މިއަހަރު ފަށައިގަނެގެން އައިރު ރާއްޖޭގައި ބޭރަށް ހިންގައިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަތިވެގެން ދިޔުމަށް ފަހު އެ ބަލީގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ޖެހިގެން އައި މަސްތަކުގައި ދިޔައީ ދަށެވެ. ނަމަވެސް ހުސްވި ޖުލައި މަހުން ފެށިގެން އަނެއްކާވެސް ބޭރަށް ހިންގުން އިތުރު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޖުލައި މަހުން ފެށިގެން ބޭރަށް ހިންގައި ހޮޑުލައިގެން ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒު ތަކުން ފަރުވާ ހޯދި މީހުންގެ އަދަދު މަދުމަދުން މަތިވަމުން ދިޔުމަކީ ސާފުތާހިރު ކަމަށް ވަރަށް ބޮޑު ސަމާލުކަމެއް މިވަގުތު ޚާއްސަކޮށް ދޭންޖެހޭނެ ކަމެކެވެ. ކެއުމުގެ ކުރިން ސައިބޯނި ލައިގެން އަތްދޮވުމާއި އެނޫންވެސް ސިއްޙީ ކަންކަމާއި ގުޅުންހުރި ކަންކަމަށް ސަމާލުކަންދިނުން ބޮޑުކުރަން ޖެހެއެވެ. ބޭރަށް ހިންގައި ހޮޑުލުމަކީ ފަސެހައިން ފެތިރިގެންދާ ބައްޔަކަށް ވެފައި މި ބައްޔަކީވެސް ނުރައްކާތެރިކަން ކުޑަ ބައްޔެއް ނޫން ކަމަށްވުމުންނެވެ. ވީމާ ކާބޯތަކެތިވެސް ރަނގަޅަށް ދޮވެގެން ކައުންފަދަ ކަންކަމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. އަދި ބޮޑުކަމު ދިޔުމަށް ފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ އެންމެ އާދައިގެ ކަމެއްގައި ފަރުވާ ކުޑަކޮށްލުމަކީވެސް ބޭރަށް ހިންގުން ޖެހުމަށް ހުޅުވިގެންދާނެ ދޮރަކަށް ވެދާނެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިއަހަރު ފަށައިގަތް މަހު ބޭރަށް ހިންގައިގެން 5500 މީހަކު ވަނީ ފަރުވާ ހޯދާފައެވެ. ނަމަވެސް ޖެހިގެން އައި މަސްތަކުގައި އެއަދަދު ދަށަށް ދިޔުމަކީ ބޭރަށް ހިންގުން ކޮންޓްރޯލް ވަމުންއައިކަން ދޭހަވާ ކަމެކެވެ. މި އަދަދު ތަކަކީ ހަމައެކަނި ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގައި ރިޕޯޓު ކޮށްފައި ހުރި އަދަދު ތަކެއް ކަމަށްވާއިރު ރިޕޯޓު ނުކޮށްވެސް ގިނަ އަދަދެއް ހުރުމަކީ ވެދާނެ ކަމެކެވެ.
ޖުލައި މަހުން ފެށިގެން ބޭރަށް ހިންގާ މީހުންގެ އަދަދު މައްޗަށް ޖެހިލި ނަމަވެސް އޭގެކުރީ މަހު އެއަދަދު ހުރީ ވަރަށް ދަށުގައެވެ. އެގޮތުން ޖޫން މަސް ވެފައިވަނީ ބޭރަށް ހިންގައި، ހޮޑުލައިގެން ޑޮކްޓަރަށް ދައްކައި ފަރުވާ ކުރި މީހުން މިއަހަރު އެންމެ މަދު މަސް ކަމަށެވެ. ޖޫން މަހު ފަރުވާ ހޯދި މީހުންގެ އަދަދު އުޅެނީ 1711 ގައެވެ. ޖޫން މަހު ބޭރަށް ހިންގުން ވަރަށް ބޮޑަށް ކޮންޓްރޯލްގައި ހުރުމަށް ފަހު ޖުލައި މަހު އެއަދަދު ވަނީ 3808 އަށް މައްޗަށް އަރައިގެން ގޮސްފައެވެ.
ބޭރަށް ހިންގުން ކޮންޓްރޯލް ކުރެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ ނަގައިގެން މަސައްކަތް ކުރާ ހިސާބުންނެވެ. އެގޮތުން އެމީހެއްގެ އަމިއްލަ ނަފުސާހަމައިންވެސް ސާފުތާހިރު ކަމަށް ސަމާލުކަންނުދީ ފަރުވާ ކުޑަކޮށްލައިފިނަމަ އެއީ ބޭރަށް ހިންގުން އިތުރުވުމަށް އޮތް މަގުތައް ހުޅުވޭނެ ސަބަބު ތަކެކެވެ.
ވީމާ ބޭރަށްހިންގައި ހޮޑުލުންފަދަ ކަމެއް ދިމާވުމުން ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ކުރިޔަށް ދިޔުމަށް ސަމާލުކަން ދެއްވާށެވެ. ފަސޭހަކަމާއެކު ފެތުރިގެންދާ މި ބައްޔަކީ އެހާ އާދައިގެ ބައްޔެއް ކަމަށް ނުވިސްނާށެވެ. ބަލި ޖެހުމުން ފާޚާނާއިން އަރައިނުގަނެވި، ކާ ހުރިހާ އެއްޗެއް ހޮޑަށްގޮސް މީހާގެ ގައިގައި ގުޑިލާނެހާވަރު ވުމުގެ ކުރިން ބަލި ޖެހުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންކަމާމެދު ފަރުވާ ކުޑަކޮށް ނުލާށެވެ.