ޒަމާނީ އަދި ޘަޤާފީ ކުޅިވަރުތަކާއެކު ކ. ހުރާގައި ބޮޑު ޢީދު ފާހަގަކޮށްފިއެވެ. މާލެ އަތޮޅު ހުރާގައިވެސް ބޮޑު ޢީދުގެ ފެށުން އައީ އެހެން އަހަރު ތަކޭ އެއްފަދައިން ޢީދު ހުޅުންނެވެ. ޢީދު ހުޅު ރޯކުރީ ޢީދު ވިލޭރެއެވެ. ޢީދުހުޅުރޯކުރީ މީހުން ދިރިއުޅޭ ސަރަޙައްދާ ވަރަށް ދުރުގައި ހިއްކި ބިމުގައެވެ.
ހުރާގައި ވެސް ޢީދުނަމާދުކުރީ ބޮޑު ޖަމާޢަތުގައި އެރަށު ސްޓޭޑިއަމް ގައެވެ. ޢީދު ނަމާދަށްފަހު ހެދުނުގެ ސައިއޮތީ ރަށު އިޖްތިމާޢީ މަރުކަޒުގައި އާއްމުކޮށް ހުޅުވާލައިފައެވެ. ސައިފޮދަށްފަހު އޮތީ ވެދުމާ ދިއުމެވެ.
ވެދުމާ ދިއުމަކީ ޢީދު ކުޅިވަރުތައް ބޭއްވުމުގެ ހުއްދައަށް ރަށުގެ ވެރިއަކަށް ހުންނަވާ އެންމެ އިސްފަރާތުގެ އަރިއަހުން އެދުމެވެ. ވެދުމާ ދިއުމުގެ ކަންކަމަކީ ވަރަށް ކުރިން ފެށިގެންވެސް ޢީދު ކުޅިވަރުތަކުގެ ތެރޭގައި ހުރާގައި ކުރަމުން އަންނަ ކަމެއް ކަމަށް އެރަށު މީހުން ބުނެއެވެ.
ކައުންސިލް އިންތިޚާބު ވީއްސުރެ ޢީދު ދުވަހު މެންދުރުގެ ކެއުން ވެސް އަންނަނީ ކޮންމެ އަހަރަކު ބާއްވަމުންނެވެ. ޢީދު ކެއުން އޮންންނީ މަގުމަތީގައި އާއްމުކޮށް ހުޅުވާލައިފައެވެ. ތަނަވަސްކަމުގެ އަހުލުވެރިން ޢުލްޙިޔާ ކަތިލުން' ވެސް ހުރާގައި އޮވެއެވެ.
ވިއްސާރަ ވުމުގެ ސަބަބުން ޢީދު ދުވަހު ހަވީރާއި ވަޅުޢީދު ވިލޭރޭގައި ޢީދުގެ އެއްވެސް ކުޅިވަރެއް ނުބޭއްވެއެވެ. ވަޅުޢީދު ދުވަހު ހަވީރު ވަނީ މާލި ޕެރޭޑާއި އެކު ކޯޑީގެ ނެގުމުގެ ޙަރަކާތައް ކުރިއަށް ގެންގޮސްފައެވެ. ވަޅު ޢީދު ދުވަހުގެ ރޭ އޮތީ ސަގާފީ ކުޅިވަރުތަކެވެ. ޖެހިގެން އައި ދުވަހުގެ ހަވީރު އޮތީ ކޯޑި ކެނޑުމާ ގުޅިގެން ކުރިއަށްދާ ޙަރާކާތްތަކެވެ. އަދި ބޮޑެތި މީހުންނާއި ކުޑަކުދިންގެ ތަފާތު ކުޅިވަރުތަކެވެ. އެދުވަހުގެރޭ އޮތީ ޒަމާނީ މިޔުޒިކާއި ލަވައިގެ ޝޯވް އެކެވެ. މި ޝޯވ އަކީ މާލޭގެ ފަންނާނުން ހުރައަށް ގެނެސްގެން ބޭއްވިވި ޝޯވ އެކެވެ. ޢީދުގެ ހަތަރުވަނަ ދުވަހު އޮތީ މާލޭގެ މަޝްހޫރު ބޮޑު ބެރު ގްރޫޕެއް ކަމަށްވާ "1438" ގެ ބޮޑުބެރާއި ރަށުގެ ޒުވާނުންގެ ޙަރަކާތްތަކެވެ. ބޮޑު ޢީދުގެ އެންމެ ފަހު ދުވަހު ބޮޑު ނިގަސް ދަށުގައި ޢީދުބަންދަށް ހުރަޔަށް އައިސް އުޅޭ އެންމެންނާ ރަށުގެ ކުދި ބޮޑު އެންމެންނަށް ބޮޑު ބާބަކިޔު ޖާފަތެއް ވަނީ ބާއްވާފައެވެ. ބޮޑުޢީދު ފާހަގަ ކުރުމަށް ހުރާ ބޭއްވި އެންމެ ފަހު ޙަރަކާތަކީ ރޭގެ ބޮޑު މަސްބޭނުމާއި ރަށުގެ ރައްޔިތުންގެ ޝޯވ އެވެ.
ހުރާގައި ޢީދު ކުޅިވަރުތައް އިންތިޒާމުކޮށްފައިވަނީ ސަރުކާރު މުއައްސަސާތައް ހިމެނޭގޮތަށް ނަގައިފައިވާ ކޮމެޓީއަކުންނެވެ. ޢީދު ކޮމެޓީން ބޮޑު ޢީދު ފާހަގަ ކުރީ ތަފާތު ބާވަތްތަކުގެ އެއްޗިހި ވިއްކައިގެންނާއި ރަށުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ ސްޕޮންސަރ ހޯދައިގެނެންވެ.
ހުރަޔަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރަމުން އަންނަ ރަށެކެވެ.