ފަޤީރުކަމަކީ ހަލާކު ކުރަނިވި ބޮޑު އާފަތެއް

އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކާ މިއަދު ކުރިމަތި ވެފައިވާ ބޮޑެތި މަސްއަލަތަކުގެ ތެރޭގައި ފަޤީރުކަމާއި ތަދުމަޑުކަން ހިމެނެއެވެ. މިކަމުގެ ސަބަބުން އެޤައުމުތަކުގެ އަމްނާއި ސިޔާދަތު ނުރައްކަލަށް ހުށަހެޅެމުންދާ ތަން ވެސް ފެނެއެވެ. މި ޤައުމުތަކުގެ ފަޤީރުކަމުގެ ސަބަބުތަކަށް ބަލާއިރު ޤުދްރަތީ މުއްސަނދިކަން ކުޑަކަމާއި މި މުއްސަދިކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުކުރުމާއި ޤުދްރަތީ ބަދު ނަޞީބުތައް ހިމެނެއެވެ.
މި ފަޤީރުކަމާއި ތަދުމަޑުކަމުގެ އަސަރު މި ޤައުމުތަކުގެ ފަރްދުންނަށާއި މުޖްތަމަޢަށް ފޯރާފައިވާ ތަން ފެނެއެވެ. މިކަމުގެ ސަބަބުން މި ޤައުމަތަކަށް އެހެން ޤައުމުތަކުގެ އެހީއަށާއި މަދަދަށް ބޭނުންވެފައިވާ ތަންވެސް ފެނެއެވެ. ބައެއް މުއްސަނދި ޤައުމުތަކުން މިކަމުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ތަން ދަނީ ފެންނަމުންނެވެ. ޙަޔާތުގެ މައިދާނުގައި ފަޤީރު ޤައުމުތައް ހަވާސާއިން ބޭރަށްލުމާއި އެޤައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމާއި ތަފާތު ގޮތްގޮތަށް ފިއްތުންތައްފިއްތަމުން ދާ ތަން ވެސް ފެނެއެވެ.

ފަޤީރުކަމާއި ޢަޤީދާ
ފަޤީރު ކަމަކީ އެކަމުގެ އަސަރު ވަރަށްބޮޑަށް ޢަޤީދާއަށް ފޯރާ ކަމެކެވެ. ހިސާބަށްވުރެ އަތްމަތި ދަތި މީހުންގެ މައްޗަށް މުއްސަނދިން ނުފޫޒު ފޯރުވާފޯރުވުމުގެ ތެރޭގައި އޭނާގެ ޢަޤީދާއާ ކުޅެން އުޅޭ ތަންވެސް ފެނެއެވެ. މުއްސަނިދ މީހާ އަރާމުގައި އިށީނދެލައިގެން އިންނަތަން ވަރުބަލިވާ ވަރަށް މަސައްކަތް ކޮށް ދައު އޮހޮރުވާ ފަޤީރު މީހާއަށް ފެނުމުން އޭނާގެ ހިތަށް ޝައްކުތައް ވަންނަ ގޮތްވެއެވެ. މިކަމުގައިވާ އިލާހީ ޙިކްމަތަކީ ކޮބައިކަން ނޭގުމުގެ ސަބަބުންނެވެ. މާތް ﷲ ރިޒްޤު ބެއްސެވުމުގައި އެކަލާނގެ ބައްލަވާ މިންގަނޑުތައް ނޭގޭތީއެވެ. ފަޤީރުމީހާގެ އީމާންކަމަކީ ހަރުދަނާ ކަމެއްކަމުގައި ނުވާނަމަ އޭނާގެ ހިތަށް ވަންނަމުންދާ ޝައްކުތަކުގެ ސަބަބުން އޭނާ ހަލާކަށް ހުށެއެޅިދާނެއެވެ. އޭނާގެ ޢަޤީދާގައި ރެނދުއަޅައި ހަލާކުވާން ފަށައިފާނެއެވެ. މާތް އިންސާނާއަށް މުއްސަނދިކަމާއި ހެޔޮކަން ދެއްވައިގެން އިމްތިޙާނު ކުރައްވާ ގޮތަށް ފަޤީރުކަމާއި ތަދުމަޑުކަމާއި ނުބައިގޮތް މެދުވެރި ކުރައްވައިގެން ވެސް އިންސާނުންގެ އަޖުމަ ބައްލަވައެވެ. މާތް ވަޙީ ކުރައްވަނީ " وَنَبلوكُم بِالشَّرِّ وَالخَيرِ فِتنَةً - އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. " މިހެންވެ ފަޤީރުކަމުގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި ވަޑައިގެން ރަސޫލުގެފާނު މާތް ﷲ އަށް ދުޢާ ދަންނަވައިފައި ވެއެވެ. އެކަލޭގެފާނު މި ދުޢާގައި ވިދާޅުވިއެވެ. " اللّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ، وَالْقِلَّةِ، وَالذِّلَّةِ - ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ފަޤީރުކަމުންނާއި ، އަތްމަތިދަތިކަމުންނާއި، ނިކަމެތިކަމުން މިއަޅާ ރައްކައުތެރި ކޮށްދެއްވުމަށް އިބަރަސްކަލާނގެ ހަޟްރަތުން އެދެމުއެވެ. " މި ދުޢާގައި ކީރިތި ރަސޫލާ މި ވަނީ ފަޤީރުކަމާއި ނިކަމިތިކަން ވިދިވިދިގެން ގެންނަވައިފައެވެ. މި ބަސްފުޅުން އެނގެނީ ފަޤީރުކަމަކީ ނިކަމެތި ކަމެއް ކަމެވެ. އެކަލޭގެފާނު މުއުމިނުންނަށް އަންގަވަނީ ކޮންމެ ނަމާދަކަށްފަހު މި އަންނަ ދުޢާ ކުރުމަށެވެ. " اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْكُفْرِ وَالْفَقْرِ وَعَذَابِ الْقَبْرِ - ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކާފިރު ކަމުންނާއި ފަޤީރުކަމުންނާއި ކަށްވަޅުގެ ޢަޒާބުން މި އަޅާ ރައްކައުތެރި ކޮށްދެއްވުމަށް އިބަރަސްކަލާނގެ ހަޟްރަތުން އެދެމުއެވެ." މި ބަސްފުޅުން އެނގެނީ ފަޤީރުކަމާ ކާފިރުކަން ގުޅިފައިވާ ކަމެވެ.

ފަޤީރުކަމާއި އަޚްލާޤު

ފަޤީރުކަމަކީ މަތިވެރި އަޚްލާޤު މަނާކުރާ ބައެއް ޢަމަލުތައް ކުރުމަށް ހިތްވަރު ދީފާނެ ކަމެކެވެ. ވައްކަން ކުރުމާއި ރިޝްވަތު ނެގުމާއި ، މަކަރާއި ޙީލަތް ހެދުމާއި ، މީހުން މެރުމާއި ، ޒިނޭކުރުން ފަދަ އިސްލާމްދީން ނަހީކުރާ ބޮޑެތި ޖަރީމާތައް ހިންގުމަށް ފަޤީރުކަން މަގުފަހި ކޮށްދެއެވެ. އެހެންކަމުން އިޖްތިމާޢީ ފަސާދަޔާއި އަޚްލާޤީ ފާސިދު ޢަމަލުތަކަށް މަގުފަހި ކޮށްދޭ ކަމެއް ކަމުގައި ފަޤީރުކަން ވެދާނެއެވެ.

ފަޤީރުކަމާއި ހެޔޮ ވިސްނުން
ފަޤީރުކަމަކީ އިންސާނާގެ ވިސްނުމަށް ނުބައި އަސަރުތަކެއް ފޯރުވާ ކަމެކެވެ. އަތްމަތި ދަތިމީހާއަށް އެހެން ކަމަކާމެދު ވިސްނާ ޚިޔާލުކުރާނެ ވަގުތެއް ނުލިބޭނެއެވެ. އޭނާ އަބަދުވެސް ޚިޔާލުކުރާނީ އޭނާއާއި އޭނާގެ ޢާއިލާގެ މަޢީޝަތާމެދުއެވެ. އެހެންކަމުން އޭނާއަށް ހުށައެޅޭ ކަމަކާމެދު ހަރުދަނާ ޙުކުމެއް އޭނާއަކަށް ނީއްވޭނެއެވެ.

ފަޤީރުކަމާއި ޢާއިލާ
ފަޤީރުކަމަކީ އެތައް ގޮތަކަށް ބަލާއިރުގައި ވެސް ޢާއިލާއަށް ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ކާވެންޏަށް ހުރަސްއަޅައިފާނެ ކަމެކެވެ. އެކަމުގެ ސަބަބުން އެތައް ޒުވާންނުންތަކަކަށް ޒަވާޖީ ޙަޔާތެއް ފަށައި ނުގަނެވިފައި އެބަ ތިއްބެވެ. މިހެންވެ އިސްލާމްދީން ޒުވާނުންނަށް ޢިއްފަތްތެރިވުމަށާއި ކެތްތެރިވުމަށް ގޮވައިލައެވެ. ކީރިތި ރަސޫލާ އެފަދަ ޒުވާނުންނަށް ރޯދަ ހިފުމަށް އަންގަވަނީ މިހެން ވެގެންނެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. " يَا مَعْشَرَ الشَّبَابِ ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ، فَإِنَّ الصَّوْمَ لَهُ وِجَاءٌ - އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނި ކުރުމަށް ކުޅަދާނަވެގެންވާ މީހާ ފަހެ ކާވެނި ކުރާށެވެ! ފަހެ ހަމަކަށަވަރުން އެއީ ލޮލުގެ ބެލުންތެރިކަމަށް ތިރިކަން ބޮޑު ، ޝަހްވަތްތެރިކަމަށް ޙިމަޔަތްތެރިކަންބޮޑު ކަމެކެވެ. ފަހެ އެކަމަށް ކުޅަދާނަވެގެންނުވާ މީހަ ފަހެ ރޯދަ ހިފާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ރޯދައަކީ ޝަހްވަތްތެރިކަން ކުޑަކޮށްދޭނެ ކަމެކެވެ. "

އަނެއްކޮޅުން ބަލާއިރު ކާވެނި ކުރަން އެދޭ ޒުވާނަކީ އަތްމަތިދަތި މީހެއް ކަމުގައިވާނަމަ އޭއެމީހުންގެ ދަރިން އޭނާއާ ދެވުމަށް ނުރުހޭ އެތައް ޢާއިލާތަކެއް ވާ ތަން ފެނެއެވެ. މިއީ ވަރަށް ޤަދީމީ ބައްޔެކެވެ. ކީރިތި ޤުރްއާނުގައި މިބައްޔަށް އިޝާރަތް ކުރައްވައިފައި ވެއެވެ. އިސްލާމްދީން މައިންބަފައިންނަށް މުއްސަނދިކަމާއި ތަނަވަސް ކަމުގެ މިންގަނޑަށް ހަމައެކަނި ނުބެލުމަށް އަންގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِن يَكونوا فُقَراءَ يُغنِهِمُ اللَّـهُ مِن فَضلِهِ ۗ وَاللَّـهُ وٰسِعٌ عَليمٌ -  އެއުރެންނީ، فقير ން ކަމުގައިވާނަމަ، އެކަލާނގެ فضل ވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. "

މީގެ އިތުރަށް ފަޤީރުކަމަކީ ކާވެނި ރޫޅުމަށްވެސް މެދުވެރިވާ ސަބަބެކެވެ. ފިރިމީހާގެ ނުތަނަވަސްކަން އަނބިމީހާއަށް ފެނުމުން އޭނާ ދޫކޮށްލައިފައި ގޮސް އޭނާއަށްވުރެ ތަނަވަސް މީހަކު ހޯދަން އުޅޭތަން ފެނެއެވެ.

ޢާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުމަށް ބަލާއިރު ފަޤީރުކަމަކީ މިގުޅުން ރަނގަޅުވުމަށް ހުރަސްއަޅާ ކަމެކެވެ. ޤަދީމީ ޒަމާނަށް ބަލާއިރު ޢަރަބިންގެ ތެރެއިން ބައެއް މީހުން ފަޤީރުކަމާ ހެދި އެމީހުންގެ ބައެއް ދަރިން ދިރިތިއްބާ ވަޅުލައި މަރާލައިފައި ވެއެވެ. މާތް ވަޙީ ކުރެއްވިއެވެ. " وَلا تَقتُلوا أَولـٰدَكُم خَشيَةَ إِملـٰقٍ ۖ نَحنُ نَرزُقُهُم وَإِيّاكُم - އަދި فقير ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، ތިޔަބައިމީހުންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. "

ފަޤީރުކަމާއި އަމްނާއި ހަމަޖެހުން
ފަޤީރުކަމަކީ މުޖްތަމަޢުގެ އަމްނަށާއި ހަމަޖެހުމަށާއި ޞުލްޙަ މަސަލަސްކަމަށް ނުރައްކާތެރި ކަމެކެވެ. ފަޤީރުކަމުގެ ސަބަބުން މުޖްތަމަޢުގެ އަފްރާދުންނަށް މަސައްކަތްނެތި ތިބެން ޖެހެއެވެ. ފަޤީރުކަމަކީ މުޖްތަމަޢުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާ ކަމާއި ލޯތްބާއި ކުލުނުގެ ގުޅުން ކަނޑައިލައިފާނެ ކަމެކެވެ. ޙަސަދަ ވެރިކަމާއި ނުނިޔަތްލުން އިތުރު ކުރުވައިފާނެ ކަމެކެވެ.

މީގެ އިތުރަށް ފަޤީރުކަމަކީ ޢާންމު ޞިއްޙަތަށްވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. ކެއުން ބުއިން ދެރަވުމާއި ގެދޮރުގެ ތަނަވަސްކަން ކުޑަކަމުގެ ސަބަބުން ދުޅަހެޔޮކަމަށް ވަރަށް ނުބައި އަސަރުތައް ކުރެއެވެ. އަދި ފަޤީރުކަމުގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ ނުބައި އަސަރުތައް ވެސް އެހައިމެ ގިނައެވެ.

ފަރުވާ ދިނުމުގެ ވަސީލަތްތައް
އިސްލާންދީނަކީ ފަޤީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ދީނެކެވެ. ޢަޤީދާއަށާއި އަޚްލާޤަށާއި ސުލޫކަށް މިކަމުގެ ސަބަބުން ކުރާ ނުބައި އަސަރުތަކުގެ ބޮޑުކަމުންނެވެ. ޢާއިލާ، ރައްކައުތެރި ކުރުމަށާއި މުޖްތަމަޢު ޙިޔާމަތް ކުރުމަށް ޓަކައެވެ. އިސްލާމްދީން ދެކޭގޮތުގައި އިސްލާމީ މުޖްތަމަޢުގައި ހައިހޫނު ކަމުގައި ނުވަތަ އުނުއޮރިޔާން ކަމުގައި ނުވަތަ ބޯހިޔާވަހި ކަމެއްނެތި ވިއްސިވިހާލި ވެގެން އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. މިހެންވެ ފަޤީރުކަމުގެ މަސްއަލައަށް ފަރުވާ ދިނުމަށްޓަކައި ވަރަށްގިނަ ވަސީލަތްތައް ތަނަވަސްކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިދަންނަވާ ވަސީލަތްތައް ހިމެނެއެވެ.

1- މަސައްކަތް: އިސްލާމްދީން ކޮންމެ މީހަކަށްވެސް ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަށް އަންގަވައެވެ. މާތް ﷲ ގެ ރިޒްޤުން އެމީހަކަށް މިންވަރު ކުރައްވައިފައިވާ މިންވަރު ލިބޭނީ މަސައްކަތް ކޮށްގެންނެވެ. މާތް ﷲ ވަޙި ކުރެއްވިއެވެ. " هُوَ الَّذى جَعَلَ لَكُمُ الأَرضَ ذَلولًا فَامشوا فى مَناكِبِها وَكُلوا مِن رِزقِهِ - އެ ކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އިސްލާމްދީން ދެކޭ ގޮތުގައި މާތްއަށް ވަކީލުކުރުމަކީ މަސައްކަތް ކުރުމެވެ. މަސައްކަތް ކުރުމާ ވަކީލުކުރުމާ އަރާރުމެއް ނުވެއެވެ. މިކަމުގައި އިސްލާމްދީނުގެ ޝިޢާރަކީ " اعْقِلْهَا وَتَوَكَّلْ - އެސޮރު ބަނދެފައި ދެން ވަކީލު ކުރާށެވެ." އަޅުކަން ކުރުމަށްޓަކައި ހުރިހާ ވަގުތެއް ހޭދަނުކުރުމަށް ރަސޫލުގެފާނު އެންގެވިއެވެ. އިސްލާމްދީނުގައި ރަހްބާނިއްޔަތެއް ނެތްކަން އަންގަވަމުންނެވެ. އަޅުކަން ކުރަން މިސްކިތުގައި ހުރިހާ ވަގުތެއްގައި އިންނަ މީހާއަށްވުރެ އެމީހާއަށް ކާންބޯން ދޭ މީހާގެ އަޅުވެރިކަން މާބޮޑުކަން ހާމަކޮށް ދެއްވިއެވެ. އާދަމުގެ ދަރިޔާގެ އަމިއްލަ އަތުން މަސައްކަތް ކޮށްގެން ކެއުން ބުއިމަށްވުރެ ރަނގަޅު ކެއުމެއް އަދި ބުއިމެއް ނުވާކަމަށް އެންގެވިއެވެ. މަސައްކަތުގެ އަގު ވައްޓާލައިފައި މަސައްކަތް ނުކޮށް ސަލާންޖަހަން އުޅުމަކީ އިސްލާމްދީނުގައި މަނާ ކަމެކެވެ. ރަސޫލުގެފާނު ޙަދީސް ކުރައްވަނީ ސަލާން ޖަހައިގެން ކައިބޮއި އުޅުމަށްވުރެ ވަލަށް ގޮސް ކުނބުރާން ކޮށައިގެން ބުރިކަށި މައްޗަށް ދަރުބޮނޑި އަރުވައިގެން ބާޒާރަށް ގޮސް އެވިއްކައިގެން ކައިބޮއި އުޅުމުގެ ހެޔޮކަން މާބޮޑެވެ.ޒަކާތުގެ މުދަލާއި ޞަދަޤާތުގެ މުދަލުން ލިބޭ އެއްޗަކުން ދިރިއުޅުމަށްޓަކައި މަސައްކަތްނުކޮށް ތިބޭ މީހުންނަށް އެއިން އެއްޗެއް ޙައްޤުވެގެން ނުވާކަން ރަސޫލުގެފާނު ހާމަ ކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. " لاَ تَحِلُّ الصَدَقَةُ لِغَنِيٍّ وَلَا ذِيْ مِرَّةٍ سَوِيٍّ - މުއްސަނދިންނަށާއި މަސައްކަތް ކޮށްގެން އުޅެވޭ ވަރުގެ ޖާނުގައި ބާރު ހުރި މީހުންނަށް ޞަދަޤާތް ހުއްދަވގެން ނުވެއެވެ. " އަދި އެހެން ބަސްފުޅެއްގައި އެފަދަ މީހުންނަށް ސަލާންޖެހުން ވެސް ވަނީ މަނާކުރައްވައިފައެވެ. ބައެއް މީހުންނަށް މަސައްކަތް ކުރުމުގެ ބާރު ލިބިގެންވިޔަސް މަސައްކަތެއް ނުލިބިފައިވާތަން ފެނެއެވެ. އެފަދަ މީހުންނަށް މަސައްކަތް ހޯދާދިނުމަކީ މުޖްތަމަޢުގެ އަފްރާދުންގެ ވާޖިބެކެވެ.

2- ތިމާގެ މީހުން ބެލެހެއްޓުން: އިސްލާމް ދީނުގައި ގާތް ތިމާގެ މީހުންނަށް ހެޔޮކަން ފޯރުވުމަށް އަންގަވައިފައި ވެއެވެ. އެމީހުންނަށް ހެޔޮކޮށް ހިތުމަށާއި ހެޔޮ ފޯރުވުމަށް ހިތްވަރު ދެއްވައިފައި ވެއެވެ. ގާތް ތިމާގެކަމުގެ ގުޅުން ކަނޑާ މީހުންނަށް މާތް ﷲގެ ކޯފާ ލިބިގެންވެއެވެ. ރަސޫލާ ޙަދީސް ކުރެއްވިއެވެ. " مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ فَلْيصِلْ رَحِمَهُ - ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ފަހެ އޭނާގެ ގާތްތިމާގެ މީހުންނަށް ހެޔޮކަން ފޯރުވާ ހުށިކަމެވެ." ގާތް ތިމާގެ މީހުންނަށް ވަކި މިންވަރެއް ދޭކަށް ނާންގަވައެވެ. ރަސޫލާ އެންގެވީ ހެޔޮ ފޯރުވުމަށެވެ. އެމީހުންގެ ޙާލަތު ނިޔާކުރާ ގޮތެއްގެ މަތިން އެމީހުންނަށް އެހީ ދެވިދާނެއެވެ.

3- ޒަކާތް: މިއީ މުއްސަނދިންގެ އަތުން ނެގޭ މިންވަރެކެވެ. ޒަކާތް ދިނުމަށް އިސްލާމްދީން އަމުރު ކުރެއެވެ. ޒަކާތަކީ އޭގެ ޙައްޤު ވެރީންނަށް މާތް ﷲ ދެއްވާ ދާއިމީ އަހަރީ އެހީއެކެވެ. މިކަމުގެ ސަބަބުން ފަޤީރުކަން ކުޑަވެގެން ދެއެވެ. ނުކުޅެދުންތެރިކަން ނެތިގެން ދެއެވެ. މަސައްކަތް ނުލިބި ތިބި މީހުންނަށް މަސައްކަތް ލިބެއެވެ. ޒަކާތުގެ އިތުރަށްވެސް ފަޤީރުން ތަނަވަސް ކޮށްދެއްވުމަށްޓަކައި ތަފާތު ވަސީލަތްތަކެއް ލައްވައިފައި ވެއެވެ. އޭގެ ތެރޭގައި އުޟްޙިޔާއާއި ކައްފާރާއާއި ހަދްޔާއި ފިދްޔަ ހިމެނެއެވެ.

4- ޞަދަޤާތް: ޞަދަޤާތަކީ ޒަކާތާ މުޅިން ވަކި ކަމެކެވެ. ޞަދަޤާތުގެ އަމާޒަކީ ހެޔޮ ކަންތައްތަކަށް ހިތްވަރުދޭ މީހުން އުފެއްދުމެވެ. މާތް ﷲގެ މަގުގައި ހޭދަކުރާ މީހުންނަށް ގިނަގުނަ ސަވާބު ދެއްވާނެކަން އަންގަވައި މިކަމަށް މީހުން ޝައުޤުވެރި ކުރެއްވިއެވެ. ޞަދަޤާތުގެ ތެރޭގައި އެންމެ ފައިދާ ބޮޑު ޞަދަޤާތަކީ އޭގެ ފައިދާ މެދުނުކެނޑި ލިބިލިބި ހުންނަ ޞަދަޤާތެވެ. ނުވަތަ " صَدَقَةٌ جَارِيَةٌ " އެވެ. މިފަދަ ޞަދަޤާތްތަކުގެ ސަވާބު އޭނާ މަރުވިޔަސް އޭނާއަށް ކުރަމުން ދާނެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.