލީ އެހީ އެންސްޕާއިން ފޯރުކޮށް ދެމުން އައި ދާއިރާތަކުގެ ތެރޭގައި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، މައިންބަފައިންގެ އެހީތެރިކަން ނެތި އެހެން މީހުން ބަލަހައްޓާ ކުދިންނާއި އަދި އެކުދިން ބަލަހައްޓާ މީހުންނަށް، ފަގީރުން ކާބޯތަކެތި ގަތުމަށް އަދި ބޭސްފަރުވާ ކުރުމަށެވެ.
ނަފުސާނީ ބަލި މީހުންނާއި އަޅާލާނެ މީހަކު ނެތް މީހުންގެ ބަޔަކީ މުޅިން އަލަށް މާލީއެހީދޭން ފަށާ ދެ ދާއިރާއެވެ. ނުފްސާނީ ބައްޔަކީވެސް ރާއްޖޭގައި ވަރަށްގިނަ މީހުން ތަޙައްމަލު ކުރަމުންދާ ނުރައްކާތެރި ބައްޔެކެވެ.
އެންސްޕާއިން ބުނީ މިހާރު އެފަރާތުން މާލީ އެހީދެމުން އަންނަ ދާއިރާތަކަށް އެ އެހީ ދިނުމުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އޭގެތެރޭގައި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޫކުރަމުން އަންނަ މާލީ އެހީ ދިނުމުގައި އަލަށް އެކުލަވާލާ ގަވައިދުގައި އެފަދަ ފަރާތްތަކާއި އެފަދަ ފަރާތްތަކުގެ އާއިލާގެ މާލީ ތަނަވަސްކަން ހުރި ވަރަށްވެސް ބެލުމަށް ވަނީ ނިންމާފައެވެ.
އެންސްޕާއިން ބުނީ އެފަރާތުންދޭ ޚިދުމަތް މިހާރަށްވުރެ ފަސޭހައިން އާންމުންނަށް ލިބޭނެގޮތްވެސް ކުރިޔަށް އޮތްތަނުގައި ހަދާނެ ކަމަށެވެ. އެގޮތުން އެންސްޕާގެ ޚިދުމަތަށް އެދުމަށް ކޮންމެހެން މާލެ ނައިސް އެ ރަށެއްގެ ސިއްޙީ މަރުކަޒު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ނަމަވެސް އެންސްޕާގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.